logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ޖަލްސާއެއްގައި ވާހަކަދައްކަވަނީ

ޑްރަގް މީހުން ފޮނުވައިލާ ގަވައިދާ ދެކޮޅު މައްސަލަ ބަލައި ނުގަންނަން އެމްޑީޕީގެ ވިޕެއް

ވައިގެ މަގުން ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުން، ހައްޔަރު ނުކޮށް އަނބުރައި ފޮނުވައިލެވޭ ގޮތަށް އިމިގްރޭޝަނުން ހެދި ގަވައިދާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕެއް ނެރުމުން، ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެއަށް ވައިގެ މަގުން ޑްރަގް އެތެރެކުރާ ބިދޭސީން ރާއްޖެއަށް އެތެރެ ނުކޮށް އަނބުރާ ފޮނުވައިލެވޭ ގޮތަށް އިމިގްރޭޝަނުން ހެދި ގަވައިދުގެ ބައެއް ބައިތައް ގާނޫނާ ހިލާފުކަމަށް ވިދާޅުވެ، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން އެމްޑީޕީން ވިޕެއް ނެރުނު ނަމަވެސް މަޖިލީހަށް މިއަދު އެ މައްސަލަ ބަލައިގަތެވެ.

އެ މައްސަލަ ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ ތެރެއިން 24 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ 16 މެމްބަރެކެވެ.

"ދެންމެ މި ވޯަޓަށް އެހުމުގެ ކުރިން، އަޅުގަނޑު ކަންބޮޑުވޭ އިއްޒަތްތެރި ރައީސް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރެޑް ޖެހުމަށް ވިޕްލައިލެއް ނެރެފައި އެބަ އޮތް. އެހެން ނަމަވެސް ހަގީގަތުގައި ދިވެހިރާއްޖެއަށް މި ދިމާވެގެން އުޅޭ މައްސަލައިގައި ބަހުސްކޮށް މިއަށް ރަނގަޅުގޮތްތަކެއް ހޯދަން ބޭނުންވާ ގިނަ މެމްބަރުންތަކެއް މިތާ ތިއްބެވީތީ އަޅުގަނޑު އެ ހުރިހާ މެމްބަރުންނަށް ވަރަށް އިހުލާސްތެރިކަމާ އެކީ ޝުކުރު ދަންނަވަން،" ހަސަން ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް ހަދާފައިވާ ގަވައިދު އިސްލާހުކުރަން ސަރުކާރުން ވެސް ބޭނުންވާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ ރާއްޖޭގެ ގާނޫނާއި ރާއްޖެ ބައިވެރިވާ ބައިނަލް އަގުވާމީ މުއާހަދާތަކުގައި ވެސް ބޮޑު ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް ކަމަށާއި އެހެންވީމާ އެފަދަ ފަރާތްތަކަށް، ގާނޫނުގައި އޮތް އަދަބު ދެވޭނެ ގޮތަކަށް ގަވައިދު ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ހުށަހެޅީތީ، އަދި އަޅުގަނޑުގެ ފިކުރު ވަކި ގޮތަކަށް ހުރީތީ މި މައްސަލަ ބަލައިނުގަތުމަށް ޕާލަމެންޓްރީ ގްރޫޕުން އެ ރެޑް ވިޕްލައިން ނެރުނު ބޭފުޅުންނަކީ ހަގީގަތުގައި އެއްވެސް ކަމެއްގައި ސަރުކާރަށް ފަސޭހަވާނެ ގޮތަކަށް އަދި ސަރުކާރުން ކުރާ ކަންކަމަށް ހިތްވަރު ލިބޭނެ ގޮތަކަށް ، ތާއީދެއް ލިބޭނެ ގޮތަކަށް އަމަލުކުރަން ބޭނުން ބޭފުޅުންނެެއް ނޫން،" ހަސަން ލަތީފު ވިދާޅުވި އެވެ.

ކުއްލި މައްސަަލައިގެ ބަހުސްގައި ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން ވިިދާޅުވީ ގާނޫނެއްގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްގައި، ކުށް ކުރި ކަމަށް ޝައްކުކުރެވޭ މީހަކު ރާއްޖޭގެ އިހުތިސާސްގެ ތެރެއަށް ނުވައްދައި ބޭރުކޮށްލެވޭ ގޮތަކަށް، ނުވަތަ އެމީހެއްގެ މައްޗަށް ރާއްޖޭގެ ގާނޫނު ތަންފީޒުނުވާ ގޮތަށް ހަދާ އެއްވެސް ގަވައިދެއް ބަލައިނުގަނެވޭނެ ކަމަށެވެ.

"މި ގަވައިދާ ގުޅިގެން ފުރަތަމަ ކަމަކަށް އަޅުގަނޑަށް ފާހަކުރެވެނީ ރައްޔިތުންގެ މަޖިލީހުގައި މި މައްސަލައާ މެދު ބަހުސްކުރަން ހުށަހެޅީމާ، މި މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުން ، މި މައްސަލަ ބޭރުކޮށްލަން ފުރަތަމަ ކުރެއްވި މަސައްކަތް. ފުރަތަމަ ކަމަކީ ރޯ ނުބައިކޮށް، ގޯސްކޮށް ގަވައިދެއް ހެދުން. ދެވަނަ ކަމަކީ އެ ގަވައިދާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުން ހުއްޓުވުމަށް ޓަކައި އަނެއްކާ ރައްޔިތުންގެ މަޖިލީހުގައި ބައެއް މެމްބަރުން މަސައްކަތް ކުރުން،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ "ބަނާނާ ރިޕަބްލިކެއް" ނޫން ކަމަށާއި އެހެން ނަމަވެސް އެފަދަ ތަނަކަށް ބަދަލުވާން އުޅޭކަމުގެ ނިޝާންތައް ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބަނާނާ ރިޕަބްލިކަކީ ގާނޫނާއި ގަވައިދު ހިންގުން ގާތްގަނޑަކަށް ހުއްޓި، ހަމަޖެހުން ގެއްލިފައިވާ ތަންތަނަށް ނިސްބަތްކޮށް ބޭނުންކުރާ ނަމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *