logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 86 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 86 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅަކު ހިމެނިވަޑައިގަތެވެ. އެ ބޭފުޅަކީ މއ. ބޮޑުގަލުމާފަތްގޭ ޞާބިރާ ވަޙީދެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު މިރޭ ލިބިވަޑައިގެންނެވި 86 ބޭފުޅުންގެ ތެރެއިން 25 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު މިރޭ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނަޑައެޅުއްވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

އިނާމު ލިބިވަޑައިގެންނެވީ ބޭފުޅުންގެ ފަރާތުން ޖަލްސާގައި ވާހަކަދެއްކެވީ ޤައުމީ ކުތުބުޚާނާގެ ޗީފް ލައިބްރޭރިއަން ޙައްވާ ނާޞިޙާއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *