ބުދަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީން 300 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ބަލީގައި ދެ މީހަކު މަރުވެއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު ފުރަތަމަ ފަހަރަށް ވެރިރަށުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 300 އިން މައްޗަށް އަރައިގެން ދިޔަ ފަހަރެވެ. ދިއްލީގައި ދިރިއުޅޭ މީހުންގެ ތެރެއިން 13.89 އިންސައްތަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ޖުމްލަ 806 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ.
ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި ދާދި ފަހުން ދިއްލީގައި ކޮވިޑުގެ ކޭސްތައް އިތުރުވެފައި ވަނީ ވައިރަހުގެ އާ "އެކްސްބީބީ.1.16″ ސްޓްރެއިންގެ ސަބަބުން ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ކޮވިޑް-19 އާ ގުޅޭ އުސޫލުތަކަށް އަމަލުކޮށް ވެކްސިން ބޫސްޓާ ޝޮޓް ޖަހަން ސިއްހީ މާހިރުން ލަފާދެއެވެ.
ކޭސްތައް އިތުރުވީ "އެޗް3އެން2″ އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ބަލި ފެތުރޭ މިންވަރު އިތުރުވަނީ ރޯގާ އާއި އެހެނިހެން އަލާމާތްތަކުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކު ކޮވިޑް ޓެސްޓު ހެދުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
ދިއްލީގެ ހެލްތު މިނިސްޓަރު ސޯރަބް ބަރްދްވާޖް ވިދާޅުވެފައި ވަނީ އެ ސިޓީގެ ހޮސްޕިޓަލްތަކުގައި އިންފްލުއެންޒާގެ މާ ގިނަ ކޭސްތަކެއް ނެތް ކަމަށާއި މޮނިޓާ ކުރަމުންދާ ކަމަށެވެ.