މުހިއްމު ތިން މިނިސްޓްރީއެއްގައި ރޯވެ މިއަދު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ފްލެޓް ލިސްޓަށް އަލިފާނުގެ އަސަރެއް ނުކުރާ ކަމަށާއި އެ މައުލޫމާތު ރައްކާތެރިކަމާ އެކު ހުރި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އަލިފާނުގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ ވަނީ އަނދައި ހުލިވެފަ އެވެ. އެ އިމާރާތްތަކުގެ ތެރޭގައި ހުރި މުހިއްމު ބައެއް ލިޔެކިޔުންތައް ސަލާމަތް ނުކުރެވުނެވެ. އޭގެތެރޭގައި، އުފަންވާ ކުދިން ރަޖިސްޓްރީކުރުމާއި އާބާދީއާ ބެހޭ މައުލޫމާތު ބަލަހައްޓާ، މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީހުގައި ހުރި ލިއުންތައް ހިމެނެ އެވެ.
އެއާއެކު، ފްލެޓު ލިސްޓަށް ވީ ގޮތާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓް ލިސްޓާއި ބިންވެރިޔާ ސްކީމުން ދޫކުރާ ލިއުންތަކަށް އަސަރު ނުކުރާ ކަމުގެ ޔަގީންކަން ދީފަ އެވެ.
މިނިސްޓްރީން ބުނީ ހައުސިން ސްކީމްގެ ލިޔެކިޔުންތައް ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާތީ އަލިފާނުގެ ހާދިސާގައި އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
އޭގެ ފަހުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތައް އެ މިނިސްޓްރީގެ ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ ކަމަށެވެ. އެހެންވެ، އެ މައުލޫމާތުތަކަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ބުންޏެވެ.
"މި ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރަމުންދާ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.
އިމާރާތްތަކުގައި ރޯވި އަލިފާން އެމްއެންޑީއެފުން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.