logo minivan

English

ހޮނިހިރު, 13 ޖުލައި 2024
މާބަނޑު ދުވަސްވަރު މަރުވާ މީހުންގެ އަދަދު ގިނަވާތީވެ ޑަބްލިއުއެޗްއޯ އިން ކަންބޮޑުވޭ

މާބަނޑުވުމާއި ވިހެއުމުގެ ވޭނުގައި ކޮންމެ ދެ މިނެޓަކުން އަންހެނަކު މަރުވޭ: ޑަބްލިއުއެޗްއޯ

މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި ކޮންމެ ދެ މިނެޓަކުން އެއް އަންހެނަކު މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ޑަބްލިއުއެޗްއޯއިން ބުނީ 2016 ވަނަ އަހަރުން ފެށިގެން މާބަނޑު މީހުން މަރުވާ ނިސްބަތް ވަރަށް ދަށްކުރެވިފައި ވަނީ މަދު ގައުމަކަށް ކަމަށެވެ. "ޓްރެންޑްސް އިން މެޓާނަލް މޯޓަލިޓީ" ނަމަކަށް ކިޔާ މި ރިޕޯޓުން ދައްކާ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު މާބަނޑު މީހުން މަރުވާ މިންވަރު މަދުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އެކަމަކު 2020 ވަނަ އަހަރުގެ ފަހުން މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާބަނޑު ދުވަސްވަރަކީ ހުރިހާ އަންހެނުންނަށް ވެސް ރަނގަޅު ތަޖުރިބާއެއް ލިބެން ޖެހޭ ވަގުތަކަށް ވާން ޖެހޭ ކަމަށެވެ. އެކަމަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ސިއްހީ ހިދުމަތް ނުލިބޭ އެތައް މިލިއަން ބަޔަކަށް އަދިވެސް ހިތާމަވެރި ތަޖުރިބާތައް ކުރަން ޖެހިފައިވާ ކަމަށެވެ.

"މި އާ ތަފާސް ހިސާބުތަކުން އެނގެނީ ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށް ވެސް ވިހެއުމުގެ ކުރިންނާއި ވިހެއުމުގެ ތެރޭގައި އަދި ވިހެއުމަށްފަހު ވެސް މުހިންމު ސިއްހީ ހިދުމަތްތައް ލިބެން ޖެހޭކަން ކަށަވަރުކޮށް، ދަރިމައިވުމުގެ ހައްގުތައް ފުރިހަމައަށް ބޭނުން ކުރެވޭނެ ކަން ކަށަވަރު ކުރަން ޖެހޭ ކަން." ޓެޑްރޯސް ވިދާޅުވިއެވެ.

ރިޕޯޓުން ދައްކާ ގޮތުން ޔޫރަޕާއި އުތުރު އެމެރިކާ، ލެޓިން އެމެރިކާ އަދި ކެރީބިއަންގައި 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް މާބަނޑު މީހުން މަރުވާ ނިސްބަތް ވަނީ އިތުރުވެފައެވެ.  އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގައި މާބަނޑު މީހުން މަރުވާ ނިސްބަތް 35 ޕަސެންޓް ދަށަށް ގޮސްފައިވާއިރު ދެކުނު އޭޝިއާގައި އެ ނިސްބަތް ވަނީ 16 ޕަސެންޓް ދަށަށް ގޮސްފައެވެ.

މާބަނޑު މީހުން މަރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ލޭމައްޗަށް ދިއުން، ލޭގެ ޕްރެޝަރު މަތިވުން، މާބަނޑު ދުވަސްވަރު ގައިންގަޔަށް ނާރާ އިންފެކްޝަންތަކާއި، ނުރައްކާތެރި އެބޯޝަންގެ ސަބަބުން ދިމާވާ މައްސަލަތައް ހިމެނެއެވެ.

މާބަނޑު މީހުން މަރުވާ މިންވަރު އެންމެ ގިނައީ ދުނިޔޭގެ އެންމެ ފަގީރު ހިސާބުތަކުގައާއި، ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވެފައިވާ ގައުމުތަކުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *