logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
އަދާލަތު ޕާޓީގެ "ހޭރިޔާ" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ.

ބަދަލު ނުވެ އޮތީ އަދާލަތު، ދެން އެންމެ ރަނގަޅަށް އޮތީ އެމްޑީޕީ: އިމްރާން

އުފެއްދި ދުވަހުން ފެށިގެން ބަދަލެއް ނައިސް އެއް ގޮތެއްގައި ކުރިއަށްދާ ހަމަ އެކަނި ޕާޓީއަކީ އަދާލަތު ޕާޓީކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"ހޭރިޔާ"ގެ ނަމުގައި އަދާލަތުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ފަށަން މިއަދު ބޭއްވި ޖަލްސާއެއްގައި އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ އިސްލާހީ މަސައްކަތް ބިނާކޮށްފައި ވަނީ "އިސްލާމީ ޝަރުއީ އިސްލާހީ މަސައްްކަތެއް"ގެ މައްޗަށް ކަމަށެވެ. ރާއްޖޭގައި 2003 ވަނަ އަހަރު އިސްލާހީ މަސައްކަތް ފަށައި، ޕާޓީތައް ހަދަން ހުއްދަ ދިނުމުން ތިން ވަނައަށް އުފެއްދީ ޕާޓީއަކީ އަދާލަތު ޕާޓީކަަމަށް ވިދާޅުވެ، އޭރު އުފެއްދި އެހެން ބައެއް ޕާޓީތައް މިހާރު ކޮބައިތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"އެ ދުވަހުން ފެށިގެން [އަދާލަތު ޕާޓީ 2005 ވަަނަ އަަހަރު އުފެއްދި ދުވަހުން ފެށިގެން] އެއް ގޮތެއްގައި މަޑުމަޑުން ކުރިއަށްދާ ހަމަ އެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީއޭ ބުނުމަކުން ގޯހަކަށް ނުވާނެ ކިތަންމެ ޕޮއިންޓެއް އަޅުގަނޑު ސާބިތުކޮށްދޭނަން. އާދެ އެއް ލީޑަޝިޕުން އަނެއް ލީޑަޝިޕަށް ބަދަލުވުމުން ޕާޓީގެ ސިޔާސަތާ އުސޫލަށް، ޕާޓީ ގަބޫލުކުރާ ހަމަޔަށް ބަދަލުނުވެ މިދާ ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީ. [މިއީ] ގިނަ ޕޮއިންޓްތަކުގެ ތެރެއިން ޕޮއިންޓެއް. ބައްލަވާ ދެން އެންމެ ރަނގަޅަށް ވެސް މިއޮތީ އެމްޑީޕީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގައި ފުރަތަމަ ހުންނެވި ރައީސަށް ފަހު އެ މަގާމަށް އޭނާ ވަޑައިގެންނެވި ފަހުން ވެސް އެޕާޓީ ގަބޫލުކުރާ އުސޫލުތަކަށް ބަދަލެއް ނާންނަ ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދާލަތުގެ އަމާޒާއި ދާންވީ ތަން އެޕާޓީ އުފެއްދި ދުވަހުން ފެށިގެން ވެސް އޮތީ ސާފުކޮށެވެ.

ރާއްޖެ ބިނާ ވާނީ އިސްލާމީ ޝަރުއީ ސިޔާސަތުގެ މައްޗަށް ކަމަށާއި ރާއްޖޭގައި ކަނޑައެޅި އުފެދިގެން ދާ ނިޒާމު ގާއިމްކުރަން ޖެހޭނީ އެހަމަޔާ އެއްގޮތަށް ކަމަށާއި ރާއްޖޭގެ ދައުލަތުގެ ނިޒާމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައި ވަނީ ޝަރުއީ ސިޔާސީ އުސޫލު ހިންގާނެ ޒުވާން ލީޑަޝިޕަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ހޭރިޔާ ޕްރޮގްރާމްގެ ސަބަބުން އިރާދަކުރެއްވިއްޔާ އެފަދަ ލީޑަޝިޕެއް އަަޅުގަނޑުމެން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަށް ނެރޭނަން،" އިމްރާން ވިދާޅުވި އެވެ.

ހޭރިޔާ ޕްރޮގްރާމްގެ ނަމުގައި މިއަދު ފެށި ހަރަކާތަކީ އެ މަސައްކަތް ކުރަން ފެށި ޕްރޮގްރާމެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ހަމަޔާ އުސޫލު ބަދަލުނުވާ ކަމަށް އިމްރާން ވިދާޅުވި އިރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މައިގަނޑު ދެ ފިކުރެއް އޮންނަ އިރު އެ ދެފަރާތަށް އެޕާޓީން އެތައް ފަހަރަކު ބަދަލުވި އެވެ. އެޕާޓީ އުފެއްދި ފަހުން އައި ފުރަތަމަ ރިޔާސީ އިންތިހާބުގައި (2008 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި) އަދާލަތު ނިކުރީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ އިއްތިހާދު ހިމެނޭ ކޯލިޝަނެއްގަ އެވެ. އެއަށް ފަހު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެމްޑީޕީއާ ދެކޮޅުވެ، އަނެއްކާވެސް އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިވެރިވި އެވެ. އަދާލަތުން އޭރު އެމްޑީޕީ ސިފަކުރަމުން ދިޔައީ ރާއްޖެއަށް ލާދީނީ ގޮތްތައް ފަތުރަން އުޅޭ ބައެއްގެގޮތުގަ އެވެ.

އަދާލަތުން ދެވަނަ ފަހަރަށް އެމްޑީޕީއާ އެކު މަސައްކަތް ކުރަން ފެށީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަޑު އުފުލަން ފެށި ދުވަސްވުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *