logo minivan

English

އަންގާރަ, 23 ޖުލައި 2024
Minister Aslam
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

ޖަންގުޝަންތަކުގެ މަތިން ގޮސްފައިވާ ތާރުފަށަލަ ކެނޑުން، އެއީ އެކަން ކުރާ ގޮތް: އަސްލަމް

މާލޭގެ އަމީނީ މަގާއި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ތާރު އަޅާފައިވާ މަގުތަކުގެ ތާރުގަނޑު އަލުން ކަނޑައިގެން ޖަންގުޝަންތަކުގެ މަތިގަނޑު ހޯދާތީ މީހުން ކުރަމުން އަންނަ ސުވާލުތަކަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ޖަވާބު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ތާރު އަޅާ އިރުގައި ޕޭވަރު (ތާރުއަޅަން ބޭނުންކުރާ މެޝިނު) ދާނީ ކުރިން ހުރި ޖަންގުޝަންތަކުގެ މަތިން، އެތަންތަނާ ވެސް އެކުގައި ތާރު އަޅަމުން ކަމަށާއި އެގޮތަށް އެކަން ކުރަނީ ކޮންކްރީޓް މަތިގަނޑުގެ މަތީގައި ތުނި އެއްޗެއް އަޅައިގެން ކަމަށެވެ. އެއަށް ފަހު، އެ މަތިގަނޑުގެ މަތިން ގޮސްފައިވާ ތާރުގެ ތުނި ފަށަލަ ފަހުން ކަނޑައިގެން ނެގުން އެއީ "އެކަން ކުރާ ގޮތް" ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގައި ވެސް އެ މަސައްކަތް ކުރަނީ އެ އުސޫލުންނެވެ.

"އަމީނީ މަގުގައި ހިނގާ މަސައްކަތަކީ، ތާރު ކަނޑަނީ، މިހާރު ތާރުއަޅައި ނިމޭ އިރު ހުރި ޖަންގުޝަންތަކުގެ މަތީގައި އެ އޮންނަ ކޮންކްރީޓް ބައި، ތާރު އަޅަމުން ދާއިރު ތާރު ޕޭވަރު ދާނީ އޭގެ ވެސް މަތިން. އެހެންވީމާ އެތާ މަތީގައި ތުނި އެއްޗެއް އަޅައި ބާއްވާފައި އޭގެ މަތިން ނަގާނީ. އެއީ މަސައްކަތް ކުރާ ގޮތް. އެއީ އެ މަސައްކަތް ކުރާ ގޮތް،" އަސްލަމް ވިދާޅުވި އެވެ.

ފަހުން ކަނޑައިގެން އެ ނަގަނީ ޖަންގުޝަނުގެ މަތިގަނޑު މައްޗަށް ތުނި ތުނިކޮށް އެޅިފައި ހުންނަ ތާރުކޮޅެއް ކަމަށެވެ.

"އެއީ މަގުގައި ތާރު އަޅާ ގޮތް،" އޭނާ ވިދާޅުވި އެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ލަސްވެ، ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އެމަގުގެ ބޮޑު ބައެއްގައި ތާރު އެޅީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ މަސައްކަތް ނިމިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތާރުގަނޑު ކަނޑައިގެން މަސައްކަތްތަކެއް ކުރާ މަންޒަރު ފެނިގެން އޭގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބައެއް މީހުން ފާޑުކިޔައި ސުވާލުތައް އުފެއްދި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އަސްލަމާ ސުވާލުކުރައްވަމުން ގެންދެވި ވަގުތު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެވާހަކަ ދެއްކެވީ ހަޖޫ ޖައްސަވާ މޭރުމަކުންނެވެ.

"އިއްޒަތްތެރި ވަޒީރު، އެހެން ނަމަވެސް އިއްޔެގައި ތާރު އަޅާފައި [މިހާރު ތާރު އެކަނޑަނީ]، އަމީނީ މަގުގައި އަޅުގަނޑުމެންގެ ގައުމަކީ މެދު އާމްދަނީގެ ގައުމެއް، މިޑުލް އިންކަމް ގައުމެއް، މިއީ އަކީ ތަރައްގީ ނުވެ އޮތް ގައުމެއްގެ ގޮތުގައެއް މިހާރަކު ސިފައެއް ނުކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ތާރު ކެނޑުމާ ބެހޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް އަސްލަމް ޖަވާބެއް ދެއްވީ ނަޝީދު އެ ގޮތަށް ވާހަކަފުޅު ދައްކަވާފައި ސުވާލު ތަކުރާރު ކުރެއްވުމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *