ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ.
މައްސަލަ ހުށަހެޅުއްވި އަލީ ހުސެއިން ވިދާޅުވެފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު ފާސްކުރި އިސްލާހު ގާނޫނުއަސާސީއާ ހިލާފު އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށްވާތީ އެވެ.
މި މައްސަލައިގެ ތެރެއަށް ތަދަހުއްލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ވަނީ ހުށަހަޅައިފަ އެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ.