logo minivan

English

ހޯމަ, 15 އޭޕްރިލް 2024

ޗާގޯސް މައްސަލައިގާ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ނިންމުމެއް ނިންމާފައިނުވާނެ: ރައީސް ސޯލިހު

ޗާގޯސް މައްސަލައިގާ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ނިންމުމެއް ނިންމާފައިނުވާނެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މައްސަލައިގެ ބައެއް ތާރީޚްތައް ސާފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލަ އަކީ ޙައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސައެއްކަން ފާހަގަކުރައްވާފައެވެ.

އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަން ފާހަގަކުރައްވަމުން، މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލައަށް ޙައްލެއް ނުހޯދި އޮންނަތާ ވެސް ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ. އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރުވެސް، އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަޝްވަރާތަކެއް ކުރި. ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އިމުގެ ސަރަޙައްދު، ފުށުއަރާ ސަރަޙައްދާ ދޭތެރޭގައި ގޮތެއް ހޯދުމަށްޓަކައި އިނގިރޭސިވިލާތާ އެކީގައި، 1992 ވަނަ އަހަރު މަޝްވަރާކޮށް އެއްބަސްވެފައި އެބައޮތް. އޭރު އިނގިރޭސި ސަރުކާރާ އެކުގައި އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު، ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، ޤާނޫނުއަސާސީގައި ސާފުކޮށް އޮންނަކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާ ނަމަ ޢަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

"މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް، މި ސަރުކާރަކުން މިހާތަނަށްވެސް ނިންމާފައެއް ނޯންނާނެ. އަދި ދެންވެސް، އެފަދަ ގެއްލުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނަން. ދިވެހިރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބައޮތް. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ޤައުމެއްގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާނަމަ ޢަމަލުކުރާނެ ގޮތް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތް." ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް މިކަންކަން މިހެންހުރި ނަމަވެސް މި މައްސަލައިގައިވެސް ވަކި މީހެއް ނުވަތަ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *