ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުން ކަނޑައެޅުމުގެ ބާރު ހޯމް މިނިސްޓަރާއި ފުލުހުންނާއި ސިފައިން ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލްގައި ހިމެނި ބައި އުނިކޮށް ސީދާ ގާނޫނުން އެކަން ކަނޑައަޅަން ހިމަނައިފި އެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ތައްޔާރުކުރި ބިލްގައި ފުރަތަމަ ބަޔާންކޮށްފައި އޮތީ ގޭންގުތަކާއި ގޭންގު ލީޑަރުންނާއި މެމްބަރުންނަކީ ކޮބައިކަން ކަނޑައަޅާނީ ފުލުހުންނަށް ޒިންމާވާ މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ސިފައިންގެ އިންޓެލިޖެންސްގެ ވެރިޔާ އިންނަވާ ގޮތަށް އެކުލަވައިލާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.
ބިލްގެ ފުރަތަމަ ޑްރާފްޓްގައި ކޮމިޓީއެއްގެ އަތް މައްޗަށް އެ ބާރު ދޫކޮށްލާ ގޮތަށް އޮތުމުން ފާޑުކިޔުން އަމާޒުވި އެވެ. އެއީ ވަކި ސިޔާސީ ފިކުރަކުން ބޭނުންވާ ގޮތަށް ގޭންގުތަކާއި ގޭންގު ލީޑަރުން ކަނޑައެޅުމާއި ކަނޑަނޭޅުން އާންމުވެ ކަންކަން ބޮއްސުންު ލުމުގެ ބިރު އޮތުމުންނެވެ.
ނަމަވެސް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމާ ބެހޭ ބިލްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅިއިރު، ކޮމިޓީގެ ބައި ހިމެނޭ މާއްދާ މިހާރު ވަނީ އުނިކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި ބިލްގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއް ކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއް ކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ.