logo minivan

English

ބުރާސްފަތި, 19 ޑިސެމްބަރ 2024

ދުންފަތް މަނާކުރުމުގެ ޤާނޫނާ ހިލާފްވާ ފަރާތްތަކުގެ ފޯނަށް ޖޫރިމަނާ ދެއްކުމަށް ފުލުހުން ފޮނުވާނީ ވާރުޕޭ ޕޭމަންޓް ލިންކެއް: ފުލުހުން

ދުންފަތް މަނާކުރުމުގެ ޤާނޫނާ ހިލާފްވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއަޅާނެގޮތް ބަޔާންކޮށް ފުލުހުން ބަޔާނެއް ނެރެެފިއެވެ.

އެކަން ހާމަކޮށް ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދުންފަތް މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަންބަރު 15/2010) އަށް ގެނެސްފައިވާ 1 ވަނަ އިސްލާހުގެ ދަށުން އެ ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅުމާއި ޖޫރިމަނާ ކުރުމުގެ މަސައްކަތް އެ މުވައްސަސާއިން  ކުރަމުން ގެންދާނެ ކަމަށާއި އެކަން ކުރާނެ ގޮތް އާއްމުންގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށެވެ.

އެގޮތުން ފުލުހުންގެ ބަޔާނުގައި ބުނެފައިފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާމެދުގައްޔާއި، އަދި އެފަދަ އާލާތްތައް ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށް ދިވެހި ފުލުހުންގެ ހިދުމަތުން ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި މި މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައި ވާނެ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމައަށް އަމަލު ކުރެއްވުމަށާ މި ގާނޫނު ތަންފީޒު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށާއި އެންމެންގެ ވެސް އަމާޒަކަށް ވާންވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށް ބުނެފައިވެއެވެ.

ވީމާ ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމައަށް އަމަލު ކުރެއްވުމަށާ މި ގާނޫނު ތަންފީޒު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރަމެވެ. އަޅުގަނޑުމެން އެންމެންގެ ވެސް އަމާޒަކަށް ވާންވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ދުންފަތް މަނާކުރުމުގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިސްލާހުގެ ދަށުން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ކަނޑަައަޅައިފަ އެވެ. އަދި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށާއި، އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ. އޭގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ އެވެ. އޭގެ އިތުރުން އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *