މާޅޮހުގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ރައީސް ސޯލިހު އެރަށު ކައުންސިލާ ޙިއްޞާ ކުރައްވައިފިއެވެ.
މި މައުުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވީ ބ. މާޅޮހު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައެވެ.
މާޅޮހު ކައުންސިލަރުންނާއި އެރަށުގެ ޑަބްލިއުޑީސީ މެމްބަރުންނާ ރައީސް އިއްޔެ ބައްދަލުކުރެއްވީ ރައީސް އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި މާޅޮހު ކައުންސިލަރުން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކުދި ރައްތަކުގެ ތަރައްގީ ވަރައް ބޮޑަށް ދޫކޮށްލާފައިވީ ނަމަވެސް މި ސަރުކާރުން ކުދި ރަށްތަކަށް ވެސް ތަރައްގީ ގެނެއުމަށް ކުރަމުން ދާ މަސައްކަތް ފާހަގަ ކުރައްވާ ކަމަށެވެ. އެގޮތުން މާޅޮހުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އުފާކުރައްވާ ކަމަށް ވެސް ރައީސް އަރިހު ކައުންސިލަރުން ވިދާޅުވި އެވެ.
މާޅޮހު ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު އެ ބައްދަލުވުމުގައި ކައުންސިލަރުން ރައީސާ ހިއްސާކުރެއްވި އެވެ. އޭގެ އެއްކަމަކީ އެބޭފުޅުން ވިދާޅުވި ގޮތުގައި އެ ރަށުގެ ބަންދަރުގެ ދަތިކަމެވެ. އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައާއި، ދޯނި ފަހަރު އެހެލާ ސަރަހައްދެއް ނެތުމުގެ ދަތިކަމުގެ ވާހަކަ ވެސް ކައުންސިލަރުން ރައީސަށް ދެންނެވި އެވެ. އަދި އެކަންކަމަށް ހައްލެއް ހޯއްދަަވައިދެއްވަން ކައުންސިލަރުން އެދިވަޑައިގެންނެވި އެވެ
މާޅޮހުގެ މިސްކިތުގެ ޖާގަ ކުޑަވުމުން ދަތިވާ ކަމަށާއި އެރަށުގައި ދީނީ ޕްރޮގްރާމްތައް ހިންގަން ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ބޭނުންވާކަމަށް ވެސް ކައުންސިލަރުން ރައީސް އަރިހު ވިދާޅުވި އެވެ.
މާޅޮހު އަނަހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ރައީސަށް ދެންނެވީ އެރަށާ އެންމެ ކައިރިއަށް އޮތް ފަޅުރަށް ކަމަށްވާ ހިބަޅިދޫ މާޅޮހު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމަނުއްވައިދެއްވުމަށެވެ.
މާޅޮހު ކައުންސިލާ ޑަބްލިއުޑީސީސީ ކޮމެޓީ އިން ފާހަގަ ކުރި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް، އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރަށްރަށަށް ތަރައްގީ ގެނައުމުގައި ކައުންސިލްތަކާއެކީ މަޝްވަރާ ކުރައްވައިގެން ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.