ރާއްޖޭގައި ހިންގާ ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކާއި ސިޔާސީ އިސްފަރާތްތަކާއި ބައެއް މުއައްސަސާތަކުގެ ވެރިން ގުޅިފައިވާ ކަމަށް ކުރައްވާ ތުހުމަތު ތަކުރާރު ކުރައްވައި، އެފަދަ ފަރާތްތަކަށް ހޯމް މިނިސްޓަރު އިމްރާން މިއަދު އިންޒާރެއް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ރާއްޖޭގައި ޑްރަގްގެ ވިޔަފާރިއާއި ގޭންގްތައް ހިންގާ ފަރާތްތަކުގެ ކުރިމަތީގައި "ތިރިނުވާނެ" ކަމަށެވެ. އެ މައްސަލަތައް ހައްލުކުރަން ފުލުހުންނާ އެކީގައި ވަރަށް ގިނަ މަސައްކަތްތައް ،ކުރަމުން އަންނަ ކަމަށާއި ދާދި ފަހުން ހިނގި ބޮޑެތި މައްސަލަތަކެއް އިތުރަށް ދިރާސާ ވެސް އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަނދާން އެބަހުރި 2021 ވަނަ އަހަރު އަޅުގަނޑު، މަސްތުވާތަކެތި ނައްތައިލުމުގެ ތެރޭގައި ދެންނެވިން، މި މައްސަލައިގައި، ޚާއްސަކޮށް ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކާއި ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ގައުމުގެ މުއައްސަސާތަކުގެ އިސް ވެރިން އެބަ ބައިވެރިވެޔޭ. އަޅުގަނޑު މިއަދުވެސް ދަންނަވައިލަން ބޭނުން މި މަަސައްކަތް ކުރިއަށް ގެންދާ އިރުގައި އެއްވެސް ބޭފުޅަކާ އަރާ ހަމަކުރާ ނަމަ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" އިމްރާން ވިދާޅުވި އެވެ.
އެކަމަށް ހުރިހާ ބޭފުޅުން ސަމާލުވާން އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަޑު އެންމެން އައްސަވާނެ ކަމަށް ގަބޫލުކުރަން. އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އެކަމަކު ހުރިހާ ބޭފުޅުން ފަހަތަަށް ޖެހިވަޑައިގަންނަަވަން ޖެހޭ. މިފަދަ ކަމެއްގައި ދައުލަތުގެ އެއްވެސް އިސް ވެރިއަކު ބައިވެރިވުމަކީ މި ދައުލަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" އިމްރާން ވިދާޅުވި އެވެ.
އިމްރާނު މި މޭރުމުން ވާހަކަ ދެއްކެވީ ތިމަރަފުށި ދާއިރާގެ އެމްއެންޕީ މެމްބަރު އަދި ކުރީގެ ޕޮލިސް ކަމިޝަނަރު ރިޔާޒު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އިމްރާނާ ސުވާލުކުރައްވަމުން ރިޔާޒް ތުހުމަތުކުރެއްވި ގޮތުގައި ޑްރަގް ޓްރެފިކް ،ކުުރުމުގެ ކުށުގައި ޖަލަށް ލާފައިވާ ގިނަ ބަޔަކު އެމީހުންގެ ހުކުމުގެ މުއްދަތަށް ވުރެ މާ އަވަހަށް މިނިވަން ކޮށްފައިވާ ކަމަށެވެ. އެކަން ހިނގާފައި ވަނީ މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާ ގޮތަަށް ކަަމަށް މައުލޫމާތު ލިިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ތުހުމަތުތަކަށް މިނިސްޓަރު ދެއްވާނެ ޖަވާބަކީ ކޮބައިތޯ ރިޔާޒް އެއްސެވި އެވެ.
އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ގޭންގް ކުށްތައް ހިންގާ ފަރާތްކަށް އެއްވެސް ލުޔެއް ލިބޭނެ ގޮތެއް އޭނާގެ ފަރާތްޕުޅުން މެދުވެރިނުވާނެ ކަމަށެވެ.