ފޯޅަވަހި ހިމެނޭހެން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރަމުން އަންނަ މަސައްކަތުގައި ގިނަ ގައުމުތަކަކުން އެގައުމަށް ތާއީދުކުރާތީ، އެ އެރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅޭ ކަން އެނގިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ ތިރިގެ، ހައުސް އޮފް ކޮމަންސް އިން ޝާއިއުކޮށްފައިވާ ކަރުދާހެއްގައިވާ ގޮތުން، ޗާގޯސްގެ ސިޔާދަތާ ބެހޭ ގޮތުން މޮރިޝަސް ސަރުކާރާ އެކު މިއަހަރާއި އަންނަ އަހަރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓަކައި ބަލަން ޖެހޭ ހުރިހާ ބެލުންތަކެއް އެގައުމުން މިހާރު ވަނީ ބަލައިފަ އެވެ. އެ ކަރުދާހުން އެނގޭ ގޮތުގައި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޫކޮށްލުމުގައި އިނގިރޭސިންގެ އޮތީ މައިގަނޑު ދެ ކަންބޮޑުވުމެކެވެ. އޭގެ އެއް ކަމަކީ ޑިއަގޯ ގާސިއާ އެމެރިކާއަށް ކުއްޔަށް ދީގެން ހިންގަމުން އަންނަ މިލިޓަރީ ބޭސް އަށް އެ ހާލަތުގައި ވެދާނެ ގޮތެކެވެ. އަނެއް ކަމަކީ މިސަރަހައްދުގައި ބާރާއި ނުފޫޒު ހިންގަން ޗައިނާއިން ކުރަމުން އަންނަ މަަސައްކަތެވެ.
ޑިއަގޯ ގާސިއާގެ އަސްކަރީ މަރުކަޒު ބަންދުުކުރަން ޖެހޭ ހާލަތެއް ނެތް
އިނގިރޭސި ޕާލަމެންޓްގެ ކަރުދާހުން އެނގޭ ގޮތުގައި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލިޔަސް، ޑިއަގޯ ގާސިއާގައި އެމެރިކާއިން ހިންގަމުން އަންނަ އަސްކަރީ މަރުކަޒު ބަންދު ނުކޮށް އެގޮތައި ކުރިއަށް ގެންދެވޭނެ އެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުވާ ހާލަތެއްގައި ވެސް އެމެރިކާގެ އަސްކަރީ މަރުކަޒުގެ ހިންގުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން މޮރިޝަސް ސަރުކާރުން ދޭތީ އެވެ.
އެ ޔަގީންކަން އެންމެ ފުރަތަމަ ދެއްވީ 2012 ވަނަ އަހަރު މޮރިޝަސްގެ އޭރުގެ ބޮޑުވަޒީރު ރަމްގޫލަމް އެވެ. އޭގެ ފަހުން 2020 ވަނަ އަހަރު މޮރިޝަސް ސަރުކާރުން ވަނީ ޑިއަގޯ ގާަސިއާ 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި އެމެރިކާއާ އެކު ގާއިމްކުރަން ހުށަހަޅުއްވައިފަ އެވެ.
"ޔޫކޭއިން ބީއޯޓީ ހިންގުން ހުއްޓައިލާ ހިސާބަކުން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އެއްވެސް އަސަރެއް ނުކުރާނެ،" މޮރިޝަސްގެ މިހާރުގެ ބޮޑުވަޒީރު ޖަގްނާތު ވިދާޅުވި ކަމަށް އެ ކަރުދާހުގައި ބުންޏެވެ.
އެއީ އެ މަރުކަޒު ދަމަހައްޓަން މޮރިޝަސް އިން ވެސް ބޭނުންވާތީ އެކަމަށް ތައްޔާރަށް އޮތީމަ އެވެ.
ޔޫކޭ ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު ބުނެފައި ވަނީ ޗާގޯސްއާ މެދު އެއްބަސްވާ ކޮންމެ އެއްބަސްވުމެއްގައި ވެސް ޑިއާގޯ ގާސިއާގައިވާ އަސްކަރީ މަރުކަޒުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ދާނެ ކަން ޔަގީންކުރާނެ ކަމަށެވެ.
ޗައިނާގެ ނުރައްކާ ވެސް ކުޑަކުރެވޭނެ
ޗާގޯސް ޖަޒީރާތައް މޮރިޝަސް އަށް ދޫކޮށްލުމުން ޗައިނާގެ ނުފޫޒު ފޯރަފާނެތީ އޮތް ކަންބޮޑުވުމަށް ވެސް އެގްރިމެންޓް ތަކެއްގެ ތެރެއިން ހައްލު ހޯދޭނެ ކަމަށް ޔޫކޭ ޕާލަމެންޓްގެ ކަރުދާހުގައި ފާހަގަކޮށްފައި އެބަ އޮތެވެ. އެ ކަރުދާހުގައި ވާ ގޮތުން، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުންތަކެއް މޮރިޝަސް ސަރުކާރުާ އެކު އިނގިރޭސިންނަށް ގާއިމްކުރެވިދާނެ އެވެ.
އެ ކަރުދާހުގައިވާ ގޮތުން ޗާގޯސް މޮރިޝަސް އަށް ދޫކޮށްލުމުގެ މަޝްވަރާތައް ނިންމައި އަންނަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ބެލެވެ އެވެ.