logo minivan

English

ބުދަ, 08 ޖެނުއަރީ 2025

ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ލިބަރަލް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި، ޕާޓީގެ ލީޑަރަކު ކަނޑައެޅެންދެން ބޮޑުވަޒީރުކަމުގައި ހުންނަވާނެކަން އިއުލާނުކުރައްވައިފި

ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ލިބަރަލް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި، ޕާޓީގެ ލީޑަރަކު ކަނޑައެޅެންދެން ބޮޑުވަޒީރުކަމުގައި ހުންނަވާނެކަން އިއުލާނުކުރައްވައިފިއެވެ.

ޖަސްޓިން ޓްރޫޑޯ ބޮޑުވަޒީރުކަމުގެ މަގާމުންނާއި ޕާޓީގެ ލީޑަރ ކަމުގެމަގާމުން އިސްތިއުފާދެއްވާނެކަމުގެ އަޑުތައް ވަރަށްބޮޑަށް ފެތުރިފައިވަނިކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓްރޫޑޯ އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާފައިވާއިރު ޓްރޫޑޯ ލިބަރަލް ޕާޓީގެ ލީޓަރ ގެ މަގާމުގައި 10 އަހަރު ހުންނެވުމަށްފަހުއެވެ. ޓްރޫޑޯ ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކުރާނެ ކަމަށެވެ. އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާޓީގެ އާ ލީޑަރަކު ކަނޑައަޅަންދެން އޭނާ ހުންނާނީ ބޮޑުވަޒީރުގެ މަގާމުގަ އެވެ.

ޓްރޫޑޯ އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެގެން ދިޔައީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާގެ މުދަލުން 25 އިންސައްތަ ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން، ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް ހޯއްދަވައިނުދެވި ޓްރޫޑޯއާއި ހިޔާލުތަފާތުވެ މިދިޔަ މަހު ފިނޭންސް މިނިސްޓަރު ކްރިސްޓިއާ ފްރީލޭންޑް އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.

އޭގެ ފަހުން ޓްރޫޑޯގެ ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހުން އިތުރުވެ، އާންމުންގެ ރުހުން ހޯދުމުގެ ރޭޓިން ދަށްވެ، ކޮންޒަވޭޓިވް ކޯލިޝަނާ ދެކޮޅަށް ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާ މެދު ކަންބޮޑުވުން އުވަނީ އުފެދިފައެވެ.

ޓްރޫޑޯގެ ބަދަލުގައި ބޮޑުވަޒީރުކަށް ވާދަކުރެއްވުމުގެ ރޭހުގައި ސަރުކާރުގެ އިސް ބޭފުޅުން ކަމަށްވާ ފޮރިން މިނިސްޓަރު މެލަނީ ޖޯލީ އާއި އިނޮވޭޝަން މިނިސްޓަރު ފްރާންސުވާ-ފިލިޕް ޝެމްޕޭން އަދި ކުރީގެ ސެންޓްރަލް ބޭންކަރު މާކް ކާނީ ހިމެނޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އިންތިގާލީ ލީޑަރެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ޑޮމިނިކް ލެބްލާންކްގެ ނަން ވެސް ހިމަނާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހިޔާލުހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ޓްރޫޑޯގެ ލީޑަޝިޕްގެ ސަބަބުން ލިބަރަލް ޕާޓީއަށް އާންމުންގެ ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެންގަސް ރީޑް އިންސްޓިޓިއުޓްގެ އެންމެ ފަހުގެ  ޕޯލްގައިވާ ގޮތުން ކެނެޑާގެ ބޮޑުވަޒީރަށް އެޕްރޫވަލް ރޭޓިން ލިބިފައިވަނީ އެންމެ 28 ޕަސެންޓުގަ އެވެ.

ލިބަރަލް ޕާޓީގެ ލީޑަރުކަމާ ޖަސްޓިން ޓްރޫޑޯ ހަވާލުވެވަޑައިގަތީ 2013 ވަނަ އަހަރު އެ ޕާޓީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފުރަތަމަ ފަހަރަށް ހައުސް އޮފް ކޮމަންސްގެ ތިން ވަނައަށް އެ ޕާޓީ ވެއްޓިފައިވަނިކޮށެވެ. އެއަށްފަހު 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން، 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އިންތިހާބު ލިބަރަލް ޕާޓީއަށް ކާމިޔާބު ކޮށްދެއްވާފައިވެއެވެ.

ނަމަވެސް ފަހުގެ ތާރީހެއްގައި އޭނާގެ މަގުބޫލުކަން ދަށަށް ގޮސްފައިވާއިރު، އޭނާގެ އިސްތިއުފާއަށް ގޮވާލަމުން ދަނިކޮށް އިތުބާރު ނެތްކަމުގެ ސިލްސިލާ ވޯޓުން އޭނާގެ ސަރުކާރު ވަނީ ސަލާމަތްވެފަ އެވެ. ޓްރޫޑޯގެ މަގްބޫލުކަމަށް އެއްމެ ބޮޑަށް ދަށަށްދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލޭންޑް، ޓްރޫޑޯއާ ދެކޮޅަށް ކެބިނެޓުގެ ތެރެއިން ފާޅުގައި ފާޅުގައި ޚިޔާލު ތަފާތުވެވަޑައިގަތުމާގުޅިގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *