ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޑޭޒީފެހި، މުހައްމަދު ހަސަން މަރުވެފައިވަނީ ގެނބިގެން ކަމަށާއި އެކަމުގެ މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
މުހައްމަދު ހަސަންގެ މަރުގެ ސަބަބު ބެލުމަށް އިންޑިއާގައި ޕޯސްޓުމޯޓަމް ހަދަން ފޮނުވި އެވެ. އެ ޕޯސްޓްމޯޓަމް އިން ދައްކާ ގޮތުގައި އޭނާ މަރުވީ ގެނބުމުގެ ސަބަބުންނެވެ. ނަމަވެސް ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މުހައްމަދު ހަސަން އެ ރޭ ދަންވަރު ބަނދަރުމަތީގައި އުޅުނު މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެނިފައިވާ ކަމަށާއި އަދި ބަނދަރުގެ ވާޓަރު މަތިން އޭނާ ފެނިފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ.
އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދުން އެހެން އެއްވެސް މީހެއްގެ ހަރަކާތެއް ފެނިފައިނުވާ ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ. އަދި ބަނދަރު މަތިން މުހައްމަދު މޫދަށް ވެއްޓުނު ކަމަށް ބެލެވެނީ 2:55 ހާއިރު ކަމަށް ވިދާޅުވި އެވެ.
އޭގެފަހުން އޭނާ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
އޭނާގެ ހަށިގަނޑުގައި ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމުގެ ނިޝާންތަކެއް ހުރި ކަމަށާއި ނަމަވެސް މީހެއްގެ ފަރާތުން އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ކަމަށް ސާމިހު ވިދާޅުވި އެވެ.
"މިހާތަނަށް ތަހުގީގަށް ބަލާއިރު މުހައްމަދު ހަސަންގެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް ނުބެލެވޭ،" ސާމިހު ވިދާޅުވި އެވެ.
ސާމިހު ވިދާޅުވީ މި މައްސަލާގެ ތަހުގީގު އެއްކޮށް ނިންމޭނީ ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓް ލިބުމުން ކަމަށެވެ.