logo minivan

English

އަންގާރަ, 16 ޖުލައި 2024

ޖޭޕީން މިކިޔަނީ ކޮން 15 އެއް؟

ޖޭޕީ މީހުން ދައްކަނީ "ފަނަރައެއް"ގެ ވާހަކަ އެވެ. އެކަމާ އަޅައިނުލާ ކަމަށް ހެދިގެން ތިއްބަސް ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ ކަންކަމުގައި މެކިގެން އުޅޭ އެންމެން ވެސް އޭގެ ހަގީގަތް ބަލަން ބޭނުންވާނެ އެވެ. އެކަން އެނގެނީ މިދިޔަ ދެތިން ހަފުތާއެއްގެ ތެރޭގައި ޖޭޕީގެ ލީޑަރު ގާސިމްގެ އަރިހަށް، ސިޔާސީ ލީޑަރުންގެ މަންދޫބުން ކުރި ޒިޔާރަތްތަކާއި ގާސިމުގެ އެޑްވައިޒަރުންނާ އެކު ބޭއްވި ބައްދަލުވުންތަކުންނެވެ.

ކުރު ގޮތަކަށް ބުނާ ނަމަ އެންމެން ތިބީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ޖޭޕީން ނިންމާނެ ގޮތެއްގެ އިންތިޒާރުގަ އެވެ. އެޕާޓީގެ ގައުމީ ކޮންފަރެންސުން ފާސްކުރި ގަރާރާ މެދު އެޕާޓީގެ ކައުންސިލުން ގޮތެއް ނިންމި ދުވަހަށް ވެސް ސިޔާސީ ވެރިން އެވަރަށް އިންތިޒާރު ކުރި އެެެވެ. އެންމެން ހީކުރީ އެ ގަރާރާއި މެދު ޖޭޕީ ކައުންސިލުން ގޮތެއް ނިންމުމާ އެކު ރިޔާސީ އިންތިހާބާ ބެހޭ ސާފު ޖަވާބެއް އެޕާޓީން ދޭނެ ކަމަށެވެ. ޖަވާބު ބޭނުންވަނީ މިހަރަ ސުވާލުތަކަށެވެ.

"ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ ހެއްޔެވެ؟ ނުވަތަ އެހެން ޕާޓީއަކާ އެކު ކޯލިޝަނެއް ހަދައި، އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދުކުރާނީ ހެއްޔެވެ؟ އެގޮތަށް ނިންމާ ނަމަ އެ ކެންޑިޑޭޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލި ހެއްޔެވެ؟"

ޖޭޕީގެ ހަރަކާތްތެރިން މި ފަތުރާ "ފަނަރަ" އަކީ މިމަހުގެ 15 ކަމަށް ވެސް ވެދާނެ އެވެ. އެހެން ނަމަ އެއީ ރިޔާސީ އިންތިހާބާ މެދު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވާ ގޮތެއް އިއުލާނުކުރާ ދުވަހަށް ވެދާނެ އެވެ. އެހެނީ ޖޭޕީ ކައުންސިލުން މިހާރު އެބާރު ދީފައި އޮތީ ގާސިމަށެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް މިމަހުގެ 15 އަށް، (އަންނަ ބުދަ ދުވަހަށް) އޮތީ ތާވަލުކޮށްފަ އެވެ. އެއީ ގާސިމްގެ ނިންމެވުން ކައުންސިލަށް ހުށަހަޅާ ބައްދަލުވުން ހެއްޔެވެ؟ މި ވެސް އަދި ޖަވާބު ނުލިބޭ ސުވާލެކެވެ.

ދެން އޮތް އަނެއް ގޮތަކީ އެކިޔާ 15 އަކީ ޖޭޕީއަށް 15 އަހަރު ފުރޭ މުނާސަބާގެ ވާހަކަ ކަމަށް ބެލުމެވެ. އެކަމަކު އެއީ އަދި އެހާ ކައިރީގައި އޮތް ކަމެއް ނޫނެވެ. އެޕާޓީގެ އަހަރީ ދުވަސް އަންނާނީ މޭމަހު އެވެ. އެހެންވީމާ މިހާ އަވަހަކަށް އެ ވާހަކަ ދައްކައިފާނެ ކަމަކަށް ނުބެލެެެވެ އެވެ. އެކަމަކު މާ ކުލަގަދަކޮށް ފާހަގަކުރަން ރާވާފައި އޮވެއްޖެ ަނަމަ އެއީ ވެސް ހަމަ ދައްކަފާނެ ވާހަކަ އެކެވެ.

ކޮންމެއަކަސް ޖޭޕީގެ "ބޮޑު ފަނަރަ" މިއީ ކޮން ކަމެއްކަން އަދި އޮޅުންފިލާކަށް ނެތެވެ. އޮތް ގޮތަކީ ބަލަން ތިބުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *