މިހަފްލާގައި ރައީސް ސޯލިހު ވިދާޅުވީ، މިސަރުކާރުގެ ވައިގެ ދަތުރު ފަތުރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ މިންގަނޑާއެއް ގޮތަށް، ހުވަދު އަތޮޅުގެ އެންމެ ރަށެއްފިޔަވައި ހުރިހާ ރަށަކުންވެސް އެންމެ ގިނަވެގެން 20 މިނެޓާއި 30 މިނެޓާއި ދެމެދުގެ ރާސްތާއެއްގައި ދަތުރުކުރެވޭ އެއާޕޯޓެއް މިހާރު އޮންނާނެ ކަމަށެވެ. އަދި އެހެން އަތޮޅުތައްވެސް ސަރުކާރުގެ އެމިންގަނޑަށް ފައްތަވާނެކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. މިގޮތުން މިސަރުކާރުން މިހާރު ކުރިޔަށް ގެންދާ އެއާޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އެ ވައިގެ ބަނދަރުތައް ގާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމަށާ، ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދީ ހަރަކާތްތަކަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތުގައި ފަރެސްމާތޮޑާގެ ރައްޔިތުންގެ ބައިވެރިވުން ފާހަގަކުރައްވައި، އެއާޕޯޓާއިއެކު މިހާރުވެސް އެރަށަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން އެއާޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ގާއިމްކުރެވި، ކަރަންޓުގެ ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށާއި، ލަހެއް ނުވެ ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ނިމިގެންދާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެއާޕޯޓާއި ފަރެސް މާތޮޑާ ގުޅުވައިދޭ ދާއިމީ ކޯޒްވޭގެ މަސައްކަތް ނިމުމާއިއެކު، ފަރެސްމާތޮޑާ ބަނދަރުން އެއާޕޯޓަށް ދަތުރު ކުރާ މަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް ފެށިގެން ދާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. މީގެ އިތުރުން އެއާޕޯޓާއިއެކު ވަޒީފާގެ ފުރުސަތާއި އިގްތިސާދީ އެތައް ފުރުސަތެއް ފަރެސްމާތޮޑާ އާއި ކައިރިރަށްތަކުގެ ރައްޔިތުންނަށް ހުޅުވިގެންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތީ އަދި މާފަހި ދުވަސްތަކެއް ކަމަށެވެ.

މިރޭ ހުޅުވުނު ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ 4 ވަނަ އެއާޕޯޓެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދިފައިވާ އަދި ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ. އަދި މިއެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭގޮތަށް، އަދި ތިމާވެށްޓާއި ރައްޓެހިގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްގީކޮށްފައިވާ ޓަރމިނަލެކެވެ. މީގެ އިތުރުން އެހެން އެއާޕޯޓުތަކާއި މިއެއާޕޯޓު ތަފާތުވާ އަނެއް ކަމަކީ، މީހުން ފުރުވަންދާ ފަރާތްތަކަށްވެސް، މަތިންދާބޯޓަށް މީހުން އަރާމަންޒަރު ފެންނާނޭހެން އެއާޕޯޓުގެ ޓަރމިނަލް ފަރުމާކޮށްފައިވުމެވެ.