މީހުންގެ ކޮމްޕިއުޓަރުތަކާއި އެހެނިހެން ޑިވައިސްތައް ހުއްދަނެތި ބޭނުންކުރުމާއި އެތަކެއްޗަށް އިންޓަފިއާ ކުރުން ފަދަ އެންމެހާ ކަންތައްތައް ހިމެނޭ ގޮތުން "ސައިބަ ކްރައިމްްސް"ގެ ގޮތުގައި ގިނަ ގައުމުތަކުގައި ބަލާ ކަންތައްތައް ޖިނާއީ ކުށްތަކަށް ހަދަން ގާނޫނުލް އުގޫބާތައް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން އިއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ. އެ ބިލުގައިވާ ގޮތުން ބިލު ހުށަހެޅި ސަބަަބަކީ ސައިބާ ކްރައިމާ ގުޅުން ހުރި ކަންތައްތައް އެއީ ކުށްތަކެއް ކަމަށް ކަނޑަ އެޅުމެވެ.
ބިލުގައި ކުށުގެ ގޮތުގައި ގަނޑައެޅުމަށް ހުށަހަޅާފައިވާ ކަންތައްތައް
- ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސް ވުން
- އިތުރުކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއަދަނެތި ކޮމްޕިއުޓަރަކަށް އެކްސެސްވުން
- ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓް ކުރުން
- ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަފިއާކުރުން
- ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
- ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
- ކޮމްޕިއުޓަރާ އެއާ، އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ މި ލިސްޓްގައި ހިމަނާފައިވާ ކަންތައްތައް ބިލުގައި މާނަކޮށްދީފައި ވެ އެވެ. ބިލުގައިވާ ގޮތުން ކޮމްޕިއުޓަރަށް އެކްސެސް ވުމަކީ ބިލުގައި މާނަކޮށްފައިވާ ގޮތުގައި ކޮމްޕިއުޓަރަކަށް، ޕްރޮގްރާމަކަށް، ޑާޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ވުމަށް ޓަކައި ކޮމްޕިއުޓަރު ސިސްޓަމަކުން އެއްވެސް ކަހަލަ ފަންކްޝަނެއް ހިންގުމެވެ.
އެކަން ކުށަކަށް ވާނީ އެ ޕްރޮގްރާމަކަށް ނުވަތަ ޑާޓާއަކަށް އެކްސެސްވުމުގެ ހުއްދަ ނެތް ހާލަތުގައި އެކަމުގެ ނިޔަސް އޮވެގެން ކޮށްފި ނަމަ އެވެ. އެކަމަކު ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ލިބިފައިވާ ބާރަކުން އެފަދަ ކަންތައްތައް ކުރުން ބިލުގައި ވަނީ އިސްތިސްނާ ކޮށްފަ އެވެ. މީގެ މާނައަކީ ގާނޫނު ހިންގާ އިދާރާތަކުން، ތަހުގީގަކަށް ނުވަތަ އެފަދަ އެހެން ކަމަކަށް ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ކޮމްޕިއުޓަރަށް އެކްސެސްވުން ކުށަކަށް ނުވުމެވެ.
ހުއްދަ ނެތި، ކޮމްޕިއުޓާ ޑޭޓާ އަށް އިންޓަސެޕްޓް ކުރުމަކީ ވެސް ބިލުގައިވާ ގޮތުން ކުށެކެވެ. އެއީ ލިންކްތައް ފޮނުވުން ފަދަ ގޮތްތައް ބޭނުންކޮށްގެން މީހުންގެ ކޮމްޕިއުޓަރުތަކަށް އިންޓަސެޕްޓް ކުރުން ފަދަ ކަންތައްތަކެެވެ.
މި ނޫން ވެސް މި ޒަމާނުގައި ހިންގާ ސައިބާ ކްރައިމްގެ ގިނަ އަމަލުތައް ބިލުގައި ތަފްސީލުކޮށް ބަޔާންކޮށް، އެކަންތައްތައް ވަނީ ކުށުގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ސަރުކާރުން މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ ރާއްޖޭގައި ސައިބާ ކްރައިމްސް ވަރަށް ގިނަވެފައިވާ ވަގުތެއްގަ އެވެ.