ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ރޯދާ މަހުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ފްލެޓް ލިސްޓު އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނި ނަމަވެސް އެ މުއްދަތަށް ލިސްޓު އާންމު ނުކުރެވުނު އިރު ދެން މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގައި ލިސްޓު އާންމުކުރާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތަށް ވެސް އާންމެއް ނުކުރެ އެވެ.
އޭގެ ފަހުން ހައުސިން މިނިސްޓްރީން ބުނީ ކުރިން އާންމު ކޮށްފައިވާ "ގެދޮރުވެރިޔާ" ސްކީމުގެ އުސޫލުގެ ދަށުން ކަށަވަރުކުރަން ޖެހޭ ގިނަ ކަންކަން ހުރުމާއި ގުޅިގެން އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. އެހެންވެ އަނެއްކާވެސް މުއްދަތެއް ނެތް ގޮތަށް ލިސްޓު ނެރުނު ފަސްކޮށްފައިވާ ކަމަށެވެ.
އަޅުގަނޑު އުއްމީދުކުރަނީ ވީހާވެސް އަވަހަށް މި 4000 ފްލެޓު ކަންތައް ނިންމައި އަޅުގަނޑުމެންނަށް އިއުލާން ކުރެވޭނެ ކަމަށް. ރޯދައިގެ ކުރިއަށް އިއުލާންކުރަން މަސައްކަތްކުރަނީ، އަޅުގަނޑަށް ވަރަށް ގަބޫލުކުރެވޭ"
ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފްލެޓް ލިސްޓު އާއްމުކުރާނެ ތާރީހަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނުހައްގުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާނަމަ އެކަން ބަލާނެ ކަމަށް ކުރިން ވިދާޅުވެފައިވާ ވިދާޅުވުން ރައީސް ތަކުރާރުކުރެއްވި އެވެ.
މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓް ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅައިފަ އެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި، އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓު ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.