logo minivan

English

އަންގާރަ, 23 ޖުލައި 2024

ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ރައީސް ސޯލިހު އެދިވަޑައިގެންފި

ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުންވެސް ކަންކަން ނިންމުމުގެ މަރުހަލާއަށާއި، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މިރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން 2022 ވަނަ އަހަރު ކަނޑައެޅުއްވި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ޕްލޭންގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެކި ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލުކުރުމަށް މަސައްކަތް ރޭވުމާއި، މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަސްލަހަތަށް ހަމަހަމަ ގޮތެއްގައި ރިއާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން ހިމެނޭކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ވަނީ އަންހެނުން ބާރުވެރިކުރުމުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރަމުން އަންނަނީ، ތައުރީފު ހައްގު މަސައްކަތްތަކެއްކަން ފާހަގަކުރައްވާ އެކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަކަމަށް ރިއާޔަތްކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވާ އިދާރާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ "ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއަލިޓީ" މި ޝިއާރުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނޮވޭޓިވް ޓެކްނޮލޮޖީއާއި ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެންކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުންކަމުގައެވެ. އަދި މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އިގްތިސާދު ސިންދަފާތުކުރުމަށާއި، އައި.ސީ.ޓީ، އަދި މިންތީ ހަމަހަމަކަން ފަދަ ސަބް-ސެކްޓަރތަކަށް ރިއާޔަތްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޖްތިމާޢީ އަދި އިގްތިސާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓް ފާހަގަކުރެއްވެވިއެވެ. އަދި ކުޅިވަރުގެ ދާއިރާގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެން ފިރިހެން ތަފާތު ނުކޮށް ގާއުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭންފެށުމާއި، ގާއުމީ ޓީމުގެ ކުޅުންތެރިން ތަމްރީންތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖޭން ބޭރަށް ދާއިރު، 2 އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއަކު ގެންދެވޭ ގޮތަށް ހަމަޖައްސާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުންވެސް އަންހެނުން ވަޒީފާގައި ދެމިތިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކާއި އެކި ކުންފުނިތަކުގައި ކުޑަކުދިން ގޮވައިގެން އުޅެވޭނެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަދި މަޔަކަށް ވުމަށްފަހު، އަންހެނުންނަށް ފްލެކްސި ވަރކިން އަވަރ އެކި އިދާރާތަކުން ހަމަޖައްސައިދެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މުޅި މުޖްތަމައުގައިވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ރޫހު އުފެދިގެން ދިއުމަށް އުންމީކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ޖަލްސާގައި ރައީސް ސޯލިހުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ރައީސް ސޯލިހުގެ ނައިބު ފައިސަލް ނަސީމާއި، ސަރުކާރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ވަނީ 2023 ވަނަ އަހަރު ރެހެނދި އެވޯޑު ހާސިލްކުރި ފަރާތްތަކަށް މި އެވޯޑު ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ 2023 ވަނަ އަހަރު ރެހެންދި އެވޯޑު ހާސިލްކުރި ފަރާތްތަކަށް ބްރޫޗް ހަވާލުކޮށްދެއްވާފައެވެ. މި ޖަލްސާގައި "އެމޭޒް" ވީޑިއޯ ސީރީޒްގެ ފުރަތަމަ ވީޑިއޯ ދައްކާފައިވެއެވެ. މީގެ އިތުރުން މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "މަދަދުގާރު" މޯބައިލް އެޕް އިފްތިތާހް ކޮށްދެއްވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *