logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ

މުހިއްމު ގިނަ ބިލުތައް ކޮމިޓީތަކުގައި، ތަޅުމުގައި ގަރާރާއި ކުއްލި މައްސަލަ!

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށިފަހުން މިހަައިތަނަށް ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަނާޅާ ޖަލްސާއެއް ނުބާއްވައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މަޖިލީހުގެ މިއަަދުގެ ޖަލްސާ ގައި ވެސް ގަރާރެއްގެ ފުރަތަމަ ކިއުން އިއްވައި، އެހެން ގަރާރެއްގެ ބަހުސް ކުރިއަށް ގެންދިޔަ އެވެ. މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގެންނެވުމުން، ނައިބު ރައީސް ފައިސަލް ނަސީމު ރައީސްކަމުގެ ހުވާ ކުރައްވާފައި ވާތީ ދުސްތޫރީ އޮޅުމެއް އުފެދިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިނބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި ގަރާރެއްގެ އެވެ.

މިއަދު ހުށަހަޅައި ބަހުސް ކުރީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ވިޔަފާރި ބަނދަރު ޕްރައިވެޓައިޒްކުރަން ގޮވާލައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ވަގުތު މިފަދަ ގަރާރުތަކަށް ބަހުސްކުރުމުގައި ހޭދަކުރާ އިރު އެ މަޖިލީހުގައި މިހާރު ވެސް މުހިއްމު އެތައް ބިލެއް އެބަ ހުއްޓެވެ.

މަޖިލީހަށް ހުށަހަޅާފައި ހުރި ބައެއް ބިލުތައް

  1. ޗެމްބަރް އޮފް ކޮމާސްގެ ބިލު
  2. ކުންފުނީގެ ބިލު
  3. އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލު
  4. ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ 2 ބިލު
  5. ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  6. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  7. ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  8. ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  9. ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލު
  10. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
  11. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  12. އިންޝުއަރެންސާ ބެހޭ ބިލު
  13. މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލު
  14. އެެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  15. ބިނާވެހި ޕްލޭން ކުރުމުގެ ބިލު
  16. ކަނޑު އުޅަނދު ފަހަރާ ބެހޭ ބިލެއް
  17. އެއްގަމު އުޅަނދާ ބެހޭ ބިލެއް

މިއީ ކޮމިޓީ މަރުހަލާގައި ކުރިއަށް ނުގޮސް ހުރި ބިލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާ ފަށްޓަވަމުން، ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ފާހަގަ ކުރެއްވި ބިލުތަކެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ މެމްބަރުން ކޮމިޓީތަކުގައި އިތުރު ވަގުތު ހޭދަކުރައްވައިގެން އެ ބިލުތަކުގެ މަސައްކަތް ނިންމަވައިލެއްވުމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު އިއްވެވި ލިސްޓްގައިވާ ވަރަށް ގިނަ ބިލުތަކަކީ އެކިއެކި ސަބަބުތަކަށް ޓަކައި މަޖިލީހުގައި މަޑުޖެހިފައި ހުރި ބިލުތަކެކެވެ.

"އެއީ ސަރުކަރާ އެކުގައި ވާހަކަ ދައްކަން ޖެހިގެންނާއި އަދި އެއްގޮތް ކުރުމަށް ބޭނުންވާތީވެ މަޑުޖެހިފައި ހުރި މަސައްކަތްތައް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޑުޖެހިފައިވާ ބިލުތަކުގެ ތެރެއިން ހަތް ބިލެއް އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މަޑުޖެހިފައި ހުރި ބިލުތަކެވެ. އެ ކޮމިޓީގެ މުގައްރިރަކީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

ނަޝީދު ވިދާޅުވީ އެ ބިލުތައް މަޑުޖެހިފައި ހުރީ ބަންޑާރަނައިބުގެ އޮފީހާ ވާހަކަ ދައްކައިގެން އެއްގޮތް ކުރަން ޖެހޭތީ މަޑުޖެހިފައި ހުރި ބިލުތައް ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިކަންކަން، އެ ކުރައްވަން ޖެހިވަޑައިގަންނަވާ މަޝްވަރާއެއް ކުރައްވައި ވީހާ ވެސް އަވަހަކަށް ނިންމަވައި، ތަޅުމަށް ގެނެސް ހަލާސްކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި މަަސައްކަތް ނުހިނގައި އެންމެ ލަސްވެފައިޥާ އެއް ބިލަކީ އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެންނަން ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހަޅުއްވާފައިވާ ބިލެކެވެ. އެ ބިލުގެ މަސައްކަތް ކޮމިޓީން ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ވެސް ކުރިން ހުށަހެޅި އެވެ. އެހެން ނަަމަވެސް ތަޅުމުން ނިންމީ އެ ބިލު އަލުން ކޮމިޓީއަށް ފޮނުވައިލާށެވެ.

"މިކަން ވެސް އިއްޒަތްތެރި މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމައިވައި ދެއްވުން އަޅުގަނޑު ހިތުން އެއީ ރަނގަޅު ގޮތަކަށް ވާނީ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި ގިނަ އަދަދެއްގެ ބިލުތައް ނުނިމި ހުރި އިރު މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީ ވެސް މި ދައުރުގައި އަދި ދަނީ ވަރަށް ދަށް ކޮށެވެ. މިއަދުގެ ޖަލްސާ ވެސް ފެށި އިރު ވަޑައިގެން ތިއްބެވީ އެންމެ 30 މެމްބަރުންނެވެ. މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަކީ މިހާރު 86 އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *