logo minivan

English

އަންގާރަ, 16 ޖުލައި 2024
ބިންހެލުމުގައި މަރުވި މީހުންގެ އައިލާއެއްގެ ބަޔަކު ހިތާމާފާޅުކުރަނީ ފޮޓޯ: އީޕީއޭ

ތުރުކީ-ސީރިޔާ ބިންހެލުން: މަރުވި މީހުންގެ އަދަދު 29،000 އަށް

ތުރުކީއަށާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 29،000 ހާހަށް ވުރެ މަތިވެއްޖެ އެވެ.

މިމަހުގެ ހަވަނަ ދުވަހު އައި ބާރުގަަދަ ދެ ބިން ހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު އަދަދު 24،617 އަށް އަރާފައިވާއިރު ސީރިއާއިން މަރުވި މީހުންގެ އަސަދު މިހާރު ވަނީ 4،500 އަށް ވުރެ މަތިވެފަ އެވެ.

ބިންހެލުމުގައި ސީރިއާއިން މަރުވި މީހުންގެ ތެރެއިން  1،408 މީހުންނަކީ އަދި ޒަހަމްވި މީހުންގެ ތެރެއިން، 2،341 މީހުންނަކީ އެގައުމުގެ ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ މީހުންނެވެ. އެގައުުމުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން  3،100 މީހުން މަރުވެ، 5،070 މީހުން ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުންޏެވެ.

އދ.ގެ ރިލީފް ޗީފް މާޓިން ގްރިފިޓްސް، ހޮނިހިރު ދުވަހު ތުރުކީގެ ދެކުނުގެ ސަރަހައްދަށް ވަޑައިގެން ވިދާޅުވީ މަރުވި މީހުންގެ އަދަދު ފުރަތަމަ ލަފާކުރެވުނު ވަރަށް ވުރެ ދެގުނަ އަށް އިތުރުވާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް 26 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށާއި ދެ ގައުމުގެ އެތައް ހޮސްޕިޓަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ތުރުކީގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ ތުރުކީގެ ޖަމިއްޔާތަކުގެ 32،000 އަށް ވުރެ ގިނަ މީހުން ސާޗް އެންޑް ރެސްކިއު ގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގޮތުން ސަލާމަތްކުރާ 8،294 މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސީރިޔާގެ ހުޅަނގު އުތުރުގައި އެތައް އަހަރެއް ވަންދެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސިއްހީ ނިޒާމު ހަލާކުވެފައިވާއިރު، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކަށް އެހީތެރިކަން ލިބުން ވަނީ ލަސްވެފައެވެ. ސީރިޔާ ސަރުކާރުން ބުނީ އިދްލިބް ޕްރޮވިންސްގައި ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދީފައިވާ ކަމަށާއި އާދީއްތަ ދުވަހު އެ ދިމާލަށް ޓީމެއް މިސްރާބު ޖަހާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ހޮނިހިރު ދުވަހު ވަނީ ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ސީރިއާގެ ސަރުކާރުގެ ކޮންޓްރޯލް އޮންނަ އަލެޕޯ ސިޓީއަށް އިމަޖެންސީ މެޑިކަލް އިކުއިޕްމަންޓުގެ ފްލައިޓެއްގައި ވަޑައިގެންފައެވެ.

ޓެޑްރޯސް ވަނީ އެ ސިޓީގެ ހަލާކުވެފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި ބިންހެލުމުގައި ހާލުގައި ޖެހުނު އާއިލާއަކާއި ބައްދަލުކުރައްވާފައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސީރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވަނީ ސީރިޔާގެ ރައްޔިތުންނަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވިފައި ނުވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. އިންސާނީ އެހީގެ މައްސަލަތައް ސިޔާސީ ނުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ޑޭން ސްޓޮއެންސްކޫ ވިދާޅުވީ، ދިހަ ވަރަކަށް އަހަރު ވަންދެން އެހީ ފޯރުކޮށްދެމުން އައިރު، އެކަން ނުކުރެވޭ ކަމަށް ތުހުމަތު ކުރުމަކީ  ބޭއިންސާފެއް ކަމަށެވެ.

ތުރުކީ އާއި ސީރިއާއާ ދެމެދު ބޯޑަރު ހުރަސްކޮށް ދޭ އެހީގެ އާ ތަންތަން ހުޅުވުމުގެ ހުއްދަ ދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ސަލާމަތީ މަޖިލީހުގައި އެދިވަޑައިގެންފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސީރިއާއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކައުންސިލްގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބެލެވެއެވެ.

ތުރުކީން ބުނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ވާ ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އާ ދެ މަގެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *