ސުލޫކީ މައްސަލައެއް ބަލައި ކައިރި މާޒީއެއްގައއި ފިޔަވަޅެއް އަޅާފައިވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއި އެކު ރިޓަޔާ ނުކުރެވޭ ގޮތަށް ފަނޑިޔާރުން ރިޓަޔާކުރުމުގެ ގަވައިދު އެކުލަވައިލާ ގެޒެޓްކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން އިއްޔެ ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން އިނާޔަތްތައް ލިބޭ ގޮތަށް ފަނޑިޔާރުކަމުން ރިޓަޔާ ނުކުރެވޭނެ އެއް ހާލަތަކީ އެ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 32-1 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ފިޔަވަޅެއް އެޅިތާ އެއް އަހަރު ވެފައި ނުވުމެވެ. އެ މާއްދާގެ (ހ)ގެ (2) ވަނަ ނަމްބަރާއި (3) ވަނަ ނަމްބަރުގައިވާ ފިޔަވަޅެއް އަޅައިފި ނަމަ އެ ފިޔަވަޅު އެޅިތާ ތިން އަހަރުވުުމުގެ ކުރިން އެ ފަނޑިޔާރަކަށް ޝަރަފުވެރިކަމާ އެކު ރިޓަޔާ ނުކުރެވޭނެ އެވެ.
އިނާޔަތްތަކާ އެކު ރިޓަޔާ ވެވޭނެ ބައެއް ހާލަތްތައް
- ފަނޑިޔާރުކަމުގައި 10 އަހަރު ވެފައި ވުން
- އުމުރުން 55 އަހަރުވުން
- ސިއްހީ ސަބަބަކާ ހުރެ ވަކިވާން އެދުން
ޖޭއެސްސީން އެކުލަވައިލި ގަވައިދުގައިވާ އުސޫލުތަކާ އެއްގޮތަށް ރިޓަޔާ ކުރާ ފަނޑިޔާރުންނަށް ތިން ބާވަތެއްގެ އިޔާތްތައް ލިބޭނެ އެވެ. އެއީ ވަކިވާ އިރު އެއްފަހަރާ ދޭ އިނާޔަތާއި މަހުން މަހަށް ދޭ އިނާޔަތާއި އެހެނިހެން އިނާޔަތްތަކެވެ. އެއްފަހަރާ ދޭ ފައިސާގެ އިނާޔަތް ހިސާބުކުރާނީ ދެ ގޮތަކަށެވެ. އެއީ ފަނޑިޔާރުކަމުގައި 30 އަހަރު ދުވަހަށް ވުރެ ދިގުމުއްދަތެއް ހޭދަކޮށްފަައިވާ ފަނޑިޔާރުންނާއި އެނޫން ފަނޑިޔާރުން ތަފާތުވާ ގޮތަށެވެ.
ރިޓަޔާކުރާ ފަނޑިޔާރު ހިދުމަތް ކުރީ 30 އަހަރަށް ވުރެ ކުރު މުއްދަތެއްގައި ކަމަށް ވާ ނަމަ އަސާސީ މުސާރައިގެ ތިން ބައިކުޅަ އެއްބަޔަށް ވާ އަދަދު، ފަނޑިޔާރުކަމުގައި ހޭދަކުރި މުއްދަތާ ގުނަކޮށްގެން ނުކުންނަ އަދަދަށް ފައިސާ ދޭ ނެ އެވެ. އަދި 30 އަހަރަށް ވުރެ ދިގު މުއްދަަތަކަށް ހިދުމަތްކޮށްފައިވާ ފަނޑިޔާރުންނަށް ދޭނީ އަސާސީ މުސާރައިގެ ދެބައިކުޅަ އެެއްބަޔަށް ވާ އަދަދާއި ހިދުމަތްކުރި މުއްދަތު ގުނަކުރުމުން ނުކުންނަ އަދަދުގެ ފައިސާ އެވެ.
ފަނޑިޔާރުން ރިޓަޔާކުރުމާ ބެހޭ ގަވައިދުގައި އެކަން ކުރިއަށް ގެންދާނެ ގޮތުގެ ގިނަ ތަސްސީލުތަކެއް ހިމަނާފައި ވެ އެވެ.