ދުނިޔޭގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދާފައިވާ ދުނިޔޭގެ ޗެމްޕިއަން ފްރާންސަކީ ދެބަސްވެވެން ނެތް ގޮތުގައި މިހާރު ދުނިޔޭގައި އޮތް އެންމެ މޮޅު ފުޓުބޯޅަ ޓީމެވެ.
ފްރާންސްގެ ކޯޗު ޑިޑިއަރ ޑެޝޯމްޕްސް އަށް މިމުބާރާތް ކިތަންމެހާވެސް މުހިންމެވެ. ސަބަބަކީ، ޑެޝޯމްޕްސްއަކީ ކުޅުންތެރިއެއްގެ ގޮތުގައި 1998 ވަނަ އަހަރު ފްރާންސްއަށް ވާލްޑްކަޕް ހޯދައިދިން ޓީމުގެ ކެޕްޓަނެވެ. ދާދި ފަހުން ކޯޗެއްގެ ހައިސިއްޔަތުންވެސް ޑެޝޯމްޕްސްވަނީ 2018 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދީފައެވެ. މިއީ، ފްރާންސާއެކު ޑެޝޯމްޕްސް ޖެހިޖެހިގެން 2 ވަނަ ފައިނަލެވެ.
ޑެޝޯމްޕްސްގެ ކޯޗުކަމުގައި މިފަހަރުގެ ވާލްޑްކަޕް ފްރާންސަށް ލިބިއްޖެނަމަ، ޖެހިޖެހިގެން 2 ވަނަ ފަހަރަށް ކޯޗެއްގެ ހައިސިއްޔަތުން ވާލްޑްކަޕް ހޯދުމުގެ ރެކޯޑު ޑެޝޯމްޕްސް އަށް ލިބުނީއެވެ. މިރެކޯޑު ފަހުގެ ތާރީޚެއްގައި ދުނިޔޭގެ އެއްވެސް ކޯޗަކަށް މީގެ ކުރީން ލިބިފައިނުވެއެވެ. އެހެން ނަމަވެސް، 1934 އަދި 1938 ގައި އިޓަލީގެ ކޯޗު ޕޮއްޒޯއަތުގައި މިރެކޯޑު އޮތަސް އެއީ ވަރަށް ކުރިއެވެ.
އަނެއްކޮޅުން، ފްރާންސްގެ ލިލިއަން ތުރާމަކީ 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފްރާންސް ޓީމުގައި ކަނާތު ބެކަށް ކުޅެމުން އައި ކުޅުންތެރިއާއެވެ. އެމުބާރާތުގައި ފްރާންސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ތުރާމް ކްރޮއޭޝިއާ ކޮޅަށް ޖެހި ދެ ގޯލުގެ ސަބަބުންނެވެ. މިމުބާރާތް ލިލިއަން ތުރާމަށް ޚާއްޞަވަނީ މިފަހަރުގެ ފްރާންސް ޓީމުގެ އެންމެ ކުރިޔަށް ލިލިއަން ތުރާމްގެ ދަރިފުޅު މާކަސް ތުރާމް ކުޅެމުން އަންނާތީއެވެ. މާކަސް ތުރާމަކީ ޖަރުމަނުގެ ބުންޑެސް ލީގާގައި ބްރޯޝިއާ މޮންޝެންގްލަޑްބެޚްގެ ފޯވަޑެވެ. އިސްކޮޅުން ދިގު ކޮއްޓުމާއި ނެއްޓުމުގައި ހުނަރުވެރި މާކަސް ތުރާމަކީ ފްރާންސްގެ އެންމެ ކުރިޔަށް ކުޅެދޭނެ ކުޅުންތެރިޔާކަމުގައި ކޯޗު ޑެޝޯމްޕްސް ބުނެފައިވާ އިތުބާރު ފޯވަޑެކެވެ. ފްރާންސަށް ދުނިޔޭގެ ޗެމްޕިއަންކަން ދިފާޢުކުރެއްވިއްޖެނަމަ، ލިލިއަން ތުރާމްގެ އިތުރަށް މާކަސް ތުރާމްގެ ދެބަފައިން ދުނިޔޭގެ ޗެމްޕިއަނުންނަށް ވެގެންދިޔައީއެވެ. މިއީވެސް ވޯލްޑްކަޕްގެ ރެކޯޑެކެވެ. އިތުރު އެހެން ކުޅުންތެރިއެއްގެ ނެތް ރެކޯޑެކެވެ.