ރާއްޖޭގެ އިގުތިސާދު މީގެ ފަަސް އަހަރު ކުރިން އޮތް މިންވަރާ އަޅައި ބަލާއިރު ދެގުނައަށް ކުރިއެރުވުމުގެ ޕްލޭނަކާ އެކު ރިޔާސީ ދެވަނަ ދައުރެއް ހިމެނޭ ތަސައްވުރެއް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ކުރެވުނު މަސައްކަތާއި ކުރަން ހުރި ކަންކަމުގެ މައްޗަށް ހިސާބުއަކުރުން ނަތީޖާ ނެރެދޭ ހަގީގަތްތަކެއް ފެނިވަޑައިގަންނަވާ ކަމަށާއި އެގޮތުން ފެނިވަޑައިގަންނަަވަނީ ރާއްޖޭގެ ހާލަތު ރަނގަޅު އިގުތިސާދެއްގެ މައްޗަށް ބިނާވާ މަންޒަރު ކަމަށެވެ.
ރާއްޖޭގެ އިގުތިސާދު 2028 ވަނަ އަހަރާ ހަމައަށް ދާއިރު ކުރިއަރާނެ އެއް ސަބަބުގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އެހައިތަނަށް ދާއިރު އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 3.5 މިލިޔަނަށް އެރުމެވެ. އެގޮތަށް އެކަން ވާނީ ހަމަ ހުރެފައި ނޫން ކަމަށާއި ރާއްޖޭގައި މިހާރު ފަށައި ނިންމަމުން އަންނަ މަޝްރޫއުތަކަކީ ޓޫރިޒަމް އެވަރަށް ކުރިއަރާނެ ސަބަބު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއީ 2028 ނިމޭ އިރު ރާއްޖޭގެ އިގުތިސާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް. ދެހާސް އަށާރަ ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިޔަން ރުފިޔާ. ނަމަވެސް އޭގެ 10 އަހަރު ފަހުން ރާއްޖޭގެ އިގުތިސާދު ދެގުނަކޮށް، ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިޔަން ރުފިޔާއަށް ގެންދެވޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިގުތިސާދަށް އަންނަ ކުރިއެރުންތަކާއި އެކު ދައުލަތަށް ލިބޭ އާމްދަނީ ވެސް 2018 ވަނަ އަހަރާ އަޅައި ބަލާއިރު 2028 ވަނަ އަހަރު ދެގުނަ ކުރެވި، ދައުލަތުގެ އާމްދަނީ 45 ބިލިޔަނަށް އަރާނެ ކަަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ތަންފީޒުކުރަމުން އަންނަ މާލީ އިގުތިސާދީ، އިޖުތިމާއީ ހުރިހާ ސިޔާސަތެއްގެ އަމާޒަކީ އެ ނަތީޖާ ހާސިލުކުރުމެވެ.
"އެ ނަތީޖާ ލިބޭ އިރު ވާ މާބޮޑު ރަނގަޅެއް އޮވޭ. އެއީ ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި އާ ސިނާއަތްތައްް އުފެދި، މުޖުތަމައުގެ ހަމަޖެހުމާއި ތަފާތުތައް ނެތި ހެދި ފޯދި ދާނެ ނަތީޖާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭކަން ނުސީދާ ގޮތެއްގައި ފާހަގަކުރައްވަމުން އެމަނިކުފާ ވިދާޅުވީ ދާ މަގުން ކުރިއަށް ގޮސް، ފަށާފައިވާ ކަންތައްތައް ނިންމުމަކީ މިޖީލަށް ލިބިފައިވާ ބޮޑު ފުރުސަތެއް ކަމަށެވެ.