logo minivan

English

އަންގާރަ, 23 ޖުލައި 2024

ބަންދުގައި ތިބޭ ކުދިން ޕެރޯލްގެ ދަށުން ދޫކޮށްލާ ގަވައިދެއް!

ކުށްކުރުމާއި އެ ނޫން ވެސް ސަބަބުތަކާ ހެދި ކުޑަކުދިން ބަންދުކުރާ މަރުކަޒުތަކާއި ފަރުވާދޭ މަރުކަޒުތަކުގައި ތިބޭ ކުދިން ޕެރޯލްގެ ދަށުން ދޫކޮށްލުމާއި އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގަވައިދެއް ހޯމްމިނިސްޓްރީން އެކުލަވާލައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފި އެވެ.

ހޯމް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން އެ ގަވައިދުގެ މަގުސަދަކީ ކޯޓު އަމުރުގައި ކަނޑައަޅާފައިވާ މުއްދަތުން. ކަނޑައަޅާ ވަކި މުއްދަތެއް ތަންފީޒުވެ ނިމިފައިވާ ކުދިން ޕެރޯލްގެ ދަށުން ދޫކުރުން ނުވަތަ ކުއްޖާ ހުރި މަރުކަޒަށް ވުރެ  މިނިވަންކަމާ އެކު އުޅެވޭ މަރުކަޒަކަށް ބަދަލުކުރުމެވެ. އެގޮތަށް ދޫކޮށްލާނީ ނުވަތަ ބަދަލުކުރާނީ މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭ ގޮތެއްގެ މަތީން ކަމަށް ވެސް އެ ގަވައިދުގައި ވެ އެވެ.

އާ ގަވައިދުގައިވާ ގޮތުން ކުދިން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރަން ނުވަތަ ދޫކޮށްލަން ހުށަހަޅާ ހުށަހެޅުންތައް ބަލައި ވަޒަންކުރާނީ އެ ގަވައިދުގެ ދަށުން އުފައްދާ ކޮމިޓީއަކުންނެވެ.

ދޫކޮށްލުމުގެ ނުވަތަ މަރުކަޒު ބަދަލުކުރުމުގެ ޝަރުތުތައް

  • މަރުކަޒުގައި ކުއްޖާ ބަހައްޓަން ޖުވެނައިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައިވާ މުއްދަތުގެ ތިން ބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމިފައި ވުން
  • ކުއްޖާއަށް ފަރުވާދޭން އެކުލަވައިލާ ޕްލޭނުގައިވާ ލަނޑުދަނޑިތަކުގެ ބޮޑުބައި ހާސިލުވެފައި ވުން

ކުދިން ޕެރޯލްގެ ދަށުން ދޫކުރަން އެދި ނުވަތަ އެހެން މަރުކަޒަކަށް ބަދަލުކުރުން އެދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ކުއްޖާ ހުރި މަރުކަޒަށް ވެސް އެ ގަވައިދުގައިވާ ގޮތުން ހުށަހެޅޭނެ އެވެ. އެކަންކަމަށް އެދި ހުށަހަޅަން ޖެހޭނީ ލިއުމުން ކަމަށާއި އެ ލިއުމުގައި ކުއްޖާއާ ބެހޭ ގިނަ ތަފްސީލުތައް ހިމަަނަން ވާނެ ކަމަށް ވެސް އެ ގަވައިދުގައި ވެ އެވެ.

ކުއްޖަކު ދޫކޮށްލަން އެދި ހުށަހަޅާ އިރު ހިމަނަން ޖެހޭ ތަފުސީލުތަކުގެ ތެރޭގައި ކުއްޖާގެ މައުލޫމާތާއި ބެލެނިވެރިންގެ މައުލޫމާތާއި ކުއްޖާ ކުރި އަމަލު ނުވަތަ ކުށުގެ ތަފްސީލު ހިމެނެ އެވެ. މަރުކަޒަށް ކުއްޖާ ގެންދިޔަ ތާރީހާއި ވަގުތު ވެސް ހުށަހެޅުންތަކުގައި ހިމަނަން ޖެހޭނެ އެވެ. މަރުކަޒަށް ކުއްޖާ ގެންދިޔަ އިރު ކުއްޖާގެ ޖިސްނާމީ އަދި ނަފްސާނީ ހާލަތު ހުރިގޮތް އަންގައިދޭ ރިޕޯޓެއް ވެސް ކުއްޖާ ބަދަލުކުރަން ނުވަތަ ދޫކޮށްލަން އެދި ހުށަހަޅާ ހުށަހެޅުމުގައި ހިމެނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *