logo minivan

English

އަންގާރަ, 16 ޖުލައި 2024
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

މަޝްވަރާގެ ތަފްސީލެއް ނުދެއްވި، ގާސިމް ވިދާޅުވީ "އަނބުމޫސުމުގައި ގަސްގަަހަށް ވާ އަންނާނެ ކަމަށް"

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާއިރު އެކިއެކި ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ދައްކަމުން ގެންދާ ވާހަކަ ތަކަކީ "އަނބު މޫސުމުގައި ގަސްގަހަށް ވާ އަންނަ އުސޫލުން" ހިނގާ ކަމެއް ގެ ގޮތުގައި އޭނާ މިއަދު ސިފަކުރައްވައިފި އެވެ.

ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވުމަށް ފަހު ގާސިމް ނުކުމެ ވަޑައިގެންނެވި ވަގުތު ނޫސްވެރިން އޭނާއަށް ގިނަ ސުވާލުތަކެއް އެއްފަހަރާ ކުރިމަތިކުރި އެވެ. ނޫސްވެެރިންގެ ބައެއް ސުވާލުތައް އަމާޒުކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކި އެކި ބޭފުޅުން ހުށަހަޅުއްވާފައިވާ ކަމަށް އަޑު އަރާފައިވާ ހުށަހެޅުންތަކަށެވެ.

"ދަންނަވަންތޯ ވާހަކައެއް؟ ވާހަކަ ދައްކާނެ ދެއްތޯ މީހުން، ވާހަކަ ދައްކާ ގޮތަށް އޮންނަ ދުވަސްވަރެއްގައި ވާހަކަ ދައްކާނެ. އަނބުމޫސުމުގައި ވާ އަންނާނެ ނޫންތޯ ގަސްދަށަށް،" ގާސިމް ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށް ފަހު މިއަދުގެ މަޝްވަރާތަކާ ބެހޭ ގޮތުން ވެސް އިތުރު ތަފްސީލު ދެއްވަން ގާސިމް ދެކޮޅު ހެއްދެވި އެވެ. އެހެން ނަމަވެސް އޭނާ އެއްކަމެއް ކަށަވަރުކޮށްދެއްވި އެވެ. އެއީ ކުރިއަށް އޮތް އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާއެއް އަދި ކުރިއަށް ނުދާކަމެވެ. އޭނާ ވިދާޅުވީ އެ މަޝްވަރާ ކުރިއަށް ގެންދެވޭނީ ޖޭޕީގެ ކައުންސިލުން އެކަމާ މެދު ގޮތެއް ނިންމީމާ ކަމަށެވެ.

"ކޯލިޝަން ހަދަން އަޅުގަނޑުުމެން ވާހަކަ ދައްކާނީ އަޅުގަނޑުމެންގެ ޕާޓީގެ ކައުންސިލުން ގޮތަކަށް ނިންމީމާ. މިހާރު ކައުންސިލުން އަދި ވަކި ގޮތެއް ނުނިންމާ،" ގާސިމް ވިދާޅުވި އެވެ.

ކޯލިޝަން ހެދުމާ ބެހޭ ގޮތުން ރައީސާ މަޝްވަރާ ކުރެއްވިންތޯ ނޫސްވެރިން ފުރަތަމަ ސުވާލުކުރުމުން ގާސިމް ވިދާޅުވީ "މިހާރު ވެސް ކޯލިޝަނެއްގައި ތިބި ބަޔަކު ، ކޯލިޝަން ހަދާކަށް ވާހަކައެއް ނުދައްކާނެ" ކަމަށެވެ.

"މިހާރު ކޯލިޝަނެއްގައި ތިބި ބަޔަކު ކޯލިޝަން ހަދާކަށް ވާހަކައެއް ނުދައްކާނެ ނޫންތޯ،" ގާސިމް ވިދާޅުވި އެވެ.

އެހިސާބުން ނޫސްވެރިން ސުވާލު އިތުރަށް ތަފްސީލުކޮށް، "ކުރިއަށް އޮތް އިންތިހާބަށް ކޯލިޝަން ހަދަން މަޝްވަރާ ކުރެއްވިންތޯ؟" ސުވާލު ކުރި އެވެ. އެ މަޝްވަރާ ކުރާނީ ޖޭޕީގެ ކައުންސިލުން ގޮތެއް ނިންމީމާ ކަމަށް ގާސިމް ވިދާޅުވީ އެހިސާބުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *