logo minivan

English

ބުދަ, 24 ޖުލައި 2024
majilis

އެއް އިބާރާތެއް، އެކި މެމްބަރުންނަށް މާނަކުރެވުނީ އެކި ގޮތަށް!

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއްގައި އޮތް އިބާރާތެއް އެކި މެމްބަރުންނަށް އެކި ގޮތަށް މާނަ ކުރެވި، އެކަމުގެ ސަބަބުން ބޮޑު ޒުވާބެއް ހިނގައިފި އެވެ.

ދާދި ފަހުން ފާސްކޮށް އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ދެ ބަދަލެއް ގެންނަން ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި ބިލުގައި އޮތީ އެންމެ  ދެ މާއްދާ އެވެ. ފުރަތަމަ މާއްދާގައި އޮތީ ފުލުހުންގެ ވަޒީފާއަށް މީހުން ވެއްދުމަށް ޓަކައި ބެކްގްރައުންޑް ޗެކް ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތަކެއް، އިޚުތިޔާރީ ކަމަކަށް ބަދަލުކުރަން އޮތް ހުށަހެޅުމެކެވެ. އެއީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާ އިބާރާތް ބަދަލުކޮށްގެންނެވެ.

ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާ މިހާރު އޮތް ގޮތް

"ފުލުހުންގެ ވަޒީފާ އަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި މުހިއްމު ވަޒީފާއަކަށް ވާތީ ފުލުހުންގެ ޚިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން ، މިގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން ބެކްގްރައުންޑް ޗެކްކުރަން ވާނެ އެވެ. މިގޮތުން ތިރީގައި އެވާ ކަންކަން ކުރަން ވާނެ އެވެ."

މި އިބާރާތް އޮތް ގޮތުން ބެކްގްރައުންޑް ޗެކްކުރުމާއި ބެކްގްރައުންޑްޗެކް ކުރުމުގެ ގޮތުން ކުރަން ހުރި ކަންތައްތައް ތަކަކީ ކުރުން ލާޒިމު ކަންތައްތަކެވެ. އޭގެ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމުގެ އިޚުތިޔާރެއް އެހެންވީމާ ނެތެވެ.

ގެންނަން ހުށަހަޅާފައި އޮތް ބަދަލު

"ފުލުހުންގެ ވަޒީފާ އަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި މުހިއްމު ވަޒީފާއަކަށް ވާތީ ފުލުހުންގެ ޚިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން ، މިގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން ބެކްގްރައުންޑް ޗެކްކުރަން ވާނެ އެވެ. މިގޮތުން ތިރީގައި އެވާ ކަންކަން ކުރެވިދާނެ އެވެ."

މި އިބާރާތް އޮތް ގޮތުން، ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ގާނޫނުގައި ކުރަން ކަނޑައެޅި ކަންތައްތައް ބަދަލުވަނީ ބޭނުން ނަމަ ކުރެވިދާނެ އަދި ނުކޮށް ދޫވެސް ކޮށްލެވިދާނެ ކަންތަކަކަށެވެ.

ރިޔާސަތުން އެކަން ފާހަގަ ކުރުމުން ބޮޑު އަރައިރުމެއް

ފުލުހުންގެ ގާނޫނަށް ބަދަލު ގެންނަ ހުށަހެޅި ބަދަލުން، އެ ގާނޫނު ލާޒިމުކުރާ ބައެއް ކަންތައްތައް އިޚުތިޔާރީ ކަމަކަށް ވާކަން އެންމެ ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން އެންމެ ފުރަތަމަ ފާހަގަ ކުރެއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު އެވެ. އެމްޑީޕީގައި ނުރަސްމީ ދެ ފެކްޝަން އޮންނަ އިރު އޭނާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފެކްޝަނުގެ މެމްބަރެކެވެ.

އޭނާ ވިދާޅުވީ "މިނިވަންކަމާ އެކު ހުރެ ވިސްނާލާފައި ދެންނެވޭނީ، ފުލުހުންގެ ގާނޫނުގައި ވަކި ކަންތައްތަކެއް ކުރުމަށް ލާޒިމުކޮށްފައި އޮތް އޮތުން އެއީ އޮޅިގެން ކޮށްފައި އޮތް ކަމެއް ނޫން" ކަމަށެވެ. އެ ކަންތައްތައް ގާނޫނުގައި ހިމެނީ ފުލުހުންނަކީ ވަކި ފެންވަރެއްގެ "ވަކި އަޚުލާގެއް ހުންނަ" ބަޔަކަށް ހެދުމުގެ މަގުސަދުގައި ހިމެނި ކަންތައްތަކެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ ގާނޫނުގައި ހުރި ކަންކަން އެެއީ އިޚުތިޔާތީ ކަންކަމަށް ބަދަލުކުރަން ފުލުހުންގެ ވެރިން ބޭނުންވުމަކީ އަޅުގަނޑަކަށް ވެސް އެހާ ހިތްގައިމު މަންޒަރެއް ނޫން،" ޝިފާއު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވެ، ވާހަކަ ދައްކަވައި ނިންމެވުމުން ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ  މެމްބަރު ޝިފާއު ވާހަކަ ދެއްކެވީ ބިލު ވަރަށް ރަނގަޅަށް ބައްލަވާފައި ކަމަށާއި މެމްބަރުން ބިލު ރަނގަޅަށް ބައްލަވަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ގާނޫނުގައި އޮތީ ބެކްގްރައުންޑް ޗެކް ހަދަން ޖެހޭނޭ. އެކަން ކުރާން ޖެހޭނޭ. އިސްލާހުގައި މިއޮތީ ގާތްގަނޑަކަށް، ނުކުރިޔަސް ހެވޭ،" ނަޝީދުވިދާޅުވި އެވެ.

އޭގެ ފަހުން އެހެން ބައެއް މެމްބަރުން ވެސް އެކަން އޮތަށް މާނަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ތުހުމަތުކުރެއްވީ އެގޮތަށް ވިދާޅުވާ މެމްބަރުން އެ ހައްދަވަނީ އިތުރުފުޅު ކަމަށެވެ.

"އިސްލާހުގައި ނެތް، ބެކްގްރައުންޑް ޓެސްޓް ނުކުރާ ވާހަކައެއް. ޓެސްޓްކުރަން ވާނޭ އޮތީ،" ޝަރީފު ވިދާޅުވި އެވެ.

އެހިސާބުން ރިޔާސަތުން ނަޝީދު ޝަރީފުގެ ވާހަކަ މެދުކަނޑުއްވައިލައްވާފައި ވިދާޅުވީ ޝަރީފު އެ ވިދާޅުވީ އޮތް ގޮތާ ޚިލާފަށް" ކަމަށެވެ.

އެވަގުތު ޝަރީފު އަޑުގަދަ ކުރައްވަން ފެށްޓެވުމުން، އޭނާ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތަވަން ވެސް ރިޔާސަތުން ނަޝީދު އިންޒާރު ކުރެއްވި އެވެ.

"މިތަނުގައި އެއްވެސް އިއްޒަތްތެރި މެމްބަރަކު އިތުރުފުޅު ހައްދަވައި، އޮޅޭ ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ފުރުސަތު ދެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް ޝަރީފު ތަކުރާރުކޮށް ވިދާޅުވީ އިސްލާހުގައި އޮތީ ބެކްގްރައުންޑް ޗެކް ކުރަން ވާނެ ކަމަށް ހުށަހެޅި އިސްލާހުގައި އެބަ އޮތް ކަމަށެވެ. އެހެން ވިދާޅުވެ ތަކުރާުރުކޮށް އޭނާ ބިލު ބައްލަވައިގެން ވިދާޅުވަމުން ގެންދެވީ އިސްލާހުގައި އޮތް ފުރަތަމަ އިބާރާތެވެ. އެއާ ޖެހިގެން އޮތް ، "އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ" މި އިބާރާތް އޭނާ ވިދާޅެއް ނުވެ އެވެ.

އެހެންވެ ނަޝީދު އަނެއްކާ ވެސް އޭނާ ހުއްޓުވި އެވެ. އެހިސާބުން ޝަރީފު ނަޝީދަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޮޑު ތުހުމަތެއް ވެސް ކުރެއްވި އެވެ.

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *