logo minivan

English

ހޮނިހިރު, 06 ޖުލައި 2024

ހަގީގީ ހާދިސާ: ސިހުރުގެ ހަނގުރާމައެއް!

ޙައްސާސް މައުލޫމާތުތަކެއް ހިމެނޭތީ މި ވާހަކައިގައި މީހުންގެ ނަންތައް ވާނީ ބަދަލުކޮށްފަ އެވެ.

އައިޝާ އަކީ ރަށުގެ ޖިންސުއްލަތީފުންގެ ތެރެއިން އެންމެ ރީތި އެކަކެވެ. ގިނަ ޒުވާނުންތަކެއް "މަށަށް، މަށަަށް" ގޮވަގޮވައި ތިއްްބާ އޭނާ ސަލީމާ އިނީ މަންމަގެ އަމުރަށް ކިޔަމަން ވުމުގެ ގޮތުންނެވެ. މަންމަ ބުނި ގޮތުގައި ސަލީމަކީ މަސައްކަތް ދަންނަ ހަރުދަނާ މީހެކެވެ. މާ މުއްސަނދި ނޫނަސް އޭނާއަކީ އަނބިމީހާ ގޮވައިގެން ހަމަ ޖެހިލައިގެން އުޅެވޭ ވަރުގެ އުޅުން ހުރި މީހެކޭ ވެސް މަންމަ ބުންޏެވެ.

އެއިން އެއްވެސް ވާހަކައެއް ހަގީގަތުގައި އައިޝާ ގަބޫލުކުރި ވާހަކަތަކަކަށް ނުވިޔަސް، ދެކޮޅު ނުހެދީ މަންމަ އަކީ ނުފޫޒުގަދަ، ހަރުކަށި މީހަކަށް ވާތީ އެވެ. މަޖުބޫރުން ކުރި ަކައިވެންޏަށް ފަހު ދިރިއުޅުމުގައި އުފަލެއް ނެތަސް، ކެތްކޮށްލައިގެން އޭނާ އިނީ އެހެން ގޮތެއް ނެތީމަ އެވެ. ކައިވެންޏަށް ފަހު އޭނާގެ ދިރިއުޅުން ސަލީމުގެ ގެއަށް ބަދަލުވެސް ކުރި އެވެ.

ކައިވެނި ކުރިތާ މާގިނަ ދުވަހެއްނުވަނީސް އައިޝާގެ މަންމަ ނިޔާ ވެއްޖެ އެވެ. ހިތްދަތިކަން ފެށުނީ އެ ހިސާބުންނެވެ. ކޮނމެ ހަނދުމަހެއްގެ ސާދަ ފަނަރައިގައި އޭނާއަށް ވަނީ އާދަޔާ ހިލާފު ގޮތް ތަކެކެވެ. ހީވަނީ ހަށިގަނޑުގެ ތެރޭގައި ގޮތް ނޭނގޭ ބާރެއް އުޅޭހެންނެވެ. އިނތިހާޔަށް ރުޅިގަދަވެ ފިރިމީހާ ގައިގަ ތަޅައި އަނިޔާ ކޮށް ވަރިޔަށް ގޮވަނީ އޭނާގެ މާބޮޑު އަމިއްލަ ބާރެއް ނެތި އެވެ. "އިރު އެރުމުގެ ކުރިން ވަރި ކުރަން ޖެހޭނޭ" ކިޔައި ހަޅޭއް ލަވައި ހުތުރު އެއްޗިހި ގޮވުން ހުއްޓެނީ އިރު އެރީމަ އެވެ.

ފަހުން އެނގުނު ގޮތުގައި މިހުރިހާ ކަމެއްގެ އަސްލަކީ ސިހުރެވެ. ސަލީމުގެ ކުރިން އައިޝާގެ ކައިވެންޏަށް އެދުނު އެތައް ބަޔަކު އޭނާއަށް ސިހުރު ހަދަން ފެށީ އެވެ.

އެގޮތަށް ލެވި ހަޅޭކެއްގެ ތެރެއިން ސަލީމު އައިޝާ ވަރި ވެސް ކުރި އެވެ. އެކަމަކު ސަލީމަކީ ވެސް ސިހުރުވެރިން ގިނަ އެރަށުގައި އެކެއް ދޭއްގައި ގުނައިލެވޭ ފަދަ ސިހުރުވެރިއެކެވެ. ވަރިކުރީމާ ހަމަޖެހިލައިގެން އައިޝާ ނިދުމާއި އެކު ސަލީމު ވެސް އޭނާގެ ސިހުރުގެ މަސައްކަތްގަނޑު ހިންގި އެވެ. ނިދިން ހޭލެވުމާއި އެކު ކައިވެނި ރުޖޫއަކުރަން އެދި އައިޝާ އާދޭސް ކުރަން ފެށީ އެކަހަލަ ޝައިތާނީ ބާރަކުން އޭނާއަށް ފޯރާފައިވާ ނުފޫޒެއްގެ ސަބަބުންނެވެ.

ވަރިކުރަމުން އިންނަމުން މިހެން އުޅެ މި ދެމީހުންނަށް ޖުމްލަ  ނުވަ ކުދިން ލިބިއްޖެ އެވެ. އެކަމަކު ސިހުރުގެ މި ހަނގުރާމަ ނިމޭ ގޮތެއް ނުވެއެވެ. ސަލީމުގެ ކުރިން އައިޝާއަށް އިންނަން ފޫގަޅައިގެން އުޅުނު ބައެއް ސިހުރިވެރިން އޭނާއަށް ޖިސްމާނީ އަނިޔާ ކުރާ ހިސާބަށް ވެސް އެ ހަސަދައިގެ ކަންތައް ދިޔަ އެވެ.

އެފަދަ ބިރުވެރި އެއް ހާދިސާ ހިނގީ، ލައިގެން ކާނެ އެއްޗެއްހޯދަން ދުރުތާ ތިމާގެ މީހެއްގެ ގެއަށް ދިޔަ ރެ އެއްގަ އެވެ. އެގެޔަށް ގޮސްފައި އައި މަގުމަތީން ދިމާވީ އައިޝާއާ އިންނަން އެންމެ ބޮޑަށް ހިއްޕާލައިގެން އުޅުނު އެކަކާ އެވެ. އޭނާގެ އައުވާ ނަކު ވެސް އޭނާއާއި އެކު ހުއްޓެވެ.

"ކަލޭ ތިޔަ މީހަކާ އިނދެގެން ތިޔތަ އުޅެނީ ވަރަށް އުފަލުގައި އުޅޭން ކަަމަށް ހިތައިގެންހޭ" ކިޔައި ހަޅޭއް ލަވަމުން އައި އެމީހާ އަތުގައި އޮތް ބަރު ޓޯޗުބައްތިއަކުން ޖެހީ އައިޝާގެ ބޮލުގަ އެވެ. އޭނާ ވެއްޓުމުން ، އޭނާގެ ބަނޑަށް ފައިން އަރައި އެތައް އަނިޔާ އެއް ކުރި އެވެ.  އެހުރިހާ އަނިޔާއެއް ކުރި އިރު އައިޝާ އިނީ ހަތް ވަނަ ދަރިފުޅަށް ބަލިވެ އެވެ. އަނިޔާކޮށްފައި އެ ދެމީހުން ދިޔަ އިރު އައިޝާގެ ހޭ ވެސް ނެތެވެ. އޭރު އޭނާގެ ބަނޑަށް އަށް މަހެވެ.  އެ ދެމީހުން ކުރި އަނިޔާގެ ސަބަބުން ހަމަ އެދުވަހު އައިޝާ ވިހެއީ އެވެ. އެއިރު އަދި އެ ދަރިއަށް ދުވަސް ވެސް ނުފުރެ އެވެ.

އަނިޔާ ކުރީ ރަށުގެ އިއްޒަތްތެރިންގެ ދަރިންނަށް ވުމުން އެ މައްސަލަ ބަލާނެ ކޯޓެއްވެސް ގާޒީއެއްވެސް ނެތެވެ.

އެވަރަށް އަނިޔާ ދީފައި ދެން އެމީހުންގެ އުނދަގޫ ހުއްޓޭނެ ކަމަށް އައިޝާ ހީކުރި އެވެ. އެކަމަކު ސިހުރު ހެދުމެއް އެމީހުން ހުއްޓައެއް ނުލި އެވެ. ފަހުން އެކަންވީ އިތުރަށް ގޯހެވެ. އައިޝާއަށް ފާޑުފާޑުގެ ބިރުވެރި ސޫރަތައް ވެސް ފެންނަން ފެށީ އެވެ. ބައެއް މަސްމަހުގެ ސާދަ ފަނަރައިގައި އޭނާގެ ބުއްދި މުޅިން ފިލައި ދެ އެވެ. އޭނާ ބަނދެފައި ބައިންދަން ދަރިންނަށް މަޖުބޫރު ފާދަ "ގޮތްތަކަށް" ވެސް އެހިސާބުން އުޅެން ފަށަ އެވެ.

ފަހުން އެނގުނު ގޮތުގައި އޭނާއަށް އެހާ ވަރު ވަނީ ސަލީމުގެ ގާތުން އޭނާ ވަރިކުރުވަން މީހުން ސިހުުރު ހަދާ އިރު ސަލީމު ގާތުގައި ވަކިނުވެ އޭނާ ބައިންދަން ސަލީމް ހަދާ ސިހުރު ތައްވެސް އިހުނައް ވުރެން ވަރުގަދަ ކުރީމަ އެވެ. .

ވަކި ދުވަސްވަރެއްގައި ބުއްދި ގޯސްވުން ފަދަ ނަފުސާނީ މައްސަލަތަކުގެ އިތުރުން ޖިސްމާނީ އެތައް ބައްޔެއް ވެސް އައިޝާއަށް ޖެހެން ފެށި އެވެ. ޑޮކްޓަރަށް ކިތަންމެ ވަރަކަށް ދެއްކިޔަސް، އޭނާގެ ހަގީގީ ބައްޔެއް ދެނެއެއް ނުގަނެވެ އެވެ. އެކަމަކު އެހާލުގައި އުޅެނިކޮށް އޭނާއަށް 10 ވަނަ ދަރިއަކު ވެސް ލިބުނެވެ.  އެ ފަހަރު ވިހަން ވުމުން ސަލީމު އައިޝާ ގޮވައިގެން އައީ މާލެ އަށެވެ. އެ ފަހަރު ވިހެއުމަށް ފަހު ހާލު ބޮޑުވެގެން އޭނާ އައިސީޔޫއަށް ވެސް ލާން ޖެހުނެވެ. އިތުރުން ފަރުވާއަށް އޭނާ އެންމެ ފަހުން ގެންދަން ޖެހުނީ އަވަށްޓެރި އިންޑިއާ އަށެވެ.

އެނބުރި ރާއްޖެއަށް އައީ މުޅީން ރަނގަޅު ވެގެންނެވެ. އެކަމަކު އޭނާގެ އެ ރަނގަޅު ހާލަތު ވީ ހީއަކަށެވެ.

އިންޑިއާއިން އެނބުރި އައިތާ ވީ ދެތިން ދުވަހެވެ. ފުނާ އަޅަން އިން އައިޝާ ކުއްލިއަކަށް އެނދުމައްޗަށް ވެއްޓިއްޖެއެވެ. އެއާ އެކު އެނާގެ ކަންފަތާއި ނޭފަތުން ހޯސްލާފައި ލޭ އަންނަން ފެށި އެވެ. . ހޭނެތިފައި އޮތް އައިޝާ ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް އޭނާއަށް ދެވޭނެ އިތުރު ފަރުވާއެއް ނެތެވެ. އޭނާގެ ސިކުނޑީގެ ލޭ ނާރެއް ވަނީ ފަޅައިގެން ގޮސްފަ އެވެ.

އޭނާގެ ދަރިން މިއަދު ވެސް ގަބޫލުކުރަނީ މަންމަގެ އެ ހިތްދަތި ނިމުމަކީ ސިހުރުވެރިންގެ އަނިޔާއިން ވީ ކަމެއް ކަމަށެވެ. އެކަމަކު އެއީ ކޯޓެއްގައި ސާބިތުކޮށްދޭން އުނދަގޫ ކަމެކެވެ. އެހެންވީމާ މިދުނިޔޭގައި ލިބޭނެ އިންސާފެއް ނެތެވެ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *