logo minivan

English

ހޮނިހިރު, 13 ޖުލައި 2024
އީރާނުގެ ސްކޫލެއްގެ އަންހެން ދަރިވަރުންތަކެއް ފޮޓޯ: އީޕީއޭ

އީރާނުގެ އަންހެން ދަރިވަރުންތަކެއް ގޮތް ނޭގޭ ވިހައެއްގެ ޝިކާރައަކަށްވެފައި!

ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އީރާނުގެ ބައެއް ސިޓީތަކުގެ އެތައް ސަތޭކަ ސްކޫލް އަންހެން ކުދިންތަކެއް ވަނީ ގޮތް ނޭގޭ ބާވަތެއްގެ ވިހައެއް ވެފައެވެ. މުޅި ގައުމުގައި ރުޅިވެރިކަމާއި ނުތަނަވަސްކަމުގެ ރާޅެއް ވަނީ އުފެދިފައެވެ.

މި ކަމެއް ފެށުނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ފަހުކޮޅެވެ. ތެހެރާންގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ކޫމްގައި 50 ވަރަކަށް އަންހެން ދަރިވަރުން ބަލިވެ ހޮސްޕިޓަލަށް ގެންދަން ޖެހުމުންނެވެ. އެޑްމިޓްކުރި ބައެއް ކުދިން ދޫކޮށްލިއެވެ. ނަމަވެސް ބައެއް ކުދިން އޮބްޒަވޭޝަންގައި ބޭތިއްބިއެވެ. އޭގެ ފަހުން ތެހެރާންގެ ކޫމް އާއި ލޮރެސްތާންގެ ބޮރޫޖަރްޑް ސިޓީ އާއި ހުޅަނގު އުތުރުގެ އަރްދޭބީ ސިޓީގެ ދަރިވަރުންތަކެއްވެސް ވިހަވިއެވެ. ކޮންމެ ހާދިސާއެއްގައި ވެސް ގިނަ އަދަދެއްގެ ސްކޫލް އަންހެން ކުދިންނަށް އަސަރުކުރިއެވެ.

ގާނޫނޫ ހަދަ މަޖިލީހުގެ މި ހަފުތާގައި، ހުޅުވާލައިގެން ބޭއްވި ސެޝަންގައި މެމްބަރަކު ވިދާޅުވީ 15 ސިޓީގެ އަންހެން ކުދިންނަށް އަސަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުދިންގެ ނަން ހާމައެއް ނުކުރެއެވެ. ބަލިވީ ކިތައް ދަރިވަރުންކަމެއް އަދި މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ. އެކަމަކު ސަތޭކަ އެއްހާ ދަރިވަރުން ވިހައިގެ ޝިކާރައަށްވެފައިވާ ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ އެ ހާދިސާތައް ހިނގަމުންދާތާ އެތައް މަހެއް ވެފައިވާތީވެއެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު، އެއް ސްކޫލަކަށް ވެސް މި ހާދިސާތައް ވަނީ ހިނގާފައެވެ. ދަރިވަރުން ބުނެފައިވާ ގޮތުންނަމަ އެ ކުދިން ބަލިވުމުގެ ކުރިން އާދަޔާ ހިލާފު ވަހެއް ދުވައެވެ. ބައެއް ދަރިވަރުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުން އެ ކުދިންނަށް ދުވަނީ ފާވެފައިވާ "ޓަންޖެރިން" ނަމަކަށް ކިޔާ މޭވާއެއްގެ ވަހެވެ. އަދި ވަރަށް ގަދަ ސެންޓުވަހެއް ދުވާކަމަށްވެސް އެ ދަރިވަރުން ބުނެފައިވެއެވެ. ބައެއް މީޑިއާތަކުން ދަރިވަރުންނާ ހަވާލާދީ ބުނެފައިވާ ގޮތުން ވިހަވުމުގެ ކުރިން އާދަޔާ ހިލާފު އެއްޗެހިތަކެއް ސްކޫލް ތެރެއަށް އުކާލާތަން ފެނިފައިވާ ކަމަށެވެ.

ވަގުތީ ޕެރަލައިސިސް

ވިހަވާ ކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ހޮޑުލަވާގޮތް ވުން ހިމެނެއެވެ. ވިހަވި ބައެއް ކުދިންގެ އިނގިލިތަކުގެ ވާގިނެތޭ ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަފުތާގައި ކޫމްގެ ސްކޫލް އަންހެން ދަރިވަރަކު ވިހަވެގެން މަރުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ދައުލަތުގެ ޓީވީން އެ އަންހެން ކުއްޖާގެ ބައްޕަ އާއި ޑޮކްޓަރާ ވާހަކަ ދައްކަމުން ބުނީ އެ އަންހެން ކުއްޖާ މަރުވެފައިވަނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. އަދި ވިހަވެގެން ނޫން ކަމަށެވެ. ބައެއް ޓީޗަރުންނަށް ވެސް އަސަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާތައް ހިނގަން ފެށީ ބައެއް ޔުނިވާސިޓީތަކުގެ ކާނާ ވިހާވެފައިވާ ކަމުގެ ރިޕޯޓްތަކެއް ފެންމަތި ވެފައިވަނިކޮށެވެ. އެކަމަކު، އެ ކަންތަކާއި ދަރިވަރުން ވިހަވުމާއި ގުޅިފައެއް ނުވެއެވެ. އެއީ އެ ދަރިވަރުންނެއް ކާނާ ވިހެވަފައި ނުވާތީއެވެ. ސްކޫލްތަކާއި ގަވަރުނަރުންގެ އޮފީސްތަކާއި ހެލްތް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުން އެތައް މަހެއްވަންދެން ގެންދިޔައީ އެ ވާހަކަ ދޮގުކުރަމުންނެވެ. ދަރިވަރުން "ޕެނިކް" ވެފައިވާ ކަމަށް ނުވަތަ "ކުދި ކުދި" އަލާމާތްތައް ފެނިފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔޫނެސް ޕަނާހީ ވަނީ މި ހަފުތާގެ ކުރީކޮޅު ވަނީ ވިހަވި ކަން ކަށަވަރު ކޮށްދިން ފުރަތަމަ އޮފިޝަލަކަށް ވެފައެވެ. ދައުލަތުގެ މީޑިއާތަކާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އަންހެން ކުދިން ސްކޫލަށް ދިއުން ހުއްޓުވަން "ބައެއް މީހުން" ބޭނުންވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

ޕަނާހީ ވިދާޅުވީ ކުދިން ވިހަވެފައިވަނީ ފިހާރަތަކުން ލިބެން ހުންނަ ކެމިކަލްތަކުގެ ސަބަބުން ކަމަށެވެ. އެއްވެސް ވައިރަހެއް ނުވަތަ ބެކްޓީރިއާއެއް ނުހިމެނޭތީ އެ ވައިރަސް ނުފެތުރޭ ކަމަށް ވިދާޅުވިއެވެ.

ތަހުގީގެއް ފަށައިފި

ގާނޫނު ހަދާ މަޖިލީހުގެ ތައުލީމީ ކޮމެޓީގެ މުގައްރިރު އަލީރެޒާ މޮނާދީ ސެފިދާން، ހެލްތު އެންޑް އެޑިއުކޭޝަން މިނިސްޓަރުންނާއި އިންޓެލިޖެންސް މިނިސްޓްރީގެ މަންދޫބުންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބައެއް ސްކޫލްތަކުގައި ބޭނުންކުރާ ވިހައިން ނައިޓްރޯޖަން ގޭސް ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ބެލުމަށް ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ. ރައީސް އިބްރާހިމް ރައީސީ ވަނީ މައްސަލަތައް ބެލުމަށް ދާހިލީ ވުޒާރާއަށް އަންގަވާފައެވެ. މީގެ އެއް ދުވަސް ކުރިން އީރާނުގެ ޕޮލިސް ޗީފް އަހްމަދު ރިޒާ ރަދާން ވިދާޅުވީ އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އަންހެނަކު މަރުވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އީރާނުގެ އެކި ކަންކޮޅުތަކުގައި އެތައް މަހެއްވަންދެން ހިނގި މުޒާހަރާތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުކުރަމުން ދިޔަ ސްކޫލް އަންހެން ކުދިންގެ ކިބައިން ސީދާ "ބަދަލު ހިފުމަށް" މަސައްކަތް ކުރާ ކަމަށް ބުނެ އެކަމާ ދެކޮޅު ބޭރުގެ ފަރާތްތަކުން ވަނީ އެ ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ ދައުލަތުން ކަމަށް ބުނެފައެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ ސްކޫލްތަކުގައި ވިހަވުމުގެ މައްސަލަތައް ބެލުމަށް އީރާނަށް ގޮވާލައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *