މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް ޓޫރިސްޓޫން އައި އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 29.7 ޕަސެންޓުން އިތުރުވެެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް، މިއަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދަކީ 267،507 (ދެ ލައްކަ ފަސްދޮޅަސް ހަތް ހާސް ފަސްސަތޭކަ ހަތެއް) އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 206،181 ( ދެ ލައްކަ ހަހާސް އެއް ސަތޭކަ އައްޑިހަ އެކެއް) ޓޫރިސްޓުންނެވެ. އޭގެ ކުރީ އަހަރު ( 2021 ވަނަ އަހަރު)ގެ މި މުއްދަތުގައި އައީ ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި 142،125 ( އެއް ލައްކަ ސާޅީސް ދެ ހާސް އެއް ސަތޭކަ ފަންސަވީސް) ޓޫރިސްޓުންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިހާރު ރާއްޖޭގެ ޓޮޕް މާކެޓަކީ ރަޝިޔާ އެވެ. މިއަހަުރުގެ މިހައިތަނަށް އެގައުމުން 34،128 ޓޫރިސްޓުން ރާއްޖެ އަށް އައެވެ. މިހާރު ދެވަނައިގައި އޮތް އިންޑިއާއިން އައީ 29،513 ޓޫރިސްޓުްންނެވެ. އަދި ތިން ވަނައިގައިވާ އިނގިރޭސިވިލާތުން 25،396 ޓޫރިސްޓުން ރާއްޖެއަށް އައެވެ.
މި ލިސްޓުގެ އެއްވަނައިގައިވާ ރަޝިޔާ އަކީ މިދިޔަ އަހަރު ރާއްޖޭގެ ދެވަނަ މާކެޓެވެ. މިހާރު ދެވަނައިގައި އޮތް އިންޑިއާ އަކީ އޭރު ރާއްޖޭގެ ޓޮޕް މާކެޓެވެ. އިނގިރޭސިވިލާތް މިދިޔަ އަހަރު ވެސް އޮތީ ތިން ވަނައިގަ އެެވެ.
ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން ރާއްްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން އަލުން ޓޫރިސްޓުން އަންނަން ފެށުމާއި އެކު އެގައުމު މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ އަށް ވަނަ އަށް އަރައިފަ އެވެ.އެގައުމުން މިހައިތަނަށް 8،015 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
ގަދަ 10 ގައި ދެން ހިމެނެނީ އިޓަލީ، ޖަރުމަނު، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި ޕޮލެންޑެވެ.
ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަ ޓޫރިސްޓް ރިސޯޓްތަކުގެ އަދަދަކީ 168 ރިސޯޓާއި 13 ހޮޓަލަކާއި 883 ގެސްޓްހައުސް އެވެ. އެހުރިހާ ތަނެއް ހިމެނޭ ގޮތުން ޖުމްލަ ޓޫރިސްޓް އެނދުގެ އަދަދަކީ 59،924 އެވެ. އެކަމަކު ރާއްޖޭގައި ޖުމްލަ 172 ރިސޯޓެއް އެބަ އޮތެވެ. ބެލެވޭ ގޮތުގައި އޭގެ ތެރެއިން ބައެއް ރިސޯޓްތައް މިވަގުތު ހިންގަމުން ނުދަނީ މަރާމާތު ކުރުން ނުވަތަ އަލުން އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ދާތީ އެވެ.