logo minivan

English

އަންގާރަ, 16 ޖުލައި 2024
އިކުއެޑޯ އަށް އައި ބިން ހެލުމުގައި ގެއްލުންތައް ދެނެގަންނަން އޮފިޝަލުން ހަރަކާތްތެރިވަނީ ފޮޓޯ: ރޮއިޓާސް

އިކުއެޑޯއަށް އައި ބިންހެލުމުގައި 12 މީހުން މަރުވެއްޖެ

އިކުއެޑޯގެ ދެކުނު އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމުގައި 12 މީހުން މަރުވެއްޖެއެވެ.

6.7 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ބައެއް ސިޓީތަކުގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ދެކުނުގެ ޕްރޮވިންސް ކަމަށްވާ އެލް އޯރޯއަށް އެންމެ ބޮޑަށް އަސަރުކޮށްފައިވާއިރު، އެމަޖެންސީ ސާވިސްއިން ވަނީ ވެއްޓިފައިވާ ގެތަކުގެ ތެރޭގައި މީހުން ތާށިވެފައި ތިބި ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި އެލް އޯރޯއިން 11 މީހަކު އަދި އަޒޫއޭ ޕްރޮވިންސުން އެކަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިމާރާތްތަކަށާއި ވެހިކަލްތަކަށް ގެއްލުންލިބުނު ސިޓީތަކުގެ ތެރޭގައި މަޗަލާ އާއި ކުއެންކާ ހިމެނެއެވެ. މި ބިންހެލުން އައިސްފައިވަނީ އިކުއެޑޯގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގުއާކިލްއާ ގާތްގަނޑަކަށް 50 މޭލު (80 ކިލޯމީޓަރު) ދުރުގައި އޮންނަ ބާލާއޯ ކައިރިއަށެވެ. އިކުއެޑޯގެ ރައީސް ގުއިލެރްމޯ ލާސޯ ވަނީ އޮފިޝަލުން ގެއްލުންތައް ދެނެގަތުމުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ކަންބޮޑުނުވާން އިލްތިމާސް ކުރައްވާފައެވެ.

"އިމަޖެންސީ ޓީމުތަކުން ދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ހުރިހާ އެއްބާރުލުމެއް ދިނުމަށް މޮބިލައިޒް ކުރަމުން،" އޭނާ ވިދާޅުވިއެވެ. ރައީސް އޮފީހުން ވެސް ވަނީ ޒަހަމްވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަން ކަށަވަރުކޮށްދީފައެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބައެއް މަގުތައް ބަންދުވެފައިވާއިރު، ބައެއް ގެތަކަށާއި ތައުލީމީ އިމާރާތްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މަނަބީ، މަންޓާ އަދި ވެރިރަށް ކުއިޓޯ ފަދަ އެހެން ބައެއް ސިޓީތަކަށް ވެސް ބިންހެލުން އިހުސާސް ކުރެވޭ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ. މިއީ 2016 ވަނަ އަހަރު އިކުއެޑޯއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *