ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ)ގެ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ބަޔަކު ހޯދުމަށް އެއާޕޯޓު އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝިއަނުން އިއުލާން ކޮށްފިއެވެ.
ދިވެހި ކުންފުނި ތަކަށް ހާއްސަ ކޮށް، އައިލެންޑް އޭވިއޭޝަނުން ހޮނިހިރު ދުވަހު ކުރިި އިއުލާނެއްގައި ބުނެފައިވާ ގޮތުން މި ކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ބިޑް ހުށަހެޅޭނެ ކަމަށެވެ.
މި ނިމިދިޔަ ޑިސެމްބަރު 2022ގައި މާފަރު އެއާޕޯޓްގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮއްފައެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަސައްކަތެއް ގޮތުގައި ރަންވޭ އެއްކޮށް ރީފޭސް ކުރުން ހިމެނެއެވެ. އެގޮތުން މިހާރުގެ ރަންވޭގެ ބޮޑު މިނަކީ 2.2 ކިލޯމީޓަރުކަމުގައި ވިޔަސް މި މަޝްރުއު ނިމިގެން ދާއިރު 2.85 ކިލޯމީޓަރަށް ބޮޑުވެގެން ދާނެއެވެ.
މި އެއާޕޯޓަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. ހަމައެއާއިއެކު މި އެއާޕޯޓު ތަރައްގީކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ޖެއްސޭވަރުގެ ރަންވޭއަކާއި އެކުގައެވެ. މި އެއާޕޯޓް ހުޅުވާފައިވަނީ 2019 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ރަނގަޅު ލިޔުމެއް