logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކޯލިޝަން އެއްބަސްވުން އަދިވެސް ހަމަ އެބަ އޮތް؟

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ވަކިން ނުކުންނަން ނިންމުމުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެމްބަރުން ގޮވައިލެއްވީ ސަރުކާރުގައި އެޕާޓީއަށް ހާއްސަކޮށްފައި ހުރި ސްލޮޓްތައް ހުސްކުރުމަށެވެ. ޖޭޕީގެ މެމްބަރުންނަށް ދީފައިވާ މަގާމުތަކުން އެބޭފުޅުން އިސްތިއުފާ ނުދެއްވާ ނަމަ ވަކިކުރަން ގޮވައިލެއްވީ ވަގުތުން ދުރަށް ދެއްކި ޖަލްސާ އެއްގަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހަމަ އެ ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ އެއްބަސްވުމަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއް ކަމަށާއި އެހެންވީމާ ޖޭޕީގެ ސްލޮޓްތައް ހުސްކުރަންޏާ ރައީސުލް ޖުމްހޫރިއްޔާ ވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަަމަށެވެ.  ގާސިމް އެ ވިދާޅުވީ ތެދެއް ކަމަށް ވެދާނެ އެވެ. އެކަމަކު އޭގެ ފަހުން ޖޭޕީން މަސައްކަތްކުރަމުން އަންނަ ގޮތުން ކޯލިޝަން އެއްބަސްވުމެއް މިހާރު އެބަ އޮތްތޯ މާބޮޑަށް ވެސް ސުވާލު އެބަ އުފެދެ އެވެ.

ބްރޭކްއަވޭ ފެކްޝަނާ އެކު ނުރަސްމީ ކޯލިޝަނެއް؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓް ކަނޑައެޅީ އެޕާޓީން ބޭއްވި ސައްހަ ޕްރައިމަރީ އަކުންނެވެ. އެ ކެންޑިޑޭޓް ގަބޫލުނުކޮށް އެޕާޓީގެ ތެރެއިން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަނަކީ އެހެންވީމާ ޕާޓީ ތެރެއިން ވަކިވެގަނެގެން އުޅޭ "ބްރޭކްއަވޭ ފެކްޝަނެކެވެ. ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖޭޕީއަށް ދެެއްވާފައި އޮއްވައި، އެ ހުށަހެޅުއްވުމަށް ޖަވާބެއް ނުމެދީ، ޖޭޕީން މިހާރު އަންނަނީ ފިކުރެއްގެ ދިރުން ފެކްޝަނާ އެކު ރަސްމީކޮށް ސިޔާސީ މަސައްކަތްތައް ކުރަމުންނެވެ.

ސިޔާސީ ގޮތުން ބަލާ އިރު އެކަމުގައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ފިކުރެއްގެ ދިރުމާއި ޖޭޕީން މިިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދިން އިރު އެއީ ހަމަ ޖޭޕީއާއި އެމްޑީޕީއާ ދެމެދު ބޭއްވި ސައްހަ މަގުން ބޭއްވި ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރުމެވެ. ނަޝީދުގެ ފަރާތްޕުޅުން އެ ބައްދަލުވުމަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވި ގޮތުގައި އޭނާ އެ ބައްދަލުވުމަށް ވަޑައިގެންނެވީ ނަޝީދުގެ އެދިވަޑައިގެންނެވުމަކަށެވެ.

"އެނގިވަޑައިގަންނަވާނެ އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދު. އެހެންވީމާ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް އަޅުގަނޑާ އަމްރުއާ [އެސްޓީއޯގެ އެމްޑީ ހުސައިން އަމްރުއާ] ދެމީހުން އައިސް ޖުމްހޫރީ ޕާޓީއާ އެކީގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކީ،" ހަސަން ލަތީފު އެދުވަހު ވިދާޅުވި އެވެ.

ޖޭޕީގެ ކެމްޕޭނުގެ ހުރިހާ ކަަމަކާ ހަވާލުވެވަޑައިގެން ހުންނެވި އެޕާޓީގެ ނައިބުލީޑަރު އަމީން އިބްރާހީމް ވެސް އެ ބައްދަލުވުން ސިފަކުރެއްވީ ހަމަ "އެމްޑީޕީގެ ބޭފުޅުން ކޮޅަކާ" އެކު ބޭއްވި ބައްދަލުވުމެއްގެ ގޮތުގަ އެވެ.

ޖޭޕީއާއި ފިކުރެއްގެ ދިރުމުގެ އެ ބައްދަލުވުމަކީ ސިޔާސީ ގޮތުން ބަލާ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރި ވަރަށް ބޮޑު ޖެއްސުމެކެވެ. ހަގީގަތުގައި ޖޭޕީން އެކުރި ކަމަކީ އެމްޑީޕީން ބޭއްވި ޕްރައިމަރީން ހޮވާފައިވާ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ބަލައިނުގަންނަ ކަމަށާއި އެމްޑީޕީ އަކީ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި އެޕާޓީގެ މެޖޯރިޓީ މެމްބަރުން ކަން ވެސް ބަލައި ނުގަންނަ ކަން އަމަލީ ގޮތުން ސާބިތުކޮށްދިނުމެވެ.

އެހެން ނޫން ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާފައިވާ ދައުވަތަށް ޖަވާބެއް ނުދީ އެމްޑީޕީގެ "ބްރޭކްއަވޭ ފެކްޝަން" އާ އެކު މަސައްކަތެއް ނުފަށާނެ އެވެ.

ކޯލިޝަން އެއްބަސްވުން އަދިވެސް އެބަ އޮތްތޯ ސުވާލު އުފެދެނީ މިހެންވެ އެވެ.

އެމްޑީޕީން އޮތީ މާކުރިން އެއްބަސްވުމާ ހިލާފުވެފައި

އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި އެމްއާރްްއެމުން 2018 ވަނަ އަހަރު ހެދި ކޯލިޝަން އެއްބަސްވުން މިހާރު ދެން ގާތްގަނޑަކަށް އުވިފައި ވާއިރު އެ އެ އެއްބަސްވުމާ ފުރަތަމަ ހިލާފުވީ ކޮންބައެއްތޯ؟ މިއީ ވެސް ކޮށްލަން ޖެހޭ ސުވާލެކެވެ.  އެ ސުވާލަށް ޖޭޕީން ގައިމު ވެސް ބުނާނީ އެއީ އެެމްޑީޕީ ކަމަށެވެ. އެހެނީ ކޯލިޝަން ސަރުކާރު އުފެއްދުމަށް ފަހު، އެ ދައުރުގެ ތެރޭގައި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރަން އެއްބަސްވުމުގައި އޮތެވެ.

އެކަމަކު އެ އެއްބަސްވުމަށް އެމްޑީޕީން އަމަލެއް ނުކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ދާއިރާއެއް ވެސް ދޫނުކޮށް އެޕާޓީން ވާދަކުރި އެވެ. ލޯކަލް ކައުންސިލް އިންތިހާބު ވެސް ދިޔައީ އެހެންނެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ އޭރުގައި އެއްބަސްވުމާ އެއްގޮތަށް ބައެއް ދާއިރާތައް ޖޭޕީއަށް ދޫކުރައްވަން އެދިވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމެވެ. އެކަމާ ދެކޮޅު ހެއްދެވީ އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދެވެ.

އެކަމަކު އާޚިރުގައި އެ ދެ ބޭފުޅުން "ދެބައިވުމުން" ޖޭޕީން މި އެރީ އެޕާޓީއަށް މަޖިލީހުގެ ދާއިރާއެއް ދޫކޮށްލެއްވުމާ ދެކޮޅު ހެއްދެވި ލީޑަރާ އެއްކޮޅަށެވެ. އެއީ އެކަމަކު އަދި އެހެން މައުޟޫ އެކެވެ.

އެއްބަސްވުމަކާ ބަޔަކު ޚިލާފުވުމުގެ ސަބަބުން އުވޭ ނަމަ ސަރުކާރު ހިންގާ ކޯލިޝަނުގެ އެއްބަސްވުން މިހާރު އެއޮތީ އުވިފަ އެވެ. އެކަމަކު ކޯލިޝަން އެއްބަސްވުން އެއީ ކިތަންމެ ވަރަކަށް ހިލާފުވިޔަސް ނޫވޭ އެއްބަސްވުމަކަށް ވެސް  ވެދާނެ އެވެ. އެހެން ނަމަ އެއީ އަދި މުޅީން އާ ބާވަތެއްގެ އެއްބަސްވުމެކެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިނިވަންވާނީީ މިހާވަރައްް ނޫހެއްް ބުރަދަނެއްްނެތްް ވާހަކައެއްވިޔަސްް ފެތުރޭތޯޯ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *