logo minivan

English

އަންގާރަ, 23 ޖުލައި 2024
މުޝްރިފާ އަދި އޭނާ އުފައްދާ ބައެއް އައިސްކްރީމް. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

ކުއްޅަވައް، ކަށިކެޔޮ، މުޑި އަދި ކަޅުހުއްތު މޭވާގެ ރަހަ، މިއީ މުޝްގެ ތަފާތު އައިސްކްރީމްތައް!

ދިވެހީންނަށް ހާއްސަ، ދިވެހި ރަހައިގެ، ދިވެހި ރާއްޖެއިން ލިބޭ މޭވާތަކުގެ ރަހަތަކުގެ އިސްކްރީމެއް ރަހަ ބަލައިލަން ލިބިދާނެ ކަމަށް ހިތަކަށް ވެސް ނާރަ އެވެ. ބޭރުން ގެންނަ އެއްޗެއްގެ ގޮތުގައި ނޫނީ އައިސްކްރީމް ސިފައެއް ވެސް ނުވެ އެވެ. . ނައިފަރަށް އުފަން އައިމިނަތު މުޝްރިފާ (މުޝް) އުފައްދާ ދިވެހި ރަހަތަކުގެ އައިސްކްރީމް ރަހަ ބަލައިލުމުން އައިސްކްރީމްގެ މި ތަސައްވުރު މުޅިން ބަދަލު ވެއްޖެ އެވެ. އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯތައް ކިތަންމެ ހިތްގައިމަސް، އެވަރުގެ ހިތްގައިމުކަމެއް އެ ރަހަތަކުން ލިބިދާނެ ކަމަކަށް ފުރަތަމަ ހިއެެއް ނުކުރަމެވެ. އެކަމަކު މިހާރު ބުނެވެން އޮތީ ފޮޓޯތަކުގެ ނަލަ ކުލަތަކާ އެއްވަރުގެ ހިތްގައިމު ކަމެއް ރަހަތަކުގައި ވެސް އެބަ ހުރި ކަމަށެވެ.

ކުއްޅަވަކުގެ ރަހަ އާއި ކަށިކޭލުގެ ރަހަ އެވެ. ކަޅުހުއްތުމޭވާއާއި ކާށި މުޑީގެ ރަހަ އެވެ.  ދިވެހި ވަންތަ ރަހަތަކުގެ ތެރެއިން އެންމެ ހިތްދަމައިގަންނަ ހުރިހާ ރަހައަކުން ހެން ލިބެން މިހުރީ ފަންޏެއް، މުރުއްބައެއް ނޫނެވެ. ސީދާ އައިސްކްރީމެވެ.

 

ކަށިކެޔޮ އަދި ކުއްޅަވައް އައިސްކްރީމް

ލޮކްޑައުންގެ ހާސްކަމުގެ ތެރެއިން އުފެދުނު ޚިޔާލެއް

ތިންކުދިންގެ މަންމައެއް ކަމަށްވާ މުޝް ބުނިގޮތުގައި ދިވެހި ރަހައެއްގެ އައިސްކްރީމެއް އޭނާ ފުރަތަމަ އުފެއްދީ މާލެެއަށް ކޮވިޑް-19 ފެތުރި. އެބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅެެއްގެ ގޮތުގައި މާލެ ލޮކްޑައުންކޮށްފައި އޮތް އިރުގަ އެވެ. އޭނާ ބޭނުންވީ ބޭރަށް ނުދެވުނަސް، އައިސް ކްރީމް ބުއިން ފަދަ އުފާތަކުން ކުދިން މަހުރޫމު ނުކުރާށެވެ. ގޭގައި ހުރި އެއްޗަކުން އައިސްކްރީމް ތައްޔާރުކުރުމުގެ ވިސްނުން އައީ އެގޮތުންނެވެ.

"އެދުވަސްކޮޅު ލިބުނީ ބައިވަރު އަނބުތަކެއް، ދެން އޭގެން އައިސްކްރީމް ހެދީމަ، ކުދިންނަށް ވެސް ، ރައްޓެހިންނަށް ވެސް ވަރަށް ކަމުގޮއްސްފި، ދެން ހިތައް އެރީ އެގޮތަށް ދިވެހި އެއްޗެހި ބޭނުންކޮށްގެން އައިސް ކްރީމް ހަދަން، އެހެންވެ ޓްރައި ކުރީ އެކި މޭވާ " މުޝް ކިޔައިދިނެވެ.

ކުދިންނަށާއި އާއިލާގެ މެމްބަރުން އަދި ރަށްޓެހިންނަށް ކަމުދިޔަ އައިސް ކްރީމް ވިޔަފާރިއަކަށް ހަދަން އޭނާ ނިންމީ، ކޮވިޑާއި އެކު އާމްދަނީގެ ބޮޑު ބައެއް ގެއްލުނު އެހަން އެތައް ބަޔަކު ވެސް ކުރި ފިކުރުގެ ތެރެއިންނެވެ. އާމްދަނީއަށް އައި ބަދަލަށް ހޯދި ފަރުވާއެއްގެ ގޮތުގަ އެވެ. މިހާރު އެއީ ހަމަ ރަނގަޅު ވިޔަފާރި އެކެވެ.

ގިނަބަޔަކަށް ކަމުދާ މުޑި އައިސްކްރީމް

ގިނަ ބަޔަކަށް ކަމުގޮސްފި

މުޝް ބުނިގޮތުގައި ރާއްޖޭގައި ހެދޭ އަދި ދިވެހިންގެ މެދުގައި މަގުބޫލު މޭވާތައް ބޭނުންކޮށްގެން އޭނާ ތައާރަފްކުރި އައިސްކްރީމް ރެސިޕީތައް މިހާރު ވަނީ އެތައް ބަޔަކަށް ކަމުގޮސްފަ އެވެ. އައިސްކްރީމް އިޝްތިހާތުކުރަން، ސޯޝަލް މީޑިއާގައި އޭނާ ހިންގާ ޕޭޖް މެދުވެރިކޮށް ގިނަ އޯޑަރުތަކެއް ލިބެނީ އެހެންވެ އެވެ.
" އެންމެ ހިނގަނީ ، މުޑި އައިސްކްރީމް، ދެން ކަޅުހުއްތު މޭވާ ވެސް ވަރަށް ގިނަބަޔަކަށް ކަމުދޭ " އޭނާ ބުންޏެވެ.

"ސްކޫޕިލިޝަސް"ގެ ނަމުގައި އޭނާ ހިންގާ ޕޭޖަށް އަންނަ ހުރިހާ އޯޑަރަކަށް އާނ ބަސް ނުބުނެވޭހާ ބޮޑަށް ވެސް ބައެއް ފަހަރު ޑިމާންޑް ބޮޑުވެ އެވެ. އެހެންވެ ބައެއް މެސެޖްތަކަށް ޖަވާބު ނުދެވި ދާތީ ކަސްޓަމަރުންގެ އޮންނަ ނުތަނަވަސްކަމަކީ އޭނާ ދެރަވާ ކަމެކެވެ. އެކަމަކު އަދިވެސް މިއީ ސިނާއީ ފެންވަރަށް ކުރާ މަސައްކަތަކަށް ނުވާތީ އެ ހާލަތު އެހެން އޮތީ އެވެ. ދިވެހި ރަހަތަކުގެ މި އައިސްކްރީމްތައް އުފެއްދުން އަދިވެސް އޮތީ ގޭގައި އޭނާ އެކަނިކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.

"އަލްހަމްދުލިއްލާހި، މިއީ ހަމަ ވަރަށް ކާމިޔާބު ކަމެއް. ނުހެދިފަ އޮންނަނީ ހަމަ ، އަބަދުވެސް އޯޑަރު އާދޭ، ޕޭޖަށް ވެސް ވަރަށް ގިނައިން މެސެޖު އާދޭ ، އަޅުގަނޑު އެކަނި ކުރާ މަސައްކަތެއް ވީމަ ބައެއް ފަހަރު މެސެޖް ގިނަކަމުން ރިޕްލައި ނުކުރެވި ވެސް ދޭ، މީހުން ރުޅިވެސް އާދޭ އެހެން ވީމަ، އެކަމަމާ ވަރަށް ދެރަވޭ، " މުޝްގެ ކަންބޮޑުވުން ކިޔައިދިނެވެ." މުޝް ބުންޏެވެ.

އެންމެ ހިނގަނީ މުޑި އައިސްކްރީމޭ ބުނީމާ އެ އައިސްކްރީމްގެ ރަހަބަލާލީމެވެ. ތެދެކެވެ. ހީވަނީ ހަމަ ފިނިކޮށްފަ އޮތް ފޮނި ފޮނި މުޑިއެއް ކާލެވޭހެނެނެވެ. ހުރިހާ އައިސްކްރީމްގެ ރަހަބަލައިލާ ހިތްވީ މުޑި އައިސްކްރީމް މީރުވިވަރުންނެވެ. އަޅުގަނޑަށް އެންމެ ކަމުދިޔައީ، ކަޅުހުއްތު މެވާ އާއި ކުއްޅަވަކެވެ. އަޅުގަނޑާއެކު ހުރި "މިނިވަން" ގެ ފޮޓޯގްރާފަރަށް ކަމުދިޔައީ ކަށިކެޔޮ އައިސް ކްރީމެވެ. އެކި މީހުނަށް ކަމުދަނީ އެކިރަހައެވެ.

މުޝް ތައްޔާރުކޮށްފައިވާ ކަޅުހުއްތުމޭވާ އައިސްކްރީމް

އާޓިފިޝަލް ފްލެވާއެއް ނާޅާ

މުޝް ތައްޔާރުކުރާ ހުރިހާ އައިސްކްރީމަކީ ވެސް ދިވެހި ރަހަތަކަށްވާއިރު، އެންމެ ހާއްސަ އެއްކަމަކީ އެއްވެސް އާޓިފިޝަލް ފްލޭވަރިން އެއް ބޭނުން ނުކުރާކަމެވެ. ހުރިހާ ރަހަތަކަކީ ވެސް މޭވާ ބޭނުންކޮށްގެން ނެރޭ އޭގެ އަސްލު ރަހައެވެ.

" އެއްވެސް ފްލޭވާއެއް ބޭނުމެއް ނުކުރަން ، އެފުރުޓަކުން ހަމަ އެރަހަ މިއަންނަނީ، އެކަމަކު، ބައެއް އައިސްކްރީމްގަ ވަރަށް ކުޑަކޮށް ކުލަ ބޭނުންކުރަން އެ ފްރުޓްގެ ކުލަ ގެންނަންވެގެން " މުޝްބުންޏެވެ.
ރަހަލެއްވުން ފިޔަވައި، އައިސްކްރީމް އުފެއްދުމުގެ ރެސިޕީ އޭނާ ހޯދީ އިންޓަނެޓުންނެވެ.  އެ ރެސިޕީތަކަށް ދިވެހި ރަހަތައް އިތުރުކޮށް މުޝްމިވަނީ އޭނާގެ އަމިއްލަ ދިވެހި ރެސިޕީއަކަށް ބަދަލުކޮށްލައިފަ އެވެ.
ކާމިޔާބު އެ މަސައްކަތް އޭނާ ކުރަނީ ދަރިން ސްކޫލަށް ގެންގޮސްފައި ގެއަށް އައުުމުން ލިބޭ ހުސްވަގުތުގަ އެވެ.  "ސްކޫޕިލިޝަސް" ގެ މި އައިސްކްރީމް ވިޔަފާރީގެ ކުރިމަގަށް އޭނާ ވަރަށް ފޮނި އުއްމީދެއް ކުރެ އެވެ. އެއީ މިކަން ފުޅާކޮށް ސިނާއީ ފެންވަރުގައި ކުރާ ކަމަކަށް ބަދަލުކޮށްލުމުގެ އުއްމީދެވެ.

"ފިއުޗާ ޕްލޭނަކީ، އިތުރު ގިނަ ދިވެހި ފްލޭވާ ތައް އުފައްދާ، ޓޫރިސްޓުންނަށް ދިވެހި ރަހައިގެ އައިސްކްރީމް ލިބޭނެ ގޮތެއް ހެދުން " އޭނާ ބުންޏެވެ.

އޭނާގެ އެ ހުވަފެން ހަގީގަތަކަށް ވުމުގެ ކުލަވަރު މިހާރު ވެސް ފެންނަން ފަށައިފި އެވެ. ރިސޯޓެއްގެ އޯޑަރެއް މިހާރު ވެސް އޭނާ އޮތީ ނަގައިފަ އެވެ.
މިއީ ހަމަ އެކަނި އޭނާއަށް އޮތް ނަފައެއް ނޫނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ރިސޯޓްތައް ހިންގާ މިރާއްޖޭގައި މިފަދަ އިންޑަސްޓްރީތައް އޮންނަން ޖެހެ އެވެ. ޓޫރިޒަމްގެ ބްރޭންޑެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވިތާ ބައިގަރުނު ވެފައި ވާއިރު، ރާއްޖޭގެ ރެސިޕީތައް ވެސް އިންޓަނޭޝަނަލް ބްރޭންޑްތަކަށް ވާން ޖެހެ އެވެ. މުޝްއާއި އުފެއްދުންތެރި ޚިޔާލުގެ އެހެން އެތައް ބަޔަކު ކުރާ މަސައްކަތުން އެކަން އަދި ހަގީގަތަކަށް ވާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *