logo minivan

English

ބުދަ, 24 ޖުލައި 2024

ރޯދަމަހު މާލޭގައި ޓްރެފިކް ފްލޯ ބަލަހައްޓަން ފުލުހުން ހާއްސަ މަސައްކަތެއް ކުރަނީ

ރަމަޟާންމަހު މާލެސިޓީގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރަމުންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމާއެކު ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދާނެއެވެ. މާލެއާއި ބުރިޖު އަދި މާލެ- ހުޅުމާލެ ލިންކު ރޯޑުގައި އާންމުގޮތެއްގައި ދިމާވާ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމާއި މިސްކިތްތަކަށް ނަމާދުކުރުމަށްދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތްތަކަށް ވަދެނުކުމެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ބާޒާރުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އެއްވެސް ދަތިކަމެއްނެތި ހިނގާބިނގާވެ އުޅެވޭނެގޮތާއި، ދަތުރުފަތުރު ކުރޭވެނޭހެން މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ ރަމަޟާންމަހު ހާއްސަ ސަމާލުކަމެއް ދީގެން ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރިއާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ބަލަހައްޓަމުންދާނެ ކަމަށެވެ. ހަމައެއާއިއެކު ދުވާރުމައްޗަށް ވެހިކަލް އަރުވައި ޕާކުކުރުން މަނާކުރުމާއި އެގޮތަށް ޕާކުކުރާ އުޅަނދުތައް ނެގުމާއި، މަގުތަކުގެ ކަންމައްޗާއި، ސްކޫލުތައް ހިމެނޭ ސަރަހައްދާއި، ހޮސްޕިޓަލްތަކާއި، ކްލިނިކުތަކާއި، ބެންކުތަކާއި އޮފީސްތައް ކުރިމައްޗާއި، މައިޒާންތަކާއި، ހާއްސަ ޕާކިން ޒޯނުތަކާއި، ހުރިހާ ފެރީޓާމިނަލްތަކާއި އަދި އުޅަނދު ޕާކުކުރުންމަނާ ސަރަހައްދުތައް ބަލަހައްޓަމުންދާނެ ކަމަށެވެ. އަދި އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުން މަނާކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *