ތިމާމެން ކިޔާ އެއްޗަކާ ކުރާ ކަންކަމާ ދިމާނުވުމުން ދިވެހީން ބުނެއުޅެނީ މިހެންނެވެ. " ޖަހާބެރަކާ ކިޔާ ލަވަޔަކާ ދިމައެއް ނުވެއެވެ" މިއަދު މިފެންނަނީ މީގެ މިސާލެކެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އެންމެފުރަތަމަ އުފެދުނު މުތަގައްދަމް ޕާޓީ ވުޖޫދުން ނެތި ދިއުމަށްފަހު ދެން އެންމެ ދޮށީ ސިޔާސީ ޕާޓީއެވެ. ރައީސް އަމީން ދީދީ އިސްވެ ހުންނަވައި އުފެއްދެވި މުތަގައްދިމް ޕާޓީ އެމަނިކުފާނުންގެ ކުރުވެރިކަމާއެކު ނިމިގެން ދިއުމަށްފަހު ބައިގަރުނެއްހާ ދުވަހު ދިވެހީންގެ ތެރޭގައި އޮތީ މާލޫދު ޕާޓީތަކާއި އެކިއެކި ކުޅިވަރު ޕާޓީތަކެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވާހަކަވެސް ދަށްކާލަން ކެރުނީ އިސްލާހީ މަސައްކަތަށް ނުކުމެ އުޅުނު ބައެއްގެ ތެރޭގައެވެ. ނަމަވެސް އެއިރުއޮތް ސަރުކާރުންވެސް މިޔަކަށްވުރެ ވަކިބިރުވެރި ކަމެއް ނެތްކަމަށްދެކި ސިޔާސީ ޕާޓީއެއް ވުޖޫދަށް އަޔަނުދޭން ދެއްކި ގާނޫނީ ހުއްޖަތްތައް ފަހަތަށް ޖައްސާލައި އެންމެ ފަހުން މީގެ ސަތާރަ އަހަރު ކުރީން އެމްޑީޕީ ވުޖޫދަށް ގެނައީ ބަޔަކު ކަށީން ހިއްވަރު ނަގައި ވީ އެތަކެއް ގުރުބާނީ ތަކަށް ފަހުގައެވެ.
އެމްޑީޕީ ވުޖޫދުވެ ދެން އުފެދުނު ބައެއް ޕާޓީތަކާއި އެކުގައި ކުރެވުނު މަސައްކަތުން 2008 ގައި ކޯލިޝަންއެއްގެ ތެރެއިން އެމްޑީޕީ ވެރިކަމަށް އައުމާއެކު ރައްޔިތުންނަށް އެތަކެއް އުންމީދުތައް އާކޮށްދިނީ ރައްޔިތުންގެ ހައްގުގައި ކަންތައްތަކެއް ތާރަފުކުރުމުންނެވެ. ދުލުގެ މިނިވަންކަން ލިއްބައި ދީގެންނެވެ. ވެރީންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގައި އެމްޑީޕީއިން ރައްޔިތުންނަށް ކަށަވަރު ކޮށްދިނެވެ. އެމްޑީޕީ އަކީ ހަމަ އެންމެ މީހެއްގެ ފިކުރެއް ނޫނެވެ. އެމްޑީޕީއަކީ ޚުދުމުޚުތާރު ދިގުލީ ވެރިކަމެއްގެ އަނިޔާވެރިކަން ތަހައްމަލު ކުޅަ އެތަކެއް ބައެެއްގެ ފިކުރާއި ވިސްނުމެވެ. އިހުސާސުތަކެކެވެ. އެންމެން އެއްހަމައިގައި ބަސްބުނެ އުޅޭ ފިކުރެކެވެ. ދެބަސްވުމުން އެއްބަސްވުމަށް އަންނަ އުސޫލު ތަކެއް އެމްޑީޕީ ރާއްޖެއަށް ތާރަފު ކޮށްދިނެވެ. އެހެނަސް ވެރިކަމުގެ މެދުތެރެއިން ވެރިކަން ވަށްޓާލެވި ދެން އަނެއްކާވެސް ރައްޔިތުން ތަހައްމަލް ކުރަންޖެހުނީ އަނދިރި ދުވަސްތަކެކެވެ. ކޮރަޕްޝަނާ ވަށްކަމަށް މޫލައި އުފެދިގެން ދިޔަ އަނިޔާވެރިކަމުގެ ކަޅުދުވަސްތަކެކެވެ. އެހެން ވުމުގެ ސަބަބުން 2018 ގައި އަނެއްކާވެސް ރައްޔިތުން އެމްޑީޕީ ހިމެނޭ ކޯލިޝަންއަކަށް ވެރިކަން ދީފިއެވެ. ވެރިކަން އެކަންޏެއް ނޫނެވެ. ދައުލަތުގެ އަނެއް ބާރުކަމުގައިވާ ގާނޫނުހަދާ މަޖިލީހުގެ ސުމާރެއް ނެތްވަރުގެ މެޖޯރިޓީވެސް ދީފިއެވެ. ނަމަވެސް..
ރައްޔިތުންގެ އުންމީދުތަކުގައި އެންމެ ފުރިހަމަޔަށް ކުލަޖައްސައި ދިނުމަށް ކޯލިޝަން ސަރުކާރުން ކުރާންފެށި އެތަކެއް މަސައްކަތް ތަކަށް ހިޔަނި އަޅާލީ މުޅިދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ސުމްޕާ ވަބާގެ ސަބަބުންނެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދު ވެއްޓޭންދިޔަ ވަޅުގަނޑުން ސަލާމަތްކޮށް ތަރައްގީގެ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސް ކުރިޔަށް ގެންދިޔައީ ކޯލިޝަން ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުގެ ސަބަބުންނެވެ. މިކަން މިހެން އޮތްއިރު އެމްޑީޕީގެ ތެރެއިން ހަމަމިވެރިކަމަށް ފެންބޮވައިގަނެ ނުކުތް ބައެއްގެ ސަބަބުން ރައްޔިތުންނަށް ކަންކަން އޮޅުވާ އެމީހުންގެ އަމިއްލަ އެދުން އިސްކުރާން ފެށުން ވެގެންދިޔައީ އެމްޑީޕީގެ ކޯލިޝަން ސަރުކާރަށް ކުރިމަތިވި އެންމެބޮޑު ގޮންޖެހުމަށެވެ. ވަކިމީހަކަށް ނުކުރެވޭތީވެ، ވަކިމީހަކު ވެރިކަމުގައި ނެތީތީވެ، ކުޅަހުރިހައި ކަމެއް "ވަތަކުތޯ" ޖައްސާލުމަށް އެބަޔަކު އެމްޑީޕީގެ ތެރޭގައި ތިބެގެން މަސައްކަތް ކުރާންފެށީއެވެ. މިކަމުގައި މަޖިލީހުގެ ތެރެވެސް ބައިބައިވެ އޭގެ ނުރަނގަޅު އަސަރު ސަރުކާރަށާ ރައްޔިތުންނަށް ކުރާންފެށީއެވެ.
އެންމެ ބާރަށް މިވެރީން ގޮވާންފެށީ އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ކޯލިޝަންގެ އެހެން ޕާޓީތަކަށް މާބޮޑަށް ބޯލަނބާ ވާހަކައެވެ. އެމްޑީޕީގެ މެމްބަރުން ބާކީކުރާ ވާހަކައެވެ. މިވާހަކަ ތަކުގެ ބޭނުމަކީ އެމްޑީޕީގެ އާންމު މެމްބަރުން ސަރުކާރާ ޖެއްސުވުން ކަމުގައި ވީނަމަވެސް އޭގެ ނަތީޖާއެއް ނުނިކުތެވެ. ރައީސް ސޯލިހުގެ އިތުބާރު އެމްޑީޕީގެ ގައުމީ މަޖިލިހާއި ދައުލަތުގެ ގާނޫނު ހަދާ މަޖިލިހުންނާއި އަދި އެފަހުން ބޭއްވުނު ޕާޓީގެ އެތެރެއާއި ބޭރުގެ އިންތިޚާބު ތަކުންވެސް ރައީސް ސޯލިހަށް އޮތް އިތުބާރު ބޮޑުތަނުން ކުރީގައި އޮތްކަން ހާމަވެއްޖެއެވެ. އެންމެފަހުން " ބަޅުރުއްދޮށުގައި ގެއަޅައިގެން" ކާށިހޮވާން ތިބި ބަޔަކަށް ރިޔާސީ ޓިކެޓުވެސް ގެއްލިދިޔައީ މަލާމާތް ރައްދުވާފަދަ ހިތްދަތި ގޮތަކަށެވެ.
އެމްޑީޕީއަށް މޮޅުގޮތް ވުމަށް އެދޭ ކަމުގައި ބަހުންބުނިނަމަވެސް އެހިދުން އެހިނދަށް ރިޔާސީ ޓިކެޓްލިބުނު ރައީސް ސޯލިހުގެ ފަހަތަށް ނާރައި ނުކުމެ ފިކުރެއް ދިރުވާނަމާ ގޮވަމުން ޕާޓީގެ ބައެއް މެމްބަރުން އެބުނާހެން ޕާޓީތެރޭގައި ބަޢާވާތެއް ކުރަން އުޅުނު ނަމަވެސް އެކަންވެސް ކާމިޔާބު ނުވުމުން ދެންމިއަދު އަނެއްކާ ނުކުމެ އެހެން ޕާޓީތަކާއި އެކުގައި ކޯލިޝަންވާން އުޅޭއިރު މިކޯލިޝަނަކީ ދުނިޔޭގައިވެސް އޮންނާން ނުވާވަރުގެ އެއްޗެއް ކަމުގައި ހަމަގޮވީވެސް އެވެރީންގެ ދުލުންނެވެ. އެމްޑީޕީއަށް އަމިއްލަޔަށް ވެރިކަން ހޯދޭނެކަމަށް ހުވަފެން ދެއްކީވެސް ހަމަ އެއުރެންނެވެ.
ތެދެކެވެ. ރައީސް ސޯލިހުގެ ވެރިކަމަށް ފުރިހަމަޔަށް އެއްބާރުލުންދީ ކަންކަން ރަނގަޅުމަގުން ގެންދިއުމަށް ބާރުއަޅައި ރިވެތި އުސޫލުން ކަންކުރިނަމަ އެބުނާ އެކަނި ނުކުމެގެން ކާމިޔާބުވެދާނެ ކަމުގައިވެސް ބުނެވިދާނެއެވެ. ނަމަވެސް ޕާޓީތެރޭގައި ތިބެގެން އަމިއްލަ ގޮތްކުޑަ އެދުމުން ފޯވެ ކުޅަމަސައްކަތްތަކުން ޕާޓީ އެތެރޭގައި ހައިޖާނު އުފައްދާފައި ދެން އެވާހަކަ ދަށްކާނަމަ ލަދުހަޔާތް ކުޑައޭވެސް މީހަކު ބުނެފާނެތާއެވެ. އެންމެފަހުން ކޯލިޝަން ވެސް ޖަވާހިރަކަށްވެ އިދިކޮޅު ޕާޓީގެ ދަށުގައިވެސް މަސައްކަތް ކުރުން ރަނގަޅު ކަމުގައި އެބަޔަކަށް ފެނިގެން ކޮންމެ ގޮތަކުންވެސް އެމްޑީޕީ އަލުން ވެރިކަމަށް އަޔަނުދޭން އެކުރާ މަސައްކަތަކީ ކޮންފަދަ ލަދުހުތުރު ކަމެއް ކަންވެސް އެބަޔަކަށް ނުވިސްނޭހާ ޖާހިލީ ބާވަޔޭވެސް މަހިތައް އަރައެވެ.
ހަސަނަށާ މޫސަޔަށާ އިބުރާހީމާ ކާސިމަށް ފެނުނެއް ކަމަކު އެމްޑީޕީގެ އާންމު މެމްބަރުން އަދިއަކު ކޯލިޝަން އެއްގެ ރަނިންމޭޓަކަށް އެމްޑީޕީ ވާކަށް ނޭދެއެވެ. އެކަމަކު މިއަދު އަޑުން އަޑުނަގާފައި މިހެންވެސް ގޮވާން ފެށީ ހަމަ ވެރިކަމައިގެން އެނދަ ކެޑިފައިހުރި އެމްޑީޕީގެ މީހަކާ އޭނާއާއި ގުޅިގެން ހުތްއަޅައިގެން އެއުޅޭ ބައިގަނޑެކެވެ. ވީއިރު މިމީހުން މިކިޔާ އެއްޗަކާ އެކުރާ ކަމަކާ ގައިމުވެސް ދިމައެއް ނުވޭތާއެވެ. އެމްޑީޕީއަށް އެހާ ހެޔޮއެދޭނަމަ އެންމެ ފަހުން " ފަތަފޮޅި ދަށުލީ ފަތްގަނޑަށްވެސް އެމްޑީޕީ ހަދާލާކަށް މިމީހުން ނުނިކުތީސް ތާއެވެ. އާއެނކެވެ. ހަމަ ތިޖަހާބެރަކާ ތިކިޔާ ލަވަޔަކާ ދިމައެއް ނުވެެއެވެ. ނިކަން ދިމާވާ އެއްޗެއް ކިޔާބަލާށެވެ. އޭރުން މަކަހަލަ ގަމާރުންނަށްވެސް ތިޔަށް ނަށަން އެނގުނީސްތާއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
2028gaa kon verikameh thoa MDP ah libunee?? 2028 annanee adhi kon dhuvahaku thoa?? Thaareekhu thah rangalhah liuvan samaalu vumah naseyhaiytheri vaan.