މި ލިޔުމަކީ އިރުވަރު ނޫހަށް ޑރ. އައިޝަތު ޝިރާނީ ލިޔުއްވާފައިވާ ލިޔުމެކެވެ. މި ނޫހުގައި މި ރިޕޯޓް ޝާއިރުކޮއްފައި މިވަނީ އެފަރާތުގެ ހުއްދައާއި އެކުގައެވެ.
ލޮނަކީ އަޅުގަނޑުމެންގެ ކެއުމުގައި ވަރަށް މުހިންމު އެއްޗެކެވެ. ލޮނުހެޔޮވަރު ކެއުމެއް ސުފުރާމަތީ އަތުރާލުމަކީ ކޮންމެ ގެއެއްގައިމެ ވަރަށް މުހިންމުކަމެކެވެ. ރޯދައަށް ތިބެގެންވެސް ދުލުގެ ކުރިންނަމަވެސް ލޮނުހެޔޮވަރުކުރަން އެކުރާމަސައްކަތަކީ މިކަމުގެ ހެއްކެކެވެ. އަދި ލޮނުގެ މައްސަލައިގައި ސުފުރާމަތި ހޫނުވާ ވާހަކައަކީވެސް ދެކެވޭ ވާހަކަތަކެވެ. ދިވެހިންގެ ތެރޭގައި އެކަންޏެއް ނޫނެވެ. ކެއުމުގެ އާދަކާދަ އާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ގޮތުން ބޭނުންކުރެވޭ މިންވަރު ތަފާތުވިނަމަވެސް ކޮންމެ ނަސްލެއްގެ، ކޮންމެ ގައުމެއްގެ ކެއުމުގެ ތެރޭގައިވެސް ލޮނު ނުހިމެނިއެއް ނުދާނެއެވެ. ރައީސުންގެ ސުފުރާއިން ފެށިގެން އާންމު ރައްޔިތުމީހާގެ ބަދިގޭގައިވެސް ލޮނު ނުހުރެއެއް ނުދާނެއެވެ. ގެއިން ލޮނު ހުސްވުމަކީ ބަދު ނަސީބުކަމެއްގެ ގޮތުގައި ދެކޭ ދަރިކޮޅުތައް ދުނިޔޭގައި މިއަދުވެސް އެބައުޅެއެވެ. އެހެންކަމުން ލޮނާއި ބެހޭގޮތުން އެނގެނީ ކިހާމިންވަރަކަށްތޯ ބަލާލުން މުހިންމު ނޫންތޯއެވެ؟
ދުވާލެއްގެ މައްޗަށް ލޮނު ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަކީ 5 ގްރާމަށްވުރެ ގިނަނުވާ މިންވަރެކެވެ. އެއީ ގާތްގަނޑަކަށް ސައިސަމުސަލަކަށްވުރެ ގިނަނުވާ މިންވަރެކެވެ. ބޭނުންކުރާ ލޮނަކީ އަޔޮޑިން އެކުލެވޭ ލޮނުކަމުގައި ވުމަކީ މުހިންމުކަމެއްގެ ގޮތުގައިވެސް އެޖަމިއްޔާއިން ފާހަގަކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުން އާއްމުގޮތެއްގައި ދުވާލެއްގެ މައްޗަށް 9-12 ގްރާމާއި ދެމެދުގެ މިންވަރަކަށް ލޮނުބޭނުންކުރެވެއެވެ. މިއީ ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ދެގުނަ އިތުރުއަދަދެކެވެ. ތަރައްގީވަމުން އަންނަގައުމުތަކުގައި ކެއުމުގައި ބޭނުންކުރާ ލޮނުގެ މިންވަރު އިތުރުވާ ސަބަބަކީ ކާއެއްޗެއްސަށް އަޅާ ލޮނުގެ މިންވަރު އިތުރުވުމުގެ އިތުރުން ތައްޔާރީ ކާނާ ކެއުމުގައި ބޭނުންކުރެވޭ މިންވަރު އިތުރުވުމެވެ. ތައްޔާރީ ކާނާގެ ތެރެއިން ހާއްސަގޮތެއްގައި ބަންދުކުރެވިފައި ހުންނަ ލުއިކާނާއާއި މަހުގެ ބާވަތްތައް، ކެއްކުމަށް ބޭނުންކުރެވޭ ސޯސް، ޕާން އަދި ސީރިއަލް ފަދަ އެއްޗެހީގެ އިތުރުން ނޫޑްލްސްއަކީވެސް ލޮނުގެ މިންވަރު ނިސްބަތުން ގިނައިން ހިމެނޭތަކެއްޗެވެ.
ލޮނާއި ބެހޭގޮތުން ހީކުރެވޭ ކުށްހީތައް:
"ލޮނާއި ނުލާ ކާއެއްޗެހީގެ ރަހަ ހެޔޮވަރު ނުވާނެ" މިއީ މުޅިންރަގަޅު ހީއެއްނޫނެވެ. ލޮނުމަދުކޮށް ކާންފެށުމުން ދޫ އެކަމަށް ހޭނި ކާއެއްޗެހީގައި ހުންނަ އެހެން ރަހަތައް ދެނަގެނެވި ރަހައަށް އިތުރުފުރިހަމަކަމެއް އަންނަކަމަށް ފާހަގަކުރެވެއެވެ.
ހޫނުދުވަސްވަރު ގިނައިން ދާހިއްލާނަމަ ގިނައިން ލޮނުބޭނުންކުރަން ޖެހޭކަމަށް ހީކުރެވޭ ހީކުރެވުމަކީވެސް ކުށްހީއެކެވެ. ދަލާއެކު ނިސްބަތުން ގެއްލޭނީ މަދުމިންވަރެއްގެ ލޮނެވެ. މުހިންމުކަމަކީ ފެންބޮވޭ މިންވަރު އިތުރުކުރުމެވެ.
މޫދު ލޮނު އެއީ އެންމެ ރަގަޅު ލޮނުކަމުގައި ކުރީގައި ގަބޫލުކުރެވެމުން އައި ނަމަވެސް ގަބޫލުކުރަންވީ ކޮންމެ ލޮނެއްގައިވެސް ސޯޑިއަމް ގިނަވެއްޖެނަމަ ހަށިގަނޑަށް ގެއްލުންވާނެކަމެވެ. އަދި ކެއުމުގައި ހިމަނަންވީ އަޔޮޑިން ހިމެނޭ ލޮނުކަމެވެ.
ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދު ކުރަންޖެހެނީ އުމުރުން ދޮށީއުމުރުގެ މީހުންކަމަށް ގިނަބަޔަކު ގަބޫލުކުރިނަމަވެސް، ކެއުމުގައި ބޭނުންކުރާ ލޮނުގެ މިންވަރު އިތުރުވުމުން ލޭމައްޗަށް ދިއުމުގެ ފުރުސަތު ކޮންމެ އުމުރުފުރައެއްގެ މީހުންނަށްވެސް އިތުރުވެއެވެ.
ލޮނު ގިނައިން ހުންނަނީ ލޮނުރަހަ ގަދަ ކާއެއްޗެހީގައިކަމަށް ހީކުރެވުމަކީވެސް ކުށްހީއެކެވެ. ބައެއްފަހަރު ތައްޔާރީކާނާގެ ބާވަތްތަކުގައި ލޮނުރަހަ ގަދަ ނުވިނަމަވެސް ލޮނުހުންނަ މިންވަރު އިތުރުވެދާނެއެވެ.
ކެއުމުގައި ބޭނުންކުރެވޭ ލޮނުގެމިންވަރު ވަކިމިނެއްގައި ހިފެހެއްޓުން މުހިންމުވާ ސަބަބަކީ ލޮނަކީ ހަށިގަނޑުގައި ބޭނުންވާ މިންވަރަށް ފެން ހިފަހައްޓާ، ނާރުތަކުގެ ހިނގުމަށް މުހިންމު މާއްދާއަކަށްވީ ނަމަވެސް މިންވަރަށްވުރެ އިތުރުވެއްޖެނަމަ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުންވާތީއެވެ. ލޭމައްޗަށް ދިއުމާއި ހިތުގެބަލި އަދި ވާގިނެތޭފަދަ ބަލިތައްޖެހުމުގެ ފުރުސަތު އިތުރުވާ ސަބަބެއް ކަމުގައި ވާތީއެވެ. އަދި މިހުރިހާ ބައްޔަކަށް މަގުފަހިކުރުވާ ކަމެއްކަމުގައިވާ ބަރުދަން އިތުރުވާން ދިމާވާ ސަބަބެއް ކަމުގައިވެސް ލޮނުގެމިންވަރު އިތުރުވުން ހިމެނެއެވެ. ކެއުމުގައި ހިމެނޭ ލޮނުގެ މިންވަރު މަދުކުރުމަކީ ޖީބަށްލުއި، އަތުން ހަރަދެއް ދިއުމަކާ ނުލާ އަމިއްލަ ސިއްހަތު އަދި މުޖުތަމަޢުގެ އާންމު ސިއްހަތު ރަގަޅުކުރުމަށް ކުރެވިދާނެކަމެކެވެ.
މިގޮތުން މިކަންތައް ހާސިލްކުރުމަށްޓަކައި ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ކެއްކުމުގައި ބޭނުންކުރާ ލޮނުގެ މިންވަރު މަދުކުރުން ހިމެނެއެވެ. ކުޑަކުދިން ކުޑައިރުން ފެށިގެންވެސް މިއާދަ އަށަގެންނެވުމަކީ ކުރިއަށް އޮތް ޖީލުތަކުގެ ސިއްހަތަށްވެސް ފައިދާ ކުރާނެކަމެކެވެ. މީގެ އިތުރުން ތައްޔާރީ ކާނާ ބޭނުންކުރާ މިންވަރު މަދުކުރުމާއި، މިފަދަ ތަކެތި ގަންނައިރު އުރައިގެ ބޭރުގައި ހުންނަ ލޮނުގެމިންވަރު ބެލުމަށްފަހު ގަތުމަކީ މުހިންމުކަމެކެވެ. މިއާއިއެކު މޭޒުމަތީގައި ލޮނުފުޅި ނުބެހެއްޓުމަކީވެސް ކުރެވިދާނެކަމެކެވެ. ހަމަ މިބީދައިން ސައި ހޮޓާތަކާއި ރެސްޓޯރެންޓު ފަދަ ތަންތަނުގައި ކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރެވޭ ތަކެތީގައި ލޮނު ހުންނަމިންވަރު މަދު ކުރުމާއި މޭޒުމަތީ އިތުރަށް ލޮނު ނުބެހެއްޓުމަކީ ކުރެވިދާނެ މުހިންމުކަމެކެވެ. ފިހާރަތަކުގައި ހުންނަ ތަކެތީގައި ހުންނަ ލޮނުގެ މިންވަރު ފަސޭހައިން އެގޭނެ ގޮތަކަށް ބެހެއްޓުމާއި، ކާއެއްޗެހި އެތެރެކުރުމުގައިވެސް ލޮނުގެ މިންވަރު މަދު ތަކެތި އެތެރެކުރެވޭނެ އުސޫލުތަކެއް ހުރުން މުހިންމެވެ.
ދެބަސްވެވެންނެތް ކަމަކީ އަޅުގަނޑުމެންގެ ހަށިގަނޑަށްވެސް އަދި ޓޭސްޓް ބަޑްސްތަކަށްވެސް ލޮނުމުހިންމުކަމެވެ. ދަސްކުރަންވީ މިނުގައި ހިފަހައްޓާށެވެ. 5 ގްރާމަށްވުރެ އިތުރުވިޔަ ނުދިނުމެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ ފުރުސަތު ބޮޑުކުރުމަށެވެ. ދުނިޔޭގެ އާބާދީގެ ތެރެއިން ގިނަ މީހުން މިމިންގަނޑަށް ލޮނުބޭނުންކުރާ މިންވަރު ދައްކުރެވިއްޖެނަމަ 2.5 މިލިއަން މީހުންނަށް ދުޅަހެޔޮ، ދިގު އުމުރެއް ލިބިދާނެކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އެހެންކަމުން 2025 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީގައި ލޮނު ބޭނުންކުރާ މިންވަރު %30 ދަށްކުރުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަނޑުދަނޑިތެރޭގައި ހިމެނޭކަމެއްމެއެވެ.