އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޕާޓީއެއް ކަމަށް ބުނެ އެ ޕާޓީން ކާނިވާ ސަރަހައްދުގައި މިރޭ ބާއްވާން ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރިނުވާން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް (މުސްތޮ) މިއަދު ގޮވާލައިފި އެވެ.
މުސްތޮ އެގޮތަށް ގޮވައިލީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދި ގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގަ އެވެ.
ރައީސް މުއިއްޒު ވެރިކަން ވައްޓާލަން ޖެހޭ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކަށް އިޝާރާތްކޮށް މުސްތޮ ވިދާޅުވީ ރައްޔިތުންނަށް ވެރިއަކު ކަމުނުގޮސްފިނަމަ އެކަން ކުރަން ޖެހޭނީ ޑިމޮކްރެޓިކްގެ ރީތި އުސޫލުން، ރައްޔިތުންގެ ވޯޓުން ކަމަށެވެ.
މުސްތޮ ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީ ގެނައި އެ ޕާޓީން ކަމަށް ދައުވާކުރާ އެމްޑީޕީން ދައްކަނީ އިސްލާމްދީނާއި، ރާއްޖޭގެ ގާނޫނުއަސާސީއާވެސް ހިލާފު ވާހަކަތަކެއް ކަމަށެވެ. ފައްޔާޒު އިއްޔެ ދެއްކެވި ވާހަކަ ތަކަކީ ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަތަކެއްކަން ފާހަގަކޮށް މުސްތޮ ވިދާޅުވީ އެ ވާހަކަތައް ޓެރަރިޒަމް ގާނޫނުގެ "ގޮޅި" އަށް ބަރާބަރަށް ފެތޭ ކަމަށެވެ.
ވެރިކަން ކޮށްފައި ތިބި މީހުންނާ މެދު ގަތުލުއާންމު ހިންގުމަށް ހިތްވަރު ދިނުން އެއީ އެންމެ ބޮޑު ކުށް ނޫންތޯ ކަމަށް ވިދާޅުވެ ސުވާލު އުފެއްދެވި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ދެވަނަ ދައުރެއް ނުދޭން ރައްޔިތުން ނިންމީ ސަބަބަކީ އަނިޔާވެރިކަމުގެ މާޒީއަށް ދާން ބޭނުންނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ގައުމުގައި ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލަން ރައްޔިތުން މިއަދު ބޭނުންނުވާކަން ފާހަގަކޮށް މުސްތޮ ވިދާޅުވީ "ގާނޫނުއަސާސީގެ ދިފާއުގައި" އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި ޓެރަރިޒަމަށް ހިތްވަރުދޭނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ.
"ރައްޔިތުން އެތަނަށް ދިއުމަކީ އަޅުގަނޑު ދަންނަވާނީ މިކަމަށް ހިތްވަރު ދިނުމޭ. އެހެންވީމާ ދިވެހި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން އިހުލާސްތެރިކަމާއެކީ ގޮވާލަން މިރޭ އޮތް ބައްދަލުވުމަށް މިރޭ ނުދިއުމަށް"
ހަމަނުޖެހުމަށް ހިތްވަރުދޭ މީހުން މިހާރު މިހާރަށް ހައްޔަރުކޮށް, މައްސަލަ ތަހުގީގުކުރަން މުސްތޮ ގޮވާލި އެވެ.