logo minivan

English

ބުރާސްފަތި, 12 ޑިސެމްބަރ 2024

ބަންގި ގޮވަން ފެށުމުން، ބަންގި ގޮވާ ނުނިމެނީސް ނަމާދުކުރަން ފެށިދާނެތަ؟

ބަންގީގެ އަޑާއެކު، ރަވާތިބު ސުންނަތް ކުރަން ފެށިދާނެތޯ ނުވަތަ ބަންގި ގޮވާ ނިމެންދެން މަޑުކުރަން ޖެހޭނެތޯ، ބަންގީގެ އަޑާއެކު، ފަރްޟު ނަމާދު ކުރަން ފެށިދާނެތޯ، ނުވަތަ ބަންގި ގޮވާ ނިމެންދެން މަޑުކުރަން ޖެހޭނެތޯ، މިއީ ބައެއް ފަރާތްތަކުން ޖަވާބު އޮޅުން ފިލުވަން ބޭނުންވާ ސުވާލެކެވެ. އަދި އެފަދައިން ނަމާދުކޮށްފި ނަމަ އެ ނަމާދު ޞައްޙަވާނެތޯވެސް ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ.

ނަމާދަކީ ވަޤުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. ނަމާދު ވަޤުތު އިޢުލާނުކުރެވެނީ ބަންގީގެ ޛަރީޢާއިންނެވެ. އެހެންކަމުން، އަބަދުވެސް އަޞްލަކީ، ނަމާދު ވަޤުތު ވަނުމުން ބަންގި ގޮވުމެވެ. އެހެނީ ބަންގިގޮވާ މީހާވަނީ އެ އަމާނާތާ ޙަވާލުކުރެވިގެންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

( الْإِمَامُ ضَامِنٌ ، وَالْمُؤَذِّنُ مُؤْتَمَنٌ ، اللَّهُمَّ أَرْشِدْ الْأَئِمَّةَ ، وَاغْفِرْ لِلْمُؤَذِّنِينَ )

އިމާމު މީހާއަކީ ޒިންމާ ޙަވާލުކުރެވިފައިވާ (ސުވާލުވެވޭނޭ) މީހެކެވެ. އަދި ބަންގިގޮވާ މީހާއަކީ އަމާނާތާ ޙަވާލުކުރެވިފައިވާ މީހެކެވެ. ޔާ ﷲ އިމާމުންނަށް ތެދުމަގުދައްކަވައި، ބަންގި ގޮވާމީހުންނަށް ފާފަފުއްސަވާނދޭވެ! رواه أبو داود (رقم/517) وصححه الألباني في ” صحيح أبي داود ”

މި ޙަދީޘްގައި މިވާ އަމާނާތާ ޙަވާލުކުރެވިފައިވުމޭ ބުނެވޭ ބަހުގެ މުރާދަކީ، ބަންގީގެ ވަޤުތު، ނުވަތަ ނަމާދުގެ ވަޤުތު އެއީ އެއަށް ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭ އަމާނާތަކަށްވުމެވެ. އެހެންކަމުން، އަޞްލަކީ ބަންގިގޮވާ މީހާ، ނަމާދު ވަޤުތު ވަނުމުން މެނުވީ ބަންގި ނުގޮވުމެވެ.

ނަމާދު ވަޤުތު ވަނުމުން، ބަންގި ގޮވަން ފެށުމުން، ނަމާދު ކުރަން ފެށިޔަސް ނަމާދު ކުރަން އެ ފެށުނީ ނަމާދު ވަޤުތު ވަންފަހުންނެވެ. އެހެންކަމުން ބަންގި ނިމެންދެން މަޑުނުކޮށް އެ ނަމާދު ކުރިޔަސް އޭނާގެ ނަމާދު ޞައްޙަވާނެއެވެ. އެއީ ރަވާތިބު ސުންނަތް ކުރިކަމުގައިވިޔަސް ނުވަތަ ފަރްޟު ނަމާދެއް ކުރިކަމުގައިވިޔަސް މެއެވެ.

އެކަމަކު މިގޮތަށް ކަންތައްކޮށްފިނަމަ، ބަންގީގެ ސުންނަތްތަކުން މަޙްރޫމްވާނެއެވެ. އަދި ދުޢާ އިޖާބަކުރައްވާ ވަޤުތުކޮޅަކުންވެސް މަޙްރޫމްވާނެއެވެ. މިފަދައިން ކަންތައްކޮށްފިނަމަ މަޙްރޫމްވާ ސުންނަތްތަކުގެ ތެރޭގައި އަންނަނިވިކަންކަން ހިމެނެއެވެ.

1- ބަންގި ގޮވާ ހިނދު، ބަންގި ގޮވާ މީހާ ކިޔާ ފަދައިން ބަންގީގެ ކަލިމަތައް ތަކުރާރުކުރުން

2- ބަންގި ދުޢާ اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ …

3- ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން

4- ދުޢާ އިޖާބަކުރެއްވޭ ވަޤުތުކޮޅު

ޢިލްމުވެރިން ވިދާޅުވާގޮތުގައި، ކީރިތި ޤުރްއާން ކިޔަވަން އިން މީހާއަށްވެސް، ބަންގި ގޮވައިފިނަމަ، ކީރިތި ޤުރްއާން ކިޔެވުމަށްވުރެ މޮޅު އިތުރީ އެ ހިނދުގައި ބަންގިއަށް އިޖާބަދިނުމެވެ. އެބަހީ ބަންގީގެ ކަލިމަތައް ތަކުރާރުކުރުމާއި، ބަންގިދުޢާ ކިޔުމާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމާއި، ދުޢާ ކުރުމެވެ. (މަރްޖިޢު لقاءات الباب المفتوح-الشيخ ابن عثيمين رحمه الله )

ސުންނަތްތަކާއި ޛިކްރުތަކުގެ މާތްކަން ވަޤުތާއި ޙާލަތުގެ ގޮތުން އެކަތި އަނެކައްޗަށްވުރެ މާތްވެ މޮޅު އިތުރުވެއެވެ. ބަންގި ގޮވުމުން، ބަންގީގެ ސުންނަތަކަށް ޢަމަލުކުރުން މާތްވެ މޮޅުއިތުރުވެއެވެ. ހެނދުނު ނަމަ ޛިކްރުތަކުގެ ތެރެއިން ހެނދުނުގެ ޛިކްރުތައް ކިޔުން އެހެން ޛިކްރުތައް ކިޔުމަށްވުރެ މޮޅުއިތުރު ވެއެވެ. ހަވީރު ނަމަ ހަވީރުގެ ޛިކްރުތައް ކިޔުން އެހެނިހެން ޛިކްރުތައް ކިޔުމަށްވުރެ މޮޅުއިތުރުވެއެވެ.

ޚުލާޞާ: ބަންގި ގޮވުމުން، ބަންގި ގޮވައި ނުނިމެނީސް، ނަމާދުކުރަން ފެށިޔަސް އެ ނަމާދު ޞައްޙަވާނެއެވެ. ސަބަބަކީ ނަމާދުކުރަން އެފަށަނީ ވަޤުތު ވަނުމަށްފަހުގައި ކަމަށްވާތީއެވެ. އެކަމަކު އެގޮތަށް ފަށާނަމަ ބަންގީގެ ސުންނަތްތައް ގެއްލޭނެއެވެ. އަދި ދުޢާ އިޖާބަކުރެއްވޭ ވަޤުތުގެ ފުރުޞަތުވެސް ގެއްލޭނެއެވެ. ވީމާ އެންމެ ރަނގަޅު، މޮޅުއިތުރު ގޮތަކީ، ބަންގި ގޮވާއިރު، ބަންގި ގޮވާ މީހާ ކިޔާ ކަލިމަތައް ތަކުރާރު ކުރުމެވެ. އަދި ބަންގި ގޮވާ ނިމުމުން، ބަންގި ދުޢާ ކިޔުމެވެ. އަދި އޭގެ ފަހުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ. އަދި އޭގެ ފަހުގައި ތިމާ ބޭނުންވާ ކަމަކަށް ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ދުޢާކުރުމެވެ.

ވަﷲ އަޢުލަމް

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *