logo minivan

English

އަންގާރަ, 23 ޖުލައި 2024
ކޮވިޑް ކޮންޓްރޯލްކުރަން ޗައިނާގައި ބަޔަކު މަސައްކަތް ކުރަނީ. ފޮޓޯ: ރޮއިޓާސް

ކޮވިޑަށް ތިން އަހަރު: ފެތުރުނުގޮތާ ބެހޭ ގޮތުން އެނގުނީ ކޮންކަމެއް؟

ކޮވިޑް-19 އަކީ އާލަމީ ބަލިމަޑުކަމެއް ނުވަތަ "ޕެންޑެމިކް" އެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިއުލާނުކުރީ 2020 ވަނަ އަހަރުގެ މާޗްމަހުގެ 11 ވަނަ ދުވަހު އެެވެ. މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް، އިގުތިސާދީ ގޮތުން ދުވަހަކު ނާންނަ ވަރުގެ ކާރިސާއެއްގެ ތެރެއަށް ވައްޓައިލި އެ ބަލި ޖައްސާ ވައިރަސް، އިންސާނުންގެ ތެރެއަށް ފެތުރުނު ގޮތާ ބެހޭ ގޮތުން އޭރުއްސުރެ އުފެދިފައި ހުރި އެތައް ސުވާލެއް އެބަ ހުއްޓެވެ.

"އެއީ ހަމަ ހަގީގަތުގައި ވެސް ޖަނަވާރުގެ ފުށުން އިންސާނުންނަށް ފެތުރުނު ބައްޔެއް ހެއްޔެވެ؟ ނުވަތަ އެއީ ލެބޯޓްރީއެއްގައި ހިނގި އެކްސިޑެންޓަކުން ފެތުރުނު ބައްޔެއް ހެއްޔެވެ؟" މިއީ އެގޮތުން އުފެދުނު އެންމެ ބޮޑު ދެ ސުވާލެވެ. ކޮވިޑަނީ އާލަމީ ވަބާއެއް ކަމަށް ކަނޑައެޅިތާ ފުރިހަމަ ތިން އަހަރު ފުރުނު އިރު މި ސުވާލުތަކަށް ޖަވާބު ލުބިފައި ވަނީ ކިހާ ވަރަކަށް ހެއްޔެެވެ.  އެ ދެ ގޮތުން ކުރެ ސައިންސްވެރިން ބުރަވާ ގޮތަކީ ކޮބައިހެއްޔެވެ؟

އެންމެ ކުރު ޖަވާބަކީ، ސައިންސްވެރިންގެ ތެރެއިން ގިނަ ބަޔަކު ދެކެނީ އެ ބައްޔަކީ ގުދުރަތީ ގޮތުން ފެތުނު ބައްޔެއް ކަމަށޭ ބުނުމެވެ. އެހެން ނަމަވެސް އެ ނޫން ގޮތަކަށް، ްއެ ބަލި ފެތުރުނީ ޗައިނާއިގެ ލެބޯޓްރީއެއްގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް ނުވަތަ އެއީ ޗައިނާއިން ބަޔޮލޮޖިކަލް ހަތިޔާރެއް އުފައްދަން ކުރި މަސައްކަތެއްގެ ސަބަބުން ފެތުރުނު ބައެއްޔެ ކަމަށް ދެކޭ ފަރާތްތަކަށް އެގޮތަށް ދެކުމަށް ބާރު ލިބޭ ކަންތައްތައް އަދި ވެސް އެބަހުއްޓެވެ. އެ ވާހަކަތައް ނުހުއްޓޭ މައިގަނޑު ސަބަބަކީ އެ ބައްޔާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުން އަމަލުކުރަމުން އަންނަ ސިއްރުވެރި ގޮތްތަކެވެ.

ޗައިނާއިން ކަންތައްތަކެއް ފޮރުވި ކަމުގެ ވަރުގަދަ ހެކިތައް

ކޮވިޑް-19 ފެތުރެން ފެށި ގޮތާ ބެހޭ ގޮތުން މުޅިން އާ ބަހުސްތަކެއް ފެށިފައި މިވަނީ އެކަމާ ބެހޭ ގޮތުން އެމެރިކާގެ އިދާރާތަކުން ދައްކަން ފެށި ވާހަކަތަކަކާ ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީސް އިންޓެލިޖެންސުން ބުނީ ކޮވިޑް ފެތުރުނީ ލެބޯޓްރީއަކުން ވީ ލީކެއްގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަަމަށެވެ. އެހެން ނަމަވެސް އެ ޑިޕާޓްމަންޓުން އެހެން  ބުނީ ސިއްރު މައުލޫމާތަކަށް ބިނާކޮށް، ޔަގީންކަން ކުޑަ ގޮތަކަށެވެ. އޭގެ ހަމަ ކުޑަ ދުވަސްކޮޅެއް ފަހުން އެފްބީއައިގެ ޑިރެކްޓަރް ކްރިސްޓޮފާ ރޭ ވިދާޅުވީ ކޮވިޑް ފެތުރުނު ގޮތާ ބެހޭ ގޮތުން ތަހުގީގުކުރަމުން އަންނަތާ ދުވަސްގަނޑެއް ވެއްޖެ ކަަމަށާއި އެންމެ ބޮޑަށް ލަފާ ކުރެވެނީ އެއީ ޗައިނާގެ ވޫހާންގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކުން ވީ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް އެމެރިކާގެ ޖާސޫސީ އެހެން ހަތަރު އެޖެންސީއަކުންނާއި އެގައުމުގެ ނެޝަނަލް އިންޓެލިޖެންސް ކައުންސިލުން ކުރިން ނިންމާފައި ވަނީ ކޮވިޑް ފެތުރުނީ ގުދުރަތީ ގޮތުން ކަަމަށެވެ.

ކޮވިޑަކީ ލެބް ލީކެއްގެ ސަބަބުން ފެތުރު ބައްޔެއް ކަމަށް ގަބޫލުކުރާ ތިއަރީ އަކީ ވަރަށް ބޮޑަށް ސިޔާސީ ވެފައިވާ ތިއަރީ އެކެވެ. އެއީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ޖިއޯ-ޕޮލިޓިކަލް ނުތަވަސްކަމުގެ ސަބުންނާއި ކޮވިޑްގެ ކަންތަކުގައި ޗައިނާއިން ދެފުށް ފެންނަ ސިޔާސަތު ނުގެންގުޅުމުގެ ސަބަބުން އެފަދަ ތިއަރީ ތަަކަށް ފުރަތަމަ ދުވަހުން ފެށިގެން އޮތީ ބުރަދަން ލިބިފަ އެވެ.

ވޫހާންގެ ހުނާން މާކެޓުން އަގުހުރި ހެކިތައް ނައްތައިލުމުގެ އިތުރުން، ކޮވިޑް އިންސާނުންގެ މެދުގައި ފެތުރެން ފެށިކަން ހާމަ ނުކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ޗައިނާއިން ލަސްކުރި ކުރުމަކީ ވެސް ކޮވިޑަކީ ލެބް އެކްސިޑެންޓަކުން ފެތުރުނު ބައްޔެއް ކަމަށް ދެކޭ ފަރާތްތަކުގެ ގަބޫލުކުރުންތަކަށް ބާރު ލިބޭ ކަންތައްތަކެވެ. މީހުންގެ މެދުގައި ކޮވިޑް ފެތުރޭކަން ހާމަކުރުން ޗައިނާއިން 2020 ވަަނަ އަހަރުގެ ޖެނުއަރީ މަހާ ހަމަައަށް ލަސްކުރި އިރު، އެގައުމުގެ އެޕިޑެމިއޮލޮޖިސްޓުން، އެޑްވާންސްޑް މޮނިޓަރިން އައީ 2019 ވަނަ އަހަރުގެ ޑިސެމްބަރުން ފަށައިގެން، އެޑްވާންސްޑް މޮނިޓަރިން ޓެކްނިކްސް ބޭނުންކޮށްގެން ކޮވިޑްގެ ކަންތައް ބަލަމުންނެވެ. އެއީ އޭރު ޗައިނާގައި އެބަލި މީހުންގެ މެދުގައި ފެތުރެން ފަށާފައި އޮތީމަ އެވެ. ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިން ގައި ޗައިނާގެ ރިސާޗަރުން އާއްމުކުރި ދިރާސާއަކުން މިކަން ވަނީ ސާފުވެފަ އެވެ.

މާޗް 2020 ގައި ޗައިނާގެ ރިސާޗަރުން އާއްމުކުރި އެ ދިރާސާއިން އެނގޭ ގޮތުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 2020 ގެ ޖެނުއަރީއާ ހަމައަށް ޗައިނާއިން ވަނީ ކޮވިޑްގެ 425 ކޭސް ފެނިފަ އެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ އެ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއްކަން ޗައިނާއިން ސިއްރު ކުރިކަމުގެ ވަރުގަދަ ހެއްކެކޭ،" އެމެރިކާގެ އޮރިގަން ސްޓޭޓް ޔުނިވާސިޓީގެ ސެންޓަ ފޯ ގްލޯބަލް ހެލްތުގެ ޑިރެކްޓަރް ޗުންހުއެއީ ޗީ އަލްޖަޒީރާއަށް ވިދާޅުވެފައި ވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ކޮވިޑަކީ ގައިންގަޔަށް އަރާ ބައްޔެއްކަން ޗައިނާއިން އަވަހަށް ހާމަކުރި ނަމަ އާލަމީ ބޮޑު ވަބާއަކަށް އެކަން ނުވީހެވެ.

ކޮވިޑްގެ ކަންތަކުގައި ޗައިނާއާ މެދު ޝައްކު އުފެދޭ އެހެން ކަންތައްތައް ވެސް އެބަ ހުއްޓެވެ. އޭގެ އެއް ކަމަކީ ކޮވިޑްގެ ބަލިމަޑުކަން ހަމަ ފެތުރެން ފެށި ތަނުން އެބަލީގެ ދެ ސްޓްރެއިންއެއް ފެނުމެވެ. އެއީ "ލައިނޭޖް އޭ" ގެ ނަން ދީފައިވާ ސްޓްރެއިންއަކާއި "ލައިނޭޖް ބީ"ގެ ނަންދީފައިވާ ސްޓްރެއިން އެކެވެ. މީގެ މާނައަކީ އަކީ އެބަލި އިންސާނުންގެ ތެރޭގައި ފެތުރޭތާ ގިނަ ދުވަސްތަކެއް ވެފައި ވުމެވެ. ވައިރަސް މިއުޓޭޓްވާނީ ގިނަ ދުވަސްތަކެއް ވަންދެން ފެތުރުނީމަ އެވެ. (އަލްޖަޒީރާ)

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *