logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ގާސިމަށް ހެޔޮ އެދިގެންތަ، ނޫނީ ރައީސާ ދެކޮޅަށް ތަ؟

ވިއްސާރަވެ، ކަނޑު ގަދަ ވެގެން ލޯންޗްކޮޅު ގޮސް މަޑުކުރީ ވިލުރީފު ރިސޯޓްގަ އެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ދ.ކުޑަހުވަދުއަށް ވަޑައިގަންނަވަން އޮތް ދަތުރުފުޅުގެ ޝެޑިއުލް އެގޮތުން ބަދަލުވި އެވެ. އެމަނިކުފާނުގެ ކޮއްކޯފުޅު އޭރުގެ ރިޔާސީ ކެންޑިޑޭޓް ޔާމީނު ދަތުރުކުރެއްވި ލޯންޗް އެކަމަކު އެ ދިޔަ ގޮތަށް ގޮސް ބަނދަރުކުރީ ކުޑަހުވަދޫގަ އެވެ. އެ ދެބޭފުޅުންނަށް އެހައިތަނަށް އިންތިހާއަށް ބޮޑު ތާއީދު އޮތް އެރަށުގެ ގިނަ އަދަދެއްގެ މީހުން ބަނދަރު މަތީގައި ތައްޔާރަށް ތިބީ ދެބޭފުޅުންނަށް މަރުހަބާ ދެންނެވުމަށެވެ.

"އަޅުގަނޑު އެއްގަމަށް ދާނީ ތުއްތުދޮންބެ ވަޑައިގެންނެވީމަ،" ތޮށިގަނޑު މަތީ ހުންނަވައި ޔާމީނު ވިދާޅުވި އެވެ. އެކަން އަޅުގަނޑަށް ސިފަކުރެވުނީ ތަނަކަށް އަލަށް ގެންދާ ކުޑަ ކުއްޖަކު، އޯޑިއަންސް ދެގެ ލަދުން އުޅޭ އުޅުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެން، އެމަނިކުފާނަށް ވެސް ވަކިން ހަމަ މަރުހަބާ ކިޔާނަން، މަނިކުފާނު އެއްގަމަށް ވަޑައިގަންނަވާ،" ކުޑަހުވަދޫގައި ތިބި ޕީޕީއެމްގެ އިސް ބޭފުޅުން ޔާމީނަށް ދެންނެވި އެވެ. އެހެން ނަމަވެސް އެމަނިކުފާނު ހަމަ މަޑުކުރެއްވީ އެވެ. އެއްގަމަށް ވަޑައިގެންނެވީ އޭގެ ވިއްސަކަށް މިނެޓް ފަހުން މައުމޫނު ވަޑައިގެންނެވުމުން އެމަނިކުފާނުގެ ފަހަތްޕުޅުންނެވެ.

މިހާދިސާގެ ވާހަކަ މި ގެނައީ މައުޟޫއު އޮޅިގެނެއް ނޫނެވެ. ރައީސް މައުމޫނުގެ ސިޔާސީ ބުރަދަން އޭރު ހުރި ވަރު ސިފަކޮށްދެވޭ ތޯ އެވެ. އެކަމަކު ރައީސްކަމަށް ޔާމީނު ވަޑައިގެންނެވުމާއި އެކު ވީ ކިހިނެއްތޯ އެވެ. އެ ދެބޭފުޅުންގެ ހިޔާލު ތަފާތުވުމާއި އެކު އާއްމު މެމްބަރުން އެރީ ކޮން ކޮޅަކަށް ތޯ އެވެ؟ މީގެ ތަފްސީލަށް ނުދިޔަސް އެކަން އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ.

ތިރީސް އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި މައުމޫނަށް އެހާލުކޮޅު ޖެހިވަޑައިގެންނެވި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އާއްމު މެމްބަރުންގެ "ލޯތްބަށް" އައިސްދާނެ އެފަދަ ބަދަލެއްގެ އަސަރަށް "އިމިއުން" ވާނެ ބޭފުޅެއް ނޫނެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުކުންނަވައި 2023 ކާމިޔާބުކުރައްވައިފި ނަމަ ސިޔާސީ ގޮތުން ނަޝީދުގެ ބުރަދަނަށް ވެސް ވާނީ ހަމަ އެހެންނެވެ.

ސިޔާސީ މައިދާނުން މިހާރު މިފެންނަ ކަންތައްތަކަކީ އެ "ޑިޒާސްޓާ ހުއްޓުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅެކެވެ. އެހެންނޫނީ އެމްޑީޕީގެ ކެންޑިޑޭޓަކު ރައީސްކަމަށް ވަޑައިގެންނެވުމަށް ވުރެ ޖޭޕީގެ ލީޑަރު ގާސިމް ރައީސްކަމަށް ވަޑައިގެންނެވުމުހން އެމަނިކުފާނަކަށް ރަނގަޅެއް ވަކި ނުވާނެ އެވެ.

ނަޝީދަށް ތާއީދުކުރާ ހަރަކާތްތެެރިން ހިންގާ ސޯޝަލް މީޑިއާގެ އެކިއެކި ގްރޫޕްތަކުން ނުސީދާ ގޮތެއްގައި ބޭރުވާ ވާހަތަކުން ވެސް ސާފުކޮށް މިހާރު އެނގެނީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ވެސް އަމާޒަކީ 2023 އެމްޑީޕީއަށް ގެއްލުވައިލުން ކަމެވެ. އެކަން އެގޮތަށް ވަނީ ގާސިމް އިބްރާހީމް ހޮވިވަޑައިގަނެގެންތޯ ނުވަތަ އިދިކޮޅު ޕީޕީއެމްގެ ވެރިކަމެއް އަލުން ގާއިމްވެގެންތޯ، މިއީ އެ ބޭފުޅުން ވިސްނަވާ ކަމެއް ނޫނެވެ.

މުހިއްމީ ސޯލިހަށް މި އިންތިހާބު ކާމިޔާބު ނުވުމެވެ. ނަޝީދުގެ އޮފު ނުކެނޑި، އެމަނިކުފާނުގެ މުހިއްމުކަން އެމްޑީޕީއަށް ކުޑަ ނުވެ އޮންނާނެ "ފޯމިއުލާ" އަކީ އެއީ އެވެ. އެކަމުގައި އެކަމަކު އެންމެ ރައްކާތެރި ގޮތަކީ ގާސިމް ވެރިކަމަށް ގެނައުމެވެ. އޭރުން ރައީސް ނަޝީދަކަށް އަދި ރައީސް ސޯލިހަކަށް ވެސް ވާނެ މާބޮޑު ނުރައްކަލެއް ނެތެވެ. އެކަމަކު ޕީޕީއެމްގެ ވެރިކަމެއް އަލުން ގާއިމް ވެއްޖެ ނަމަ އެ ދެ ލީޑަރުންގެ އިތުރުން އެމްޑީޕީއާއި ޖޭޕީގެ މަތިފަޑީގައި ތިއްބެވި އެންމެ ބޭފުޅުން، އެކިއެކި ބަހަނާގައި ގެންގޮސް ޖަލަށް ލުމަކީ ގާތް ކަމެކެވެ. އެ ގޮތުން ބަލާއިރު ގާސިމަކީ "ސޭފް ސަބްސްޓްޓިއުޓް" އެވެ.

ރިޔާސީ ރޭހަށް ގާސިމް ނުކުންނަވައިފި ނަމަ އޭނާއަށް ތާއީދުކުރައްވާނެކަމުގެ އިޝާރާތްތައް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހަފްތާގައި ދެއްކެވި ބައެއް ވާހަކަފުޅުތަކުން އެކަން މާރީއްޗަށް ފެނެ އެވެ.

މަޖިލީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގަައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ތުހުމަތުކުރެއްވި ގޮތުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެގެން އެ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަކީ ރަނގަޅު ގޮތް ކަމަށް އެމްޑީޕީގެ މެމްބަރުންނަށް ވިސްނައިދެއްވަން ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިިގެން ނަޝީދު އެގޮތަށް މަަސައްކަތް ކުރެއްވުމަކީ ގޯހެއް ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ރައީސް، އެމްޑީޕީގެ މެމްބަރުންނަށް އެންމެ ރަނގަޅުވާނީ، އެމްޑީޕީގެ ކެންޑިޑޭޓާ އެކީގައި އެމްޑީޕީއަށް ވެރިކަން ހޯދުމަށް ވުރެ ގޮސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ނެރެގެން، ޖުމްހޫރީ ޕާޓީގެ ރައީސަކަށް ވެރިކަން ހޯދައިދިނީމާ ކަމަށް އެމްޑީޕީގެ މެމްބަރުންނަށް ވިސްނައިދިނުން އެއީ އާއްމު، އޯކޭ، ރަނގަޅުކަމެއްގެ ގޮތުގައި ދިވެހި ރައްޔިތުން ބަލައިގަންނަ ގޮތަށް ކެމްޕޭން ކުރުމަކީ މި މަޖިލީހުގައި ތިޔަ ހިނގައިދިޔަ ކަމަށް ވުރެ ގޯސްކަމެއް،" ހުސައިން ވިދާޅުވި އެވެ.

އެ މޭރުމުން މެމްބަރު ވާހަކަ ދައްކަވައި ނިންމެވުމުން، އެ ތުހުމަތު ދޮގު ކުރެއްވުމުގެ ބަދަލުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މިހާރު އޮތީ ސަރުކާރުގެ 40 ޕަސެންޓް ކަމަށާއި އެއަށް ވުރެ އިތުރަށް ލިބޭ ގޮތް ވަންޏާ އެއީ ރަނގަޅު ގޮތެއް ކަމަށް ލަފާކުރެވިދާނެ ކަމަށެވެ.

" ޔަގީން އަޅުގަނޑު ފާހަގަކޮށްދޭކަށް ނުޖެހޭނެ، މިވަގުތު އެމްޑީޕީއަށް ލިބިފައި އޮތީ ސާޅީސް ޕަސެންޓް، ސަރުކާރުގެ، އެއަށް ވުރެން އިތުރު މިންވަރެއް އެމްޑީޕީއަށް ލިބޭ ގޮތް ވަންޏާ އެއީ ރަނގަޅު ގޮތެއް ކަމަށް ލަފާކުރެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެވާހަކަފުޅުގެ އިތުރުން ވެސް އެ ވިސްނުން ފުޅު ފާޅުވާ އެތައް ކަމެއް އެބަ ހުއްޓެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް ޔަގީންވާ ކަމަކީ އެމަނިކުފާނު އެ އުޅުއްވަނީ ގާސިމަށް ހެއުއެދިވަޑައިގެން ނޫން ކަމެވެ. ހަމަ އެކަނި ބޭނުންފުޅަކީ ސޯލިހަށް 2023 ކާމިޔާބު ވިޔަ ނުދެއްވުމެވެ. އޭރުން އެމަނިކުފާނުގެ ސިޔާސީ މަގުބޫލުކަން މިހާރު ވެސް އޮތް ހިސާބުގައި އޮވެ، 2028 އަށް ތައްޔާރުވާން ފުރިހަމަ ފަސް އަހަރު ލިބިވަޑައިގަންނަވާނެ އެވެ. ޕްރައިމަރީ އަކުން ނުވަތަ ތަބަކަކަށް ލާފައި ދޭ އެއްޗެއްގެ ގޮތުގައި ނަމަވެސް އެމްޑީޕީގެ ޓިކެޓް އޭރުން ހޯއްދެެވޭނެ އެވެ.

ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމުގެ ހުވަފެންފުޅު ހަގީގަތަކަށް ހައްދަވަން ވެސް އޭރުން މަސައްކަތް ކުރެއްވޭނެ އެވެ. ރިފަރެންޑަމެއް ނުބޭއްވުނަސް ޔަގީނުން ވެސް ބަރުލަމާނީއަށް ތާއީދު ހޯއްދަވަން ވަރުގަދަ ކެމްޕޭނެއް ކުރެއްވޭނެ އެވެ. އެމަނިކުފާނަކީ ކެރިއާ ޕޮލިޓީޝަނެކެވެ. އެހެންވީމާ ސިޔާސީ އެ މަސައްކަތްތަކަށް 100 ޕަސެންޓް ދެއްވޭ ފަދަ ފަސް އަހަރު، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ފަސް އަހަރަށް ވުރެ މުހިއްމުވާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޕީޕީއެމް ދެކެ ހާދަ ބިރެކޭ ދޯ ތިގަންނަނީ، ދޮން ހަސަނަށް ހީވާނެ ފުޅަށްބުޑުންދަންޏާ ކެއޮގަނޑު ކަޑާލާނޭ، ހަމަ މި އުސޫލުން ޕީޕީއެމް ފިަވާ ދެން ތިބި ހުރިހާޕާޓީތަކަކީ ވެސް ރޔާމީނަށް ހަސަދަވެރި އަނ8ޔާވެރި ބައެއްކަން ތި ކަންކަމުން އެބަ ވަރަށް ސާފުވޭ،
    ރޔާމީން ޖަލަށްލާ ނުހައްގު އަނިޔާތަކެއް ކުރަމުން ދާ ބަޔަކަށް ހީވާނެތާ އެމީހުން ކަންތައްތައް ކުރިގޮތަށް ރޔާމީން ވެސް ކަންތައްތައް ކުރައްވާނޭ، ކޮންމެ ގޮތެއްވިއަސް އަނިޔާވެރި ކަމުގެ ހިތި ރަހަ ދުނިޔެމަތީގާވެސް ގިނަފަހަރަށް ދައްވާފަވޭ، އަދި ކޮބައިތޯ އާޚުރަތުގެ ވެންދެނިވި އަޒާބު، ދުނިޔެމަތީގާ ނުލިބުނަސް އާހުރަތުގާ އިންސާފު ފުރިހަމަ ގޮތުގާ ކޮންމެމީހަކަށް ވެސް ލިބޭނެ،
    އަނިޔާވެރިކަން ގިޔާމަތްދުވަހުން ވަނީ އަދިރިތަކެއް ކަމުގާ،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *