logo minivan

English

ހޮނިހިރު, 13 ޖުލައި 2024
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ލިޓަން މަރައިލިކަމުގެ ކުށް ނިޒާމުގެ މައްޗަށް ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރި: ޕީޖީ

ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝްގެ ލިޓަން މަރައިލިކަމުގެ ކުށް، އޭނާއާ އެކު ދަތުރުކުރި ގދ.ތިނަދޫ މަނާރު، މުހައްމަދު ނިޒާމު، 45 ގެ މައްޗަށް ސާބިތު ކުރެވޭ ވަރުގެ ހެކި އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނިޒާމާއި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލިޓޮން، 35، ތެޔޮ ބޯޓެއްގައި ފުރައިގެން ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކުރީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އެ ދެމީހުން ވިލިމާލެއިން ފުރައިގެން ދިޔައީ އޭރު ބުނެފައިވާ ގޮތުން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހެވެ. އޭގެ ފަހުން ފުލުހުން ބުނީ އެ ދެމީހުން ދަތުރުކުރި ބޯޓު ހުޅުލޭގެ ނެރު ކައިރިން އޮޔާ ދަނިކޮށް ޖެނުއަރީ 29 ވަނަ ދުވަހު ފެނިފައިވާ ކަމަށާއި އެހެން ނަަަމަވެސް އެ ދެ މީހުން ނުފެންނަ ކަމަށެވެ.

ތެޔޮ ބޯޓުގައި ގެއްލުނު ކަމަށް ރިޕޯޓްކުރި އެކަކު މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

މާލެ ތެރޭގައި އުޅެނިކޮށް ފުލުހުން ނިޒާމު ހައްޔަރުކުރީ ޖެނުއަރީ ތިން ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރުމުގެ ކުރިން، މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ވ. އަތޮޅު ތެރެއިން ފެނުނެވެ. އެއީ ލިޓަންގެ ހަށިގަނޑުތޯ ބަލަން ފުލުހުން ކުރި ތަހުގީގަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނީ އެއީ އޭނާގެ ހަށިގަނޑު ނޫންކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލުކުރީ ކަނޑުމަތިން ފެނުނު ހަށިގަނޑަކީ ލިޓަންގެ ހަށިގަނޑު ނޫން ކަމަށް ވާއިރު ނިޒާމު އޭނާ މަރައިލި ކަމަށް ތުހުމަތުކޮށް ދައުވާ ކުރީ ކިހިނެތްތޯއާއި ލިޓަން މަރާލާފައިވާކަން ކަށަވަރުކުރީ ކިހިނެތްތޯ އެވެ.

ޝަމީމް ވިދާޅުވީ ނިޒާމާ ދެކޮޅަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށާއި ނިޒާމު ކުރި ކަމަކީ މީހަކު މަރުވެދާ ފަދަ ކަމެއްކަން ކޯޓުގައި ސާބިތުކޮށްދެއްވާނެ ކަމަށެވެ. އެކަމުން (ނިޒާމު ކުރި ކަންތަކުން) އެ ނޫން ނަތީޖާއެއް ނުފެންނާނެކަން ވެސް ސާބިތުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް، މަރުގެ މައްސަލައިގައި [ލިޓަންގެ މަރުގެ މައްސަލައިގައި] އަަޅުގަނޑުމެން ދައުވާ މިކުރަނީ ގަސްދުގައި މީހަކު މެރުމުގެ [ކުށުގައި]. އެނގި ހުރެ މީހަކު މެރުމެއް ނޫން، ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރާ ގޮތަށް އަޅުގަނޑުމެން ވިސްނުން ބަހައްޓައިގެން މިއުޅެނީ.  އަޅުގަނޑުމެން އެސްޓެބްލިޝްކޮށްދޭނަން ކޯޓުގައި އޭނާ އެކުރި ކަމަކީ މީހަކު މަރުވެދާ ފަދަ ކަމެއް ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ބޭނުންކުރާނީ އެފަދަ މައްސަލަ ތަކުގައި ސުޕްރީމްކޯޓުން ކަނޑައަޅާފައިވާ އުސޫލުތައް ކަމަށެވެ.

ލިޓަން ގެއްލުމާ ގުޅިގެން ނިޒާމު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ދީފައި ވިޔަސް، އޭނާގެ ކުށުގެ މާގިނަ ތަފްސީލެއް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ. ޝަމީމު މިއަދު ދެއްކެވި ވާހަކައިން ބެލެވޭ ގޮތުަގައި ނިޒާމު ކުރި ކަމަކީ ލިޓަން މަރުވެދާ ފަދަ ކަމެކެވެ. އެއީ އޭނާ ކަނޑަށް ދޫކޮށްލުން ކަމަށް ބެލެވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *