ރާއްޖޭގައު މިވަގުތު ތިބީ އެޗްއައިވީ އެއިޑްސްއަށް ފަަރުވާ ހޯދާ 22 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކާ، އެއިޑްސްބައްޔާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަށް ވާތީ އެޗްޕީއޭއިން މިއަދު އާއްމުކުރި ރިޕޯޓެއްގައި ބުނި ގޮތުގައި 1991 ވަނަ އަހަރު ރާއްޖޭން ފުރަތަމަ ފަހަރަށް އެއިޑްސް ބަލި ފެނުނު ފަހުން މިހައިތަނަށް އެ ބަލި ޖެހުނުކަމަށް ރެކޯޑްކުރެވިފައި ވަނީ ޖުމްލަ 39 މީހެކެވެ. އެއީ 33 ފިރިހެނުންނާއި ހަ އަންހެނުންނެވެ.
އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން 15 މީހަކު މިހާރު މަރުވެފައިވާ ކަމަށެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަސް ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރެ އެވެ. އެޗްްޕީއޭއިން ބުނި ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ އެޗްއައިވީ އެއިޑްސްގެ ނުރައްކަލުން މުުޖުތަމައު ސަލާމަތްކުރުމަށް ޓަކައި ހޭލުންތެރިކުރުވުމެވެ. ބަލިފެތުރެން މަގުފަހިވާ ފަަދަ އާދަތަކާ ދުރުހެލިވުމަށް މީހުންނަށް އެހީތެރިވުމަކީ ވެސް އެ ދުވަސް ފާހަގަކުރުމުގެ އެއް މަގުސަދެވެ.
ރާއްޖޭގައި މިއަހަރު މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ހިންގާނީ މިމަހުގެ ފަހަކުން 12 އަށް ގއ. އަތޮޅުގަ އެވެ.
ރާއްޖޭގައި އެޗްއައިވީ އެއިޑްސް އަށް މީހުން ހޭލުންތެރިކުރުވުމާއި އެބަލިން މީހުން ރައްކާތެރިކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އިންތިޒާމްކޮށް ބަލަހައްޓަނީ އެޗްޕީއޭ އިންނެވެ.
އެޗްއައިވީ އެއިޑް އަކީ ކޮބާ؟
އެޗްއައިވީ އަކީ އެއިޑްސް ބަލި ޖައްސާ ވައިރަހަށް ކިޔާ ނަމެކެވެ. އެއީ މީހުންގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ވައިރަހެކެވެ. އެ ވައިރަސް މީހެއްގެ ހަށިގަނޑަށް ވަންނަތާ އަހަރުތަކެއް ފަހުން ދިފާއީ ނިޒާމު ބަލިކަށިވެ، އެހެން ބަލިތަކުން ދިފާއުވުން ގާތްގަނޑަކަށް ހުއްޓުމަކަށް އާދެ އެވެ. އެ ހިސާބުން އެމީހަކަށް އެކި ބަލިތައް ޖެހެން ފަށަ އެވެ. އެއިޑްސް ޖެހުނު ކަމަށް ބަލަނީ އެހިސާބުންނެވެ.
ފެންނަ ފެނުމުގައި ސިއްހަތު ރަނގަޅު މީހެއްގެ ގައިިގައި ވެސް އެޗްއައިވީ ހުރެދާނެ އެވެ. އެ ވައިރަސް ނެތްކަން ޔަގީންކުރެވޭނީ ޓެސްޓް ހަދައިގެންނެވެ. ރާއްޖޭގައި އެކިއެކި މަރުހަލާގައި މީހުން އެއިޑްސް އަށް ޓެސްޓްކުރެ އެވެ. މާބަނޑުވުމުންނާއި އެކިއެކި އޮޕަރޭޝަންތައް ކުރުން އައި ލޭ ދިނުް ފަދަ ކަންކަމަށް ވެސް ރާއްޖޭގައި މީހުން ޓެސްޓް ކުރެ އެވެ.
އެގޮތުން ޓެސްޓްކުރާ މީހަކު ފުރަތަމަ މަރުހަލާގައި އެބައްޔަށް ޕޮޒިޓިވް ވެއްޖެ ނަމަ އެކަން އިތުރަށް ކަށަވަރުކުރަން ދެވަނަ ފަހަަރަށް ވެސް ޓެސްޓްކުރެ އެވެ.