ހަނގުރާމަ މަތީ ޖެޓުތަކާއި ދުރު ރާސްތާގެ މިސައިލްތައް ފޯރުކޮށްދިނުން ލަސްވާނަމަ ހަމަނުޖެހުންތައް ދިގުދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު ޔޫކްރެއިންގެ ރައީސް ވޮލޮޑަމީރް ޒެލެންސްކީ ޔޫރަޕްގެ ލީޑަރުންނަށް ދެއްވައިފިއެވެ.
އޭނާާ އެހެން ވިދާޅުވީ ބުރާސްފަތި ދުވަހު ދެކުނުގެ ފްރޮންޓްލައިން ޕްރޮވިންސް ކަމަށްވާ ކޭރްސަން އަށް ކުރެއްވި ޒިޔާރަތަށް ފަހުއެވެ.
ވީޑިއޯ ލިންކް މެދުވެރިކޮށް ބެލްޖިއަމްގެ ބްރަސަލްސްގައި އެއްވި އީޔޫގެ ބައިވެރިންގެ ސަމިޓެއްގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވަނީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުން ފެނުނު މަންޒަރުތައް ހިއްސާކުރައްވާފައެވެ.
ދާދި ފަހުން، ޔޫކްރޭނަށް މިލިއަނެއްހާ "އާޓިލަރީ ޝެލް" ފޯރުކޮށްދިނުމަށް އީޔޫއިން ހެދި އެއްބަސްވުމަށް ޒެލެންސްކީ ތައުރީފް ކުރެއްވިއެވެ. އެކަމަކު ޒަމާނީ ހަނގުރާމަ މަތީ ވަސީލަތްތައް ފޯރުކޮށް ދިނުމަށް ޒެލެންސްކީ ވަނީ އީޔޫގައި އެދިވަޑައިގެންފައެވެ.
ރަޝިޔާގެ ސިފައިން ފަހަތަށް ޖެއްސުމުގައި ޒަމާނީ ހަތިޔާރުތައް މާ ބާރުގަދަ ވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ހަތިޔާރު ފޯރުކޮށްދޭން ޒެލެންސީ އެދިވަޑައިގެންފައި މިވަނީ ބަހްމުތް ސިޓީގެ ބޭރުގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިން "ވަރުބަލިވެފައި" ތިބުމުގެ ބޭނުން ހިފުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެއްގަމު ސިފައިންގެ ކޮމާންޑަރު އޮލެކްސެންޑާ ސިރްސްކީ މީގެ ކުރިން ވިދާޅުވެފައި ވަނިކޮށެވެ.
ޔޫކްރެއިންއާ ރަޝިޔާ ސިފައިންގެ މެދުގައި އެތައް މަހެއްވަންދެން ހިނގަމުން ދިޔަ ވަރުގަދަ ހަނގުރާމަތަކަށްފަހު، ކުރިން ގާތްގަނޑަކަށް 70،000 މީހުން ދިރިއުޅެމުން އައި އިރުމަތީގެ އަވަށެއް ކަމަށްވާ ބަހްމުތު އަކީ މުޅިންހެން ރައްޔިތުން ނެތް ފަޅު ސަރަހައްދެކެވެ.
އިނގިރޭސިވިލާތުގެ ޖޫނިއާ ޑިފެންސް މިނިސްޓަރު އަނާބެލް ގޯލްޑީ ވަނީ ޔޫކްރޭނަށް ޔޫރޭނިއަމްގެ ހަތިޔާރު ފޯރުކޮށްދޭނެ ކަން ކަށަވަރުކޮށްދެއްވާފައެވެ.