logo minivan

English

އާދިއްތަ, 16 ޖޫން 2024

"މައުމޫނާ ކޯލިޝަން ހަދާފައި، ޕީޕީއެމްއާ ވާހަކަދައްކަން ބިރުގަންނާކަށް ނުޖެހޭ"

އެމްޑީޕީ މިހާރު ވެސް އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު ކޯލިޝަން ހަދައިގެން ކަމަށާއި އެހެންވީމާ ދެން ޕީޕީއެމްއާ ވާހަކަ ދެއްކުމަކީ ބިރުވެރި ކަމަކަށް ވެގެން އުޅެން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑިޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަން ގއ. މާމެންދޫގައި މިއަދު ބޭއްވެވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ޕީޕީއެެމްއާ އެކީގައި ވާހަަކަފުޅު ދައްކަވާތީ "އުޑު ބޮލަށް ވެއްޓިދާނެތީ" އުޅޭހެން އެއް ބަޔަކު ބިރުން އުޅޭ ކަމަށެވެ. އެއީ ވަރަށް ގޯސް ކަމެކޭ ވެސް އެމީހުން ބުނާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އުޑު ބޮލަށް ވެއްޓިދާނެތީ މި ބިރުގަންނަނީ އަޅުގަނޑު ޕީޕީއެމާ އެކީގައި ވާހަކަދައްކަފާނެތީ. އެއީ ވަރަށް ގޯސްކަމެކޭ. އަޅުގަނޑުމެން އިއްތިހާދު ހަދައިގެން މިތިބީ ރައީސް މައުމޫނާ އެކީ. ދެން އަޅުގަނޑުމެންގެ އިއްތިހާދުގެ އަނެއް މެމްބަރަކީ ޝޭހު އިމްރާނު. ދެން އަޅުގަނޑު މިވާހަކަ ދިގުކޮށް ދައްކާނެކަމެއް ނެތް މިތަނުގައި. ބިރުވެރީ [މީގެ ތެއިން] ކޮން ކަމެއްތޯ؟" ނަޝީދު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އެމަނިކުފާނު މިއަދު ރައްދު ދެއްވީ ރައީސް ޔާމީނާ އެކު އެމަނިކުފާނު ކޯލިޝަން ހައްދަވައިފާނެކަމުގެ ބިރު ހީވާ ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ ައަހުމަދު ދީދީ ރޭ ދެއްކެވި ވާހަކައަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭންކުރަން މާލޭގައި ރޭ ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ ޔާމީނާ އެކު ނަޝީދު ކޯލިޝަން ހައްދަވައިފާނެ ކަމުގެ ބިރު ހީވަނީ ނަޝީދު ޔާމީނަށް ތައުރީފުކުރައްވާތީ އެވެ. އެމަނިކުފާނުގެ ކެމްޕޭނުގައި ރަށްރަށަށް ވަޑައިގެންނެވުމުން ޕީޕީއެމްގެ ހަރަކާތްތެރިން އެމަނިކުފާނަށް މަރުހަބާ ކިޔާ ވާހަކަ އިވިވަޑައިގަންނަވާ ކަމަށާއި އެއީ ވެސް ބިރުހީވާ ސަބަބެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނު އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަ ވެސް. އެހެންކަމާ އެކު މިއަދު ހަމަ ގައިމުވެސް އަޅުގަނޑަށް އެންމެ ބިރުހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ރައީސް ޔާމީނާ އެކީގައި ކޯލިޝަނެއް ހައްދަވައިފާނެތީ،" މާރިޔާ ވިިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީނަށް ވުރެ ބިރުވެރީ ނަޝީދު ސިފަކުރެއްވި ގޮތުގައި ކުރީގެ ރައީސް މައުމޫނާއި އަދާލަތުޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނެވެ. އޭގެ ހުއްޖަތެއްގެ ގޮތުގައި އެމަނިކުފާނު ގެންނެވީ މައުމޫނުގެ ވެރިކަމުގައި "18 މަސްދުވަހު ޓިނުގޮޅިއެއްގައި ބޭއްވި" ވާހަކަ އެވެ.

"އަޅުގަނޑު ނިލަންދުއަށް ދިޔަ އިރު ކުއްޖަކު ހުރި ޓީޝާޓެއް ލައިގެން، އަށާރަ މަސްދުވަހު އަޅުގަނޑު ބާއްވާފައި އޮތް ޓިނުގޮޅީގެ ފޮޓޯއެއް ޖަހާފައި އޮތް، އެއީ ރައީސް ޔާމީނު އަޅުގަނޑު ލާފައި އޮތް ޓިނުގޮޅިއެއް ނޫން،" ރައީސް ޔާމީނަށް ވުރެ ބިރުވެރީ ރައީސް މައުމޫނުކަން ސާބިތުކޮށްދެއްވަން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ސިފަކުރެއްވި ގޮތުގައި އެމަނިކުފާނު ޕީޕީއެމްއާ ވާހަކަދެއްކުމަށް ވުރެ ބިރުވެރި މާ ގިނަ ކަންތައްތައް އެބަހުއްޓެވެ. އޭގެ އެެއް ކަމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ނުހިންގުމެވެ.

"އެނޫން އެހެން އެެއްވެސް ކަމެއް ބިރުވެރިއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *