ގއ. ވިލިނގިލީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ ބިންގާ އަޅައިފިއެވެ.
ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވިލިނގިލި ދާއިރާގެ މަޖިލީސް މެމްބަރު ސައުދު ހުސައިން އަދިި އެ ރަށު ކައުންސިލް މެމްބަރުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަކީ މި ސަރުކާރުގެ އެއްމެ މުޙިއްމު އެއް ވަޢުދު ކަމަށާއި، އެގޮތުން ގެދޮރު އަޅަން ނުވަތަ އާބާތުރަ ފިވުމަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަކުރެވުނު ގެދޮރުވެރިޔާ ލޯނުގެ ދަށުން މިހާތަނަށް ގއ އަތޮޅަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮއްފައިވާކަމަށެވެ. އަދި މީގެ ތެރެއިން 9.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަމަޖައްސަދެވިފައިވަނީ ވިލިނގިލީގެ ރައްޔިތުންނަށް ކަންވެސް ފާހަގަކުރެއްްވިއެވެ.
"މިރަށުގައި އިމާރާތްކުރި 52 ހައުސިންގ ޔުނި ހުރީ ފެނާއި ނަރުދަމާ ނުގުޅައި އެސަރަހައްދުގެ މަގުތައްވެސް އެއްވަރުނުކޮށް އަލިކުރެވޭނެ ގޮތެއްވެސް ނެތި. މިރަށަކީ ރާއްޖޭގެ ނިސްބަތުން އެއްމެ ބޮޑެތި އޮޑިދޯނިފަހަރު އެއްމެ ގިނަރަށް، ނަމަވެސް ބަނދަރު އޮތީ އަޅާވެސްނުލައި ދޫކޮށްލާފައި، ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ސަރުކާރާ ޙަވާލުވެ މިރަށުގެ ބަނދަރުގެ މައްސަލަ މިރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ކޮށްދިނުމުގެ މަސައްކަތް ވަނީ ފެށިފައި އެގޮތުން ކައުންސިލުން އެދުނު ހުރިހާ ބަދަލުތަކަކާއެކު މިހާރު އެވަނީ އެމަސައްކަތް ފަށާފައި،" އަކްރަމް ވިދާޅުވިއެވެ.
މިދިޔަ އަހަރު ޖުލައިމަހުގެ 2 ވަނަ ދުވަހު މި މަޝްރޫޢު ހަވާލު ކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މި އެއްބަސްވުމުގެ ދަށުން ގއ.ވިލިނގިލީގައި 700 އަކަފޫޓުގެ 50 ހައުސިންގް ޔުނިޓު އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ ހައުސިންގް ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ބެލްކަނީ، ލޯންޑަރީ އަދި ސްޓޯރޫމް އެއް ހިމެނޭނެ އެވެ. އަދި މި ހައުސިންގް ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލި ކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ގާއިމު ކުރާނެ އެވެ.
48،164،794.10 ރުފިޔާއަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫޢުއަށް ހަރަދު ކުރަނީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.