ކަނޑު އުޅަނދު ފަހަރަށް އަރުވާ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު އުޅަނދުގެ ވެރިފަރާތުން ދޭންޖެހޭ ގޮތަށް ސަރުކާރުން ގަވައިދެއް ހަދައިފި އެވެ.
، "ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމުގެ ގަވައިދު"ގެ ނަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އެ ގަވައިދު އިއްޔެ ގެޒެޓް ކޮށއަފއިވާއިރު އެ ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ މޭ މަހުން ފެށިގެންނެވެ.
ގަވައިދުގައިވާ ގޮތުން އުޅަނދުފަހަރަށް އަރުވާ މުދާ ރައްކާތެރިކަމާ އެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކަށް ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަން ޖެހޭނެއެވެ. އަދި ގެންނަ މުދާ ރައިސްޓާކޮށް ބަލަހައްާޓނެ އިންތިޒާމެއްވެސް އޮންނަންޖެހެއެވެ. އެގޮތުން އުޅަނދަށް މުދާ އެރުވިކަން އެނގޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި އެރުވި މުދަލަކާ ގުޅޭ މައުލޫމާތު، އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ ކެޕްޓަނަށް، މުދަލުގެ ވެރިފަރާތުން ދޭން ޖެހޭނެއެވެ. މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަމްބަރު ޖަހަން ޖެހުމުގެ އިތުރުން މުދަލުގެ ބާވަތާއި ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލެއްކަން ނުވަތަ ނޫންކަމާއި ބަހައްޓަންޖެހޭ ގޮތުގެ މައުލޫމާތު ވެސް އުޅަނދުގެ ވެރިފަތުން އޮޅުން ފިލުވަން ޖެހެއެވެ.
އުޅަނދަކަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ފަޅުވެރިއެއްގެ އަތުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގައި ބަދަލު، އުޅަނދެއްގެ ވެރިފަރާތުން ދޭން ޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.
ނަމަވެސް ދަތުރުފަތުރު ކުރުމުގެ ގާނޫނާއި އެއްގޮތަށް، އުޅަނދުގެ ކެޕްޓަން ނުވަތަ ފަޅުވެއްރިއެއްގެ ގަސްތަކާ ނުލާ މުދަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ދޭކަށް ނުޖެހޭނެ އެވެ.
މުދަލެއް އުޅަދަށް އެރުވުމަށް ފަހު، އެ މުދަލެއް އެރުވިކަމުގެ ލިޔުން، މުދަލުގެ ވެރިފަރާތުން ބޭނުންނަމަ، އުޅަނދުގެ ކެޕްޓަނަށް ދޭން މަޖުބޫރު އެ ގަވައިދުގައިވާ ކަންކަމާއި ހިލާފުވާނަމަ 1،000 – 2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގައި ވެސް އެ ގަވައިދުގައި ކަނޑައަޅާފައިވެއެވެ.