އިދިކޮޅުން މާލޭގައި ރޭ ކުރި މުޒާހަރާއެއްގައި ބައިވެރިވި ބަޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑް ހުއްޓުވި އިރު ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެމްބަރުން ގިނަ ސުވާލުތަކެއް އުފައްދަވައިފި އެވެ.
އެހާދިސާގައި ސިފައިންނާއި ފުލުހުން އަމަލުކުރި ގޮތް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމި އެވެ. އެ ބައްދަލުވުމުގައި ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި، އެކަމުގައި 15 މިނެޓް ހޭދަވި އިރު ފުލުހުންނަށް އެ މަގު ކްލިއާ ނުކުރެވުނު ކަމުގެ ކަންބޮޑުވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވީ ރައީސްގެ މޮޓޯކޭޑް އެތަނުގައި އެތައް އިރެއް ވަންދެން މަޑުކުރުމަށް ފަހު އަނބުރާލާފައި ދިޔަ އިރު އެތަނުގައި އެހާ ގިނަ ބަޔަކު އެއްވެފައި ނެތް ކަމަށެވެ.
"އެތަނުގައި މާބޮޑު ކްރައުޑެއް ނުވަތަ މުޅިރާއްޖޭ ރައްޔިތުން އެއްވެފައި އޮތް ތަނެއް ނޫން އެއީ. އެ މަގު ކްލިއާ ނުކުރެވި ރައީސުލް ޖުމްހޫރިއްޔާގެ މޮޓޯކޭޑް އެތާ 15 ވަރަކަށް މިނެޓް މަޑުކޮށްފައި، އަނބުރާލާފައި އައި މަގުން ވަޑައިގަތް ގަތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެން ސީރިއަސްކޮށް ބަަލަން ޖެހޭ ކަމެއް،" އަލީ ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުގައި އެވަގުތު ކްލިއާ ނުކުރެވޭ ވަރުގެ މުޒާހަރާއެއް ހިންގިދާނެކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މުޒާހަރާ ކުރަމުން ދާއިރު ވެސް އެ ސަރަހައްދުގައި ޓްރެފިކް ފްލޯ އޮންނަ ކަމަށެވެ.
މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ވެސް ވިދާޅުވީ ރޭގައި ރައީސްގެ މޮޓޯކޭޑް ހުއްޓުވި އިރު އެ ސަރަހައްދުގައި ތިބި މީހުންގެ އަދަދު މަދުކަމަށާއި އިދިކޮޅުގެ މުޒާހަރާ ވެސް އޭރު އޮތީ ހަގީގަތުގައި ނިމިފައި ކަމަށެވެ.
"އެހާ އާދައިގެ ގޮތަކަށް އޮތް ކަމެއްގައި [އެއްވުމެއްގައި] ރައީސުލް ޖުމްހޫރިއްޔާގެ މޫމެންޓް މުޅިން އަނެއް އަތަށް އަނބުރާލާފައި ގެންދިއުމަކީ ވެސް އެއީ، އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ނުބައި އިންޑިކޭޝަނެއް އެ ލިބުނީ،" ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ކަންތައްތަތަކަށް ސަލާމަތީ ބާރުތަކުން ތައްޔާވުވެފައިވާ ވަރާ މެދު އެކަމުން ސުވާލު އުފެދޭ ކަމަށެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ހައި ސެކިއުރިޓީ ދޭން ޖެހޭ ބޭފުޅުންގެ އަރިހުގައި ތިއްބަވާ ބޭފުޅުންނާއި ދުރުގައި ތިއްބަވާ ބޭފުޅުން ކޯޑިނޭޓްކުރައްވައިގެން އެކަހަކަ މަގުތަކުން (އެއްވުންތައް ކުރިއަށްދާ މަގުތަކުން) ރައީސް ވަޑައިނުގަންނަވާ ގޮތަށް ހަމަޖެއްސުމަކީ ކުރިން ކުރާ ކަމެއް ކަމަށާއި ރޭގައި އެކަން އެހެން ނުވީ ކީއްވެތޯ ބަލަން ޖެހޭ ކަމަށެވެ.
"އާއްމުކޮށް އަމަލުކުރާ އުސޫލަކީ އަޅުގަނޑު ދެކޭ ގޮތުގައި އަދި އެބޭފުޅުން ވިދާޅުވާ ގޮތުގައި ވެސް އެއީ. އެކަހަލަ ކަމެއް ފާހަގަކުރެވިއްޖެއްޔާ އެ ރޫޓެއް ޗޫޒެއް ނުކުރައްވާނެ. އެހެންވީމާ ކީއްވެތޯ އެކަން އެހެންވީ، [އެ މަގުން ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެއްސީ] މީގެ ތެރެއިން ބަލަން މުހިއްމު ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ،" ހަސަން ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސްގެ މޮޓޯކޭޑް ހުއްޓުވުމުގެ ފުރުސަތު ބަޔަކަށް ލިބުމުގައި އެމްއެންޑީއެފާއި ފުލުހުންގެ ކޯޑިނޭޝަންގެ މައްސަލައެއް އޮތްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
ތ.ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޣައްސާން މައުމޫނު ވިދާޅުވީ ރައީސްގެ މޮޓޯކޭޑް ނުރައްކާތެރި ހާލަތެއްގައި 15 މިނެޓް ވަންދެން މަޑުކުރުމަކީ ކޮށްގެން ވާނެކަމެއް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހެދި އިންކްއަރީން އެނގޭ ކަމަށެވެ.
"މިއީ ކިހިނެތް ހިނގި ކަމެއްތޯ އަޅުގަނޑުމެންގެ ދިރާސާގައި ވަކިން އަދި ބަލަން ޖެހޭ،" ޣައްސާން ވިދާޅުވި އެވެ.
މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައީސްގެ މޮޓޯކޭޑް އެތައް އިރެއް ވަންދެން މަޑުކޮށްފައި ބޭއްވުން އެއީ ރައީސް ހަވަރަށް ދިނުން" ކަމަށެވެ.
" މިކަމުގައި [ރައީސްގެ މޮޓޯކޭޑް ދަތުކުރި މަގު ސާފު ނުކުރެވި] ފަނަރަ މިނެޓް ވީމާ އަޅުގަނޑު ގަބޫލުކުރަނީ އެމްއެންޑީއެފުން ރައީސުލް ޖުމްހޫރިއްޔާ ހަވަރަށް ދީފައި އެ އިނީ ފަނަރަ މިނެޓް[ވަންދެން]،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ބަލައި ނިމޭ އިރު އެކަމުގައި ޒިންމާވާން ޖެހޭ ބަޔަކު އެނގޭނެ ކަމަށާއި އެހިސާބުން ފަސް ނުޖެހި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެކަހަލަ ކަންކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކަށް ފިޔަފަޅު ނޭޅުމަކީ އެކަހަލަ ކަންތައްތައް ރިޕީޓްވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.